ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ހުރި ދެ މިސްކިތެއްގައި ޔަހޫދީ ވަޒަންވެރިން ހުޅުޖަހައި، އެ ދެ މިސްކިތުގެ ފާރުތަކުގައި ލިޔެ، ހުރުމަތް ކަނޑައިފިއެވެ.
މަންޒަރު ދުށް މީހުންނާ ޙަވަލާދީ ތުރުކީވިލާތުގެ އަނަދޫލޫ ނޫހަށް ބުނި ގޮތުގައި، ހުޅަނގު އައްސޭރީގައި ޤަވާޢިދާ ޚިލާފަށް ވަޒްންވެރިފައިވާ ޔަހޫދީންގެ ބައިގަނޑެއް، މިއަދުގެ ފަތިހުގެ ވަގުތެއްގައި ޖިލްޖީލިޔާ އަވަށަށް ވަދެގަނެ، އެތަނުގެ މިސްކިތުގައި އަލިފާން ރޯކޮށްފައިވެއެވެ.
މި ނިރުބަވެރި ޙަމަލާގައި އެ މިސްކިތުގެ އަންހެނުން ނަމާދު ބައި އަނދައި، ބޭރު ފާރުތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. ޖިލްޖީލިޔާގައި ފަހަކަށް އައިސް މިފަދަ ޙަމަލާތައް އިތުރުވެފައިވާ ކަމަށްވެއެވެ. މިދިޔަ މަހު ވެސް ޔަހޫދީ ވަޒަންވެރިން ވަނީ އެ އަވަށަށްޙަމަލާދީ، ފަލަސްޠީނުގެ ރައްޔިތަކަށް ނިސްބަތްވާ ޕިކަޕެއް ވަގަށް ނަގާފައެވެ.
މީގެއިތުރުން، މަޒްރާޢުލްނޫބާނީ އަވަށަށް ވެސް ޔަހޫދީ ވަޒަންވެރިންގެ ބައިގަނޑެއް ވަދެގަނެ، އެ އަވަށުގައި މިސްކިތެއްގައި ވަނީ ރޯކޮށްލާފައެވެ. މި ދެ މިސްކިތުގެ ފާރުތަކުގައި ވެސް ޔަހޫދީންގެ އެ ބައިގަނޑު ވަނީ، ޔަހޫދީ ޝިޢާރުތައް ލިޔެ، އެ ދެ މިސްކިތުގެ ޙުރުމަތް ކަނޑައިފައެވެ.
ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ރައްޔިތުންނާއި އެ މީހުންގެ މުދަލަށް ޔަހޫދީންގެ ނިރުބަވެރި ސިފައިންނާއި ވަޒަންވެރިން ދޭ ޙަމަލާތައް ދަނީ އިތުރުވަމުންނެވެ.
ޚާއްސަކޮށް، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޔަހޫދީން ޣައްޒާއާ ދެކޮޅަށް ނަޞްލު ހޭދަ ކުރުމުގެ ހަނގުރާމަ ފެށުނު ފަހުން، ޔަހޫދީ އާބާދީތަކާއި އަސްކަރީ އައުޓްޕޯސްޓްތަކާ ކައިރީގައިވާ ސަރަޙައްދުތަކުގައި ފަލަސްޠީނުގެ ދަނޑުވެރިންގެ ދަނޑުބިންތަކުގައި އަލިފާން ރޯކުރުމާއި ބިންތައް ފޭރިގަތުމާއި، އެ މީހުންގެ ދަނޑުބިންތަކަށް ވަނުމަށް ހުރަސްއެޅުން ފަދަ އަމަލުތައް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.
ފަލަސްޠީނުގެ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި، ޣައްޒާ ހަނގުރާމަ ފެށުނު ފަހުން ހުޅަނގު އައްސޭރީގައި ޔަހޫދީން ހިންގި ލާއިންސާނީ ޖަރިމާތަކުގައި ފަލަސްޠީނުގެ 1،169 މީހުން ޝަހީދުކޮށްލައި، 12،666 މީހުން ޒަޚަމްވެފައިވެއެވެ.
މީގެ އިތުރުން ގާތްގަނޑަކަށް 23،000 މީހުން ހައްޔަރުކޮށް، 33،000 މީހުންގެ ގެދޮރު ވަނީ ގެއްލުވާލައިފައެވެ.
ހުޅަނގު އައްސޭރީގައި ހުރި ދެ މިސްކިތެއްގައި ޔަހޫދީން ހުޅުޖަހައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ