އުމަރު ޒާހިރުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

މިއަދު އަވަހާރަވި، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ތައުޒިޔާ ވިދާޅުވެއްޖެއެވެ. އުމަރު ޒާހިރުގެ ދަރިކަނބަލުން އާމިނަތު ސާމިހާ ޒާހިރާ ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައި، މި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެ، ސާމިހާއަށާއި، އާއިލާގެ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވިއެވެ. އުމަރު ޒާހިރަކީ، ދިވެހި ދައުލަތަށް ވަރަށްދިގު މުއްދަތެއްގައި ވަރަށް އިޚްލާސްތެރި ޚިދުމަތްތަކެއް ކުރެއްވި އަދި ގައުމުގެ ތަރައްގީއާއި ކުރިއެރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު އަވަހާރަވުމަކީ، މުޅި ގައުމަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ އުމަރު ޒާހިރުގެ އާއިލާއަށް މި ލިބުނު ފުން ހިތާމައަށް ކެތްކުރެއްވުމުގެ ހިތްވަރު ދެއްވައި، މަރްހޫމުގެ ފުރާނައަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުން އެދިވަޑައިގެން ދުއާ ކުރައްވާފައެވެ. އުމަރު ޒާހިރު އަވަހާރަވީ ކޮވިޑަށް ޕޮޒިޓިވްވެ، އާލާސްކަންފުޅު ބޮޑުވެގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ