ސަޕޯޓަރުން އެއްގޮތަކަށް ވެސް މާޔޫސް ވާނެ ކަމެއް ނެތެވެ. ރޭ ގާނާއާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗަށް ފަހު އިންގްލެންޑުގެ ކޯޗު ތޯމަސް ޓުކެލް ވެސް ބުނީ އެހެންނެވެ. ދުނިޔޭގެ ފުޓުބޯޅައިގައި ވަރަށް ކުރިން ޗެމްޕިއަންކަން ހޯދި އިންގްލެންޑުން ދެ ވަނަ ފަހަރަށް ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރަން ކުރަމުން އަންނަ ދަތުރުގައި ރޭ ގާނާ އަތުން އެ ލިބުނީ މުހިންމު ޕޮއިންޓެކެވެ.
ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ވަރަށް ފަސޭހަކަމާ އެކު ކްރޮއޭޝިއާ ބަލިކުރުމަށް ފަހު އިންގްލެންޑުން ރޭ ގާނާއާ ދެކޮޅަށް ކުޅުނު މެޗުގައި ހިޔާރުކުރީ އެ ޓީމުގެ ހުނަރުވެރިކަން މާ ބޮޑަށް ނުދެއްކުމަށެވެ. ނަމަވެސް ނަންބަރުތަކަށް ބަލާއިރު މުޅި ގޭމުގެ ކޮންޓްރޯލް އޮތީ އިންގްލެންޑުގެ އަތުގަ އެވެ.
މުޅި މެޗުގައި 600އާ ގާތްކުރާ އަދަދަކަށް ޕާސްކޮށް، ބޯލް ޕޮސެޝަންގެ %79 ހިފަހައްޓައި، 19 ޝޮޓު އުފެއްދި އެވެ. ގޯލާ އަމާޒުވީ 3 ޝޮޓެވެ. އޭގެ ތެރެއިން އެންމެ ރަނގަޅު ފުރުސަތަކީ ދެ ވަނަ ހާފުގެ ފަހުކޮޅުގައި އެލިއޮޓް އެންޑަސަން ބޮލުން ޖަހައި ފޮނުވާލި ހަމަލާ އެވެ. އެ ޝޮޓު އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ފަހު ހާފުގެ އިތުރު ވަގުތުގައި ވެސް އެފަދަ ރަނުގެ ފުރުސަތެއް ލިބުނެވެ. އެ ހަމަލާ ހުއްޓުވީ ގޯލުގެ ރޮނގު މަތިން ކަހަލަ ގޮތަކަށެވެ. މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ވެސް ގޯލެއް ނުޖެހި، އެއްވަރު ވެގެންނެވެ.
ބޮޑެތި މުބާރާތްތަކުގެ ގްރޫޕު ސްޓޭޖުގެ ފުރަތަމަ މެޗުގައި އިންގްލެންޑު ފެންނާނީ އާދިޔާހިލާފަށް މޮޅުކޮށެވެ. އެކަމަކު ދެ ވަނަ މެޗުގައި އެއާ ދިމާ އިދިކޮޅަށެވެ. މިއީ ވޯލްޑް ކަޕް 2022 އަދި އެންމެ ފަހުން ކުޅުނު ޔޫރޯގެ ދެ މުބާރާތުގައި ވެސް ކަން ހިނގި ގޮތެވެ. ގްރޫޕު ސްޓޭޖުގެ ފަހު މެޗަށް ދާއިރު ސަޕޯޓަރުން ތިބެން ޖެހެނީ ނޭވާާ ހިފަހައްޓާލައިގެންނެވެ. މިފަހަރު ވެސް ކަން ދިމާވީ އެގޮތަށެވެ.
ރޭގެ މެޗުން މޮޅު ނުވިޔަސް، ގްރޫޕް އެލްގެ އެއް ވަނައިގައި ހަތަރު ޕޮއިންޓާ އެކު އަދިވެސް އޮތީ އިންގްލެންޑެވެ. އަދި ދެ ވަނައިގައި އޮތް ގާނާއަށް ވެސް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.
އިންގްލެންޑުން ދެން ނުކުންނާނީ ރޭ ފަތިހު ކްރޮއޭޝިއާ އަތުން ބަލިވެ، މުބާރާތުގެ ދެން އޮތް ބުރުން ޖާގަ ގެއްލިފައިވާ ޕެނަމާއާ ދެކޮޅަށެވެ.
ކޯޗު އެ ބުނި ފަދައިން ސަޕޯޓަރުން އަދި އެއްގޮތަކަށް ވެސް މާޔޫސް ވާނެ ކަމެއް ނެތެވެ. ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ އިންތިޒާރުގައި 60 އަހަރު ވެސް ތިބީތާ އެވެ. މިއީ އިންގްލެންޑުގެ ފަހަރެއް ނަމަ، ތަށި އުފުލައިލަން ދެން ބާކީ އޮތީ އެންމެ ހަ މެޗެވެ.
ވަރަށް ކުރީގެ ޗެމްޕިއަން އިންގްލެންޑު، ވޯލްޑް ކަޕްގެ ތަށި އުފުލާލަން ބާކީ 6 މެޗު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ