ކަރަންޓް ނެތޭ ކިޔާފަ ކުށްގިނަ އެއް ނޫން - ތިނަދޫ ޕޮލިސް

ތިނަދޫ އިންޖީނު ގޭގައި މީގެ 3 ދުވަސް ކުރިން ރޯވެ އަނދައި ހުލިވުމާއި ގުޅިގެން އެރަށުން އެކީ ކަރަންޓްގެ ހިދުމަތް މެދުކެނޑިފައިވާއިރު އެރަށުގައި ހިނގާ ވައްކަމާއި އިތުރު މައްސަލަތަކުގެ އަދަދު ވަކި ގިނަ އެއް ނޫން ކަމަށް ތިނަދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖް ހަނީފް ވިދާޅުވެއްޖެއެވެ.
"ވަގުތު"އަށް މަޢުލޫމާތު ދެއްވަމުން ހަނީފް ވިދާޅުވީ، ކަރަންޓް ނެތި މިދިޔަ ތިން ދުވަސް ތެރޭގައި ހިނގާފައިވަނީ ވައްކަމުގެ އެންމެ މައްސަލައެއް ކަމަށެވެ. އެއީ ރޭ ހިނގާދިޔަ ކަމެއް ކަމަށް ހަނީފް ވިދާޅުވިއެވެ.
އޭގެ އިތުރުން ތިނަދޫގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ މަސައްކަތް 24 ގަޑިއިރު ފުލުހުން ކުރިޔަށް ގެންދާއިރު، ފުލުހުން ބޭނުންވާފަދަ ހާލަތެއް އައިސްފިނަމަ ކައިރި ރަށްރަށުންނާއި މާލެއިން ފުލުހުން ގެންނާނެ ކަމަށް އޭނާ ވިދާލުވިއެވެ.
އެހެން ނަމަވެސް މިވަގުތު ރަށަށް ބޭނުންވާ ވަރަށް ފުލުހުން އެބަތިބިކަން ހަނީފް ވަނީ ފާހަގަ ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ