އަދީބު ވަކިކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުމާމެދު މިދަނީ ވިސްނަމުން - ޝަމީމް

ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި، އަހުމަދު އަދީބުގެ މައްޗަށް އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށާއި، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާ މެދު ވިސްނަމުންދާ ކަމަށް އަދީބުގެ ވަކީލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ މިރޭ ވާހަކަދައްކަމުން ޝަމީމް ވިދާޅުވީ، މަޖިލީހުގައި މިއަދު ނެގި ވޯޓަކީ ގާނޫނު އަސާސީއާ ޚިލާފަށް ނެގި ވޯޓެއް ކަމަށާއި، އެހެންވެ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާ މެދު އަދީބުއާ މާދަމާ މަޝްވަރާކުރައްވާނެ ކަމަށެވެ.
"މާދަމާ އަދީބުއާ ބައްދަލުކޮށްފައި އެކަމުގައި މަޝްވަރާ ކުރާނަން، އަދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ޖެހޭކަމަށްވާނަމަ ހުށަހަޅާނަން،" ޝަމީމް ވިދާޅުވިއެވެ.
މީގެއިތުރުން ޝަމީމް ވަނީ، އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވާން އަދީބަށް ދީފައި އޮތް 14 ދުވަހުގެ މުއްދަތު ހަތް ދުވަހަށް ކުރު ކުރީ ވެސް ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ކުއްލި ހާލަތު އިއުލާން ކުރިޔަސް ގާނޫނު އަސާސީގެ މާއްދާއަކަށް ބަދަލު ގެނައުމުގެ ބާރު ރައީސަށް ނޯންނާނެ ކަމަށާއި، އަދި އެ ބަދަލު ގެނައިކަން އަދީބަށް އަންގާފައި ނުވާކަން ވެސް ޝަމީމް ފާހަގަކުރެއްވިއެވެ.
އަދީބު ހާޒިރުކޮށް އޭނާގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަކީ އެ ވޯޓުގެ ސައްހަކަން ގެއްލޭނެ ކަމެއް ކަމަށާއި، އަދި މަޖިލީހަށް ހާޒިރުކޮށް ދިނުމަކީ ފުލުހުން ކުރަންޖެހޭ ކަމެއް ކަމަށްވެސް، ޝަމީމް ވިދާޅުވިއެވެ.
ރާއްޖޭގެ އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭ ގޮތަށް ސުޕްރީމް ކޯޓުން ޝަމީމް ސަސްޕެންޑް ކޮށްފައިވާއިރު، އޭނާ ވަނީ ސަސްޕެންޑްކުރީ އެއްވެސް ވަރަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމެއް ނެތި ކަމަށާއި، އަދި ކޯޓުތަކާ ބެހޭގޮތުން އެއްވެސް ގޯސް ވާހަކައެއް މިހާތަނަށް ދައްކަވާފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.
"އެކަމަކު ސުޕްރީމް ކޯޓުން ފިޔަވަޅެއް އަޅާފައި އޮތިއްޔާ އޮންނާނީ ރަނގަޅަށް. އެ ބޭފުޅުންނަކީ އާދަޔާ ޚިލާފަށް މޮޅަށް ކަންކަން ކުރައްވާ ބޭފުޅުންނަށްވާތީ އެކަން އޮންނާނީ ރަނގަޅަށް" ޝަމީމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ