އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒުކުރަމުން މިދަނީ: ފުލުހުން
ދައުލަތުގެ ބަންޑާރަނައިބާއި ޕްރޮސިކިއުޓާރ ޖެނަރަލްގެ ލަފާފުޅުގެ މަތިން ފުރިހަމަ ކުރަންޖެހޭ ގާނޫނީ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު ސުޕްރީމް ކޯޓުގެ އަމަރު ތަންފީޒު ކުރަމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ. ސުޕްރީމް ކޯޓުން ރޭ އަމަރުކޮށްފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓޑ) މުހައްމަދު ނާޒިމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންވެސް ހިމެނޭ ގޮތަށް ޖުމްލަ ނުވަ ބޭފުޅަކު ދޫކޮށްލުމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށްވެސް ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ. ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރުގައި ހިމެނޭ ކަންކަން، ދައުލަތުގެ ބަންޑާރަނައިބާއި ޕީޖީގެ ލަފާފުޅުގެ މަތިން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު ތަންފީޒުކުރަމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ޕީޖީ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަމުރު ތަންފީޒުކުރުމަށް ކޯޓަށް ހުށަހަޅަން ބޭނުންވާ ޝަރުއީ އަދި ގާނޫނީ ކަންކަމުގެ ތަފްސީލު އެ ކޯޓަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ޑިއު ޕްރޮސެސް ފޮލޯ ކުރުމަށް އުއްތަމަ ފަނޑިޔާރު ލަފާދެއްވި ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ސުޕްރީމް ކޯޓުން އަމަރު ނެރުމަށްފަހު އެއާ މެދު އިތުރަށް ބަހުސްކޮށް އިސްތިއުނާފްކުރުމުގެ ފުރުސަތެއް ގާނޫނުން ލިބިގެންނުވާ ކަމަށާއި މިހާރުން މިހާރަށް ހުކުމް ތަންފީޒުކުރަން ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ