އަމިއްލަފުޅު ވެރިކަމުގައި ޖަލަށްލެއްވި، ކުރީގެ ރައީސް އަދި ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމަކީ ހިދުމަތްތެރި ސިޔާސީ ލީޑަރެއް ކަމަށާއި ނަމަވެސް އެމަނިކުފާނުގެ ދިގު 30 އަހަރުގެ ވެރިކަމުގެ ފަހު ދައުރުގައި އޭރު އެމްޑީޕީން އިދިކޮޅުގައި ތިބެ، ރައްޔިތުންނަށް ކަންކަން ދިޔައީ ވަރަށް ބޮޑަށް އޮޅުވާލަމުން ކަމަށް އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި ޔާމީން ވިދާޅުވީ އޭރު އެމްޑީޕީން ދައްކަމުން އައި ވާހަކަ އާއި މިހާރު ބާރު ލިބުމުން ކަންކުރާ ގޮތް ދިމާ ނުވާ ކަމަށެވެ.
އެނގުން މުހިންމު - ޔާމީން 2013 ގައި ވެރިކަމަށް ގެންނަވަން މަސައްކަތް ކުރެއްވި ޕީޕީއެމްގެ އޭރުގެ ރައީސް މައުމޫންއާ ފަހުން ޖެހުނު މައްސަލަތަކެއްގައި އެމަނިކުފާނު ޕާޓީން ވަކިކޮށް، ސަރުކާރު ވައްޓާލަން އުޅުއްވިކަމުގެ ތުހުމަތުގައި ޖަލަށް ވެސް ލި އެވެ. ދެ ބޭފުޅުންގެ ގުޅުން އަދިވެސް އޮތީ ވަރަށް ބޮޑަށް ގޯސްކޮށެވެ.
ވީ ކިހިނެއް؟ - މިލަދޫގައި ބޭއްވި ޖަލްސާގައި ޔާމީން ވަނީ، މައުމޫންގެ ވެރިކަމުގައި 'ޑިމޮކްރަސީ ގެނައުމަށް ކަމަށް ބުނެ' އެމްޑީޕީން އޭރު ދެއްކި ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ތަފްސީލު - ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ރާއްޖެއަށް ތައާރަފްކުރި އިރު، މިލަދުއަކީ ވަރަށް ބޮޑަށް އެމްޑީޕީގެ ރަށެއްކަން ފާހަގަކުރައްވަމުން، ޔާމީން ވިދާޅުވީ، އެ ރަށް ހިމެނޭ ގޮތަށް ރާއްޖޭގެ ގިނަ ރަށްތަކުގައި ތިބި ރައްޔިތުން އެމްޑީޕީން އޭރު ދެއްކި ވާހަކަތައް ގަބޫލުކުރި ކަމަށެވެ. ނަމަވެސް މިހާރު، އެ ޕާޓީ ވެރިކަމަށް އައުމުން އޭރު ދެއްކި ވާހަކަތަކަށް މިހާރު އަމަލު ނުކުރާ ކަމަށް ވިދާޅުވި އެވެ.
"ރައީސް މައުމޫނަކީ، ހިދުމަތްތެރި ލީޑަރެއް. އެއީ ޝައްކެތް އޮތް ކަމެއް ނޫން. އެކަމަކު ތޮބީއީ ކަމެއް، ބަދަލެއް ބޭނުންވާނެ.. އޭރު އެމްޑީޕީން ފަތުރަމުން ދިޔައީ، އެ ސަރުކާރުގެ ނިޒާމުގައި ހުރި މައްސަލަތަކާއި ޑިމޮކްރަސީ ނެތިއްޔާ އަޅުގަނޑުމެންނަށް ކުރިއަށް އޮތް ތަނުގައި އެއްވެސް ކަހަލަ ކުރިއެރުމެއް ނެތް ކަމާ އަދި އެއްވެސް ހިދާޔަތެއް ނެތް ކަމާއި ޑިމޮކްރަސީއަކީ ލާމަސީލު ނަމޫނާއެއްކަމާއި މިނޫން ގޮތަކަށް ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް އަޑުއުފުލުމަށް މިކަހަލަ އެއްވެސް ކަމެއް ކުރުމަށް ޖާގަ ނެތް ކަމަށް،" މިހާރު ކަންކަން ހިނގަނީ އެ އުސޫލުން ނޫންކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވި އެވެ.
މައުމޫންގެ ސަރުކާރުގައި ޓްރޭޑް މިނިސްޓަރުކަމާއި އެނޫން ވެސް މަގާމުތައް ފުރުއްވި، ޔާމީން ވިދާޅުވީ އޭރު އިސްލާހީ ހަރާކާތުގައި އުޅުއްވި ބޭފުޅުން ދެއްކެވި ވާހަކަތަކުން އުނދަގޫތައް އެ ސަރުކާރަށް ކުރިމަތިވި ކަމަށެވެ.
"އިވާން ނަސީމްގެ މަރު ހިނގައިދިޔަ. މާފުށީ ޖަލުގައި ބަޑި ޖެހުމުގެ މައްސަލަ ހިނގައިދިޔަ. މިހަލަ އުނދަގޫ ކަންތައްތަކެއް ދިމާވި. އެކަމަކު އަޅުގަނޑު ގާތް ކުރެވޭތޯ، ނުވަތަ ތިބޭފުޅުންގެ ހިޔާލު ކައިރި ކުރެވޭތޯ މި ބަލަނީ، އެ ދެއްކި ވާހަކަތަކާއި ބަދަލެއް ގެންނަން ކުރެވުނު މަސައްކަތުގައި އެއީ ކަންނޭނގެ މިލަދޫ ރައްޔިތުންގެ ވިސްނުން ވެސް އޭރު ހުރި ގޮތަކީ،" ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިލަދޫ ރައްޔިތުންނަށާއި އޭރު އެވާހަކަތައް ގަބޫލުކުރި ފަރާތްތަކަށް މިހާރު އެމްޑީޕީގެ "ހަގީގީ ސޫރަ ފެންނަމުން" ދާ ކަމަށެވެ.
"މިއަދު މިއޮތީ، ހަގީގީ ސޫރަ ފެންނަން، އިތުރަށް ހޯދާކަށް ނުޖެހި. މިއަދު މި އޮތީ [އެމްޑީޕީ] ބަރަހަނާވެފައި، މިއަދު މިއޮތީ ބަރަހަނާވެފައި،" ޔާމީން ވިދާޅުވި އެވެ.
ދެން ޔާމީން ގެންނެވީ ހޯޑެއްދޫގައި ފުލުހުން ހިންގި ޑްރަގު އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ހުއްޓާ މަރުވި، އެރަށު ޕީޕީއެމް ސްޓިއަރިން ކޮމިޓީގެ ރައީސް އަބްދުﷲ ރަޝީދުގެ ވާހަކަ އެވެ. ޔާމީން ގަބޫލުކުރައްވާ ގޮތުގައި އެއީ ތޮބީއީ މަރެއް ނޫނެވެ.
"އިންސާނަކު މަރުވެދާނެ. [އެކަމަކު] އަޅުގަނޑުމެންނަށް ގަބޫލުނުކުރެވެނީ މިއީ ތޮބީއީ މަރަކަށް ވެދާނެކަމަށް. ނޫނީ މިއީ ތޮބީއީ މަރަކަށް ނުވެދާނެކަމަށް ހުދު އަޅުގަނޑަށާއި އަޅުގަނޑުގެ ޕާޓީގައި މަސައްކަތް ކުރާ މީހުންނަށް ގަބޫލުކުރެވޭ،" ޔާމީން ވިދާޅުވި އެވެ.
"އޭރު [އެމްޑީޕީން] ކިހިނެއް ތިބީ؟ އޭރު މަރުވާ ކޮންމެ މީހަކީ ރައީސް މައުމޫން މަރާލި މީހެއް. އޭގެ ޒިންމާ އުފުލަން ޖެހެނީ [އެމްޑީޕީން ބުނާ ގޮތުން މައުމޫން]. އެކަމުގައި އެތައް ބަޔަކު އެއްވެ، އެމްޑީޕީން އަޑުގަދަ ކުރަމުން ދިޔައީ،" ޔާމީން ވިދާޅުވި އެވެ.
އިތުރަށް ކިޔާލަން: އަބްދުﷲ މަރުވަންދެން ބޭއްވީ؛ އޮޓޮޕްސީ ހަދަން ދެކޮޅު: އާއިލާ
އެމަނިކުފާނު ވިދާޅުވީ މަގުމައްޗަށް ނުކުމެ އަޑު އުފުލަައި، މައުމޫންގެ ވެރިކަން ނިމުމަކަށް ގެންނަން ޕާޓީ ނިޒާމް ތާއާރަފްކުރަން ނުކުތް މީހުން ޑިމޮކްރަސީގެ ވާހަކަ ދައްކައި، ރައްޔިތުންނަށް ވަރަށް ބޮޑަށް އަޅޮވާލި ކަމަށެވެ. ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށް ވަކާލާތު ވެސް ކުރި ކަމަށް ވިދާޅުވި އެވެ. ނަމަވެސް ވިދާޅުވީ މިއަދު އެ ހުރިހާ ކަމަކށް މި ސަރުކާރުން ދަނީ ހުރަސް އަޅަމުން ކަމަށެވެ.
"އަޅުގަނޑު މި ދައްކާ ވާހަކައަކީ، ރައްޔިތުންނަށް މި ދައްކާ މިސާލު، އެ މިސާލު ޔުނީފޯމްކޮށް، އެއްގޮތަކަށް އެޕްލައި ކުރަން ދަސްކުރާށޭ. މިހާރު އެބޭފުޅުންނަށް ވެރިކަމަށް ވަޑައިގެންނެވުނީމަ، ސިފައިން ވެސް ރަނގަޅު. ފުލުހުން ވެސް ރަނގަޅު. އަނިޔާކުރުން ވެސް ރަނގަޅު. އެއްވުމަކީ ވެސް މަނާ ކަމެއް. އަޑުއުފުލުމަކީ ވެސް މަނާ ކަމެއް،" އަމިއްލަފުޅު ވެރިކަމުގައި ވެސް އެ ހައްގުތަކަށް ވަރަށް ބޮޑަށް ހުރަސް އެޅުއްވި ޔާމީން ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގައި ވެސް ވާހަކަ ދައްކަވާނެ ގޮތަކަށް ދެއްކުމަކީ ހުއްދަ ކަމެއް. ދީނެއް މިއްލަތެއް އެހެން ކަމެއް އޮތް ކަމަށް ގަބޫލެއް ނުކުރޭ. މިއީ ދެއްތޯ އެމްޑީޕީގެ ހަގީގަތް، މިހާރު ހިނގަމުންދާ ގޮތް. މިހާރު އެމްޑީޕީގެ ވާހަކަ ގަބޫލުކުރާ ބަޔަކު ރާއްޖޭގައި ނެތް."
އެނގުން މުހިންމު - މާފުށީ ޖަލުގައި ސިފައިން އަނިޔާކޮށް އީވާން ނަސީމު މަރާލުމާ އެކު ޖަލުގައި ހަމަނުޖެހުން ބޮޑުވި އެވެ. އަދި ޖަލު ހަލާކުކޮށްލައިގެން ގައިދީން ނުކުންނަން އުޅުމުން ސިފައިން ބަޑި ޖެހުމުން އިތުރު ފަސް މީހަކު މަރުވެ، އެތައް ބަޔަކު ޒަހަމްވި އެވެ.
މާލޭގައި އެތައް ބަޔަކު، ހާއްސަކޮށް ޒުވާނުން، މަގުމައްޗަށް ނުކުމެ ތަންތަނުގައި ހުޅު ވެސް ޖެހި އެވެ. އެކަން ހަމަޔަކަށް އެޅުވީ ސިފައިން ނުކުމެގެންނެވެ.
އެއީ ރާއްޖެ ބަދަލަކަށް ބޭނުންވާކަން އެނގުނު ހާދިސާއެކެވެ. އޭގެ ފަހުން މައުމޫނާ ދެކޮޅު މީހުން ސްރީ ލަންކާގައި އެމްޑީޕީ އުފައްދައި، ބައިނަލްއަގުވާމީ މުޖުތަމައު ގަބޫލުކުރާ އިދިކޮޅު ބާރެއް އިންތިޒާމްކުރި އެވެ. އަދި މައުމޫން ދޫދެއްވައި، ސިޔާސީ ހުޅުވާލުން ކުރިއަށް ގެންދަވަން އިސްލާހީ އެޖެންޑާއެއް2004 ގައި އިއުލާންކުރެއްވި އެވެ.
އާ ގާނޫނުއަސާސީއެއް ހަދައި، 2008 ގައި ރާއްޖޭގެ ފުރަތަމަ މިނިވަން އިންތިހާބެއް ބޭއްވުނީ އެ މަރުހަލާގެ ތެރޭގަ އެވެ. ޔާމީން ވިދާޅުވި ގޮތަށް ފުލުހުންގެ ބެލުމުގެ ދަށުގައި ތިއްބާ މީހަކު މަރުވެއްޖެ ނަމަ އެއީ ގަސްދުގައި މަރާލީކަމަށް، އެމްޑީޕީން އަޑުއުފުލި އެވެ.
އާ ގާނޫނު އަސާސީން ލިބިދޭ އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރީ ޔާމީންގެ ސަރުކާރުގައި އެމަނިކުފާނުގެ ޕީޕީއެމްގެ ބާރު އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ. އޭރު އެމްޑީޕީން އެކަމާ ދެކޮޅު ހެދި އެވެ. ގާނޫނަކުން ހަނިކުރި މިނިވަންކަން، އެމްޑީޕީގެ ވެރިކަމެއްގައި ބަދަލު ކުރާނެ ކަމަށް ވެސް ވައުދުވި އެވެ. ނަމަވެސް ސަރުކާރަށް ހަތަރު އަހަރު ވަމުން ދާއިރު އަދިވެސް އޮތީ ޔާމީންގެ ވެރިކަމުގައި ހެދި ގޮތަށް ހުއްދަ ހޯދައިގެން ކާނިވާ ސަރަހައްދުގައި ނޫނީ އެއްވެ ނޫޅެވޭ ގޮތަށެވެ.
އިތުރު މައުލޫމާތު - ޔާމީން ވިދާޅުވީ ދީނީ އިލްމުވެރިން ވެސް ސިޔާސީ ދޮގުތައް ހަދަމުން ގެންދަވާ ކަމަށެވެ. އެގޮތުން ނެންގެވީ 1 މޭ 2015 ގައި މާލޭގައި އޮތް ބޮޑު އެއްވުމުގައި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަ އެވެ. އެ ދުވަހު އޭނާ ވިދާޅުވީ 2012 ގައި އަވަހާރަކޮށްލި ޑރ. އަފްރާޝީމް އަލީގެ މަރުގައި ޔާމީން ހިމެނިވަޑައިގަންނަވާ ކަމަށެވެ.
ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނަށް އެފަދަ ތުހުމަތެއް ކުރެއްވި އިރު އިމްރާން މިނިސްޓަރަކަށް ހުންނެވި ސަރުކާރުން އެކަން ބަލައި، ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.
މައުމޫން ހިދުމަތްތެރި، އިދިކޮޅުގައި އޮވެ އެމްޑީޕީން އޮޅުވާލީ: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ