ވޯލްޑް ކަޕުގެ ކާމިޔާބީއާއެކު އޯޓިޒަމް ހުންނަ ދަރިފުޅަށްޓަކައި މާކް ކުކުރެޔާ ކުރި ނަމޫނާ ދަތުރު

ފުޓްބޯޅަ ދަނޑުމަތީގައިި ސްޕެއިންގެ ޤައުމީ ޓީމާއެކު 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ނަމަވެސް މާކް ކުކުރެޔާގެ އަސްލު ކާމިޔާބީއަކީ ހަމައެކަނި ދަނޑުމަތީގައި ހޯދި ރަން މެޑަލެއް ނޫނެވެ. އެއީ އޭނާގެ ދޮށީ ދަރިފުޅު މަތެއޯއަށްޓަކައި އާއިލާއިން ކުރި ދިގު، އަސަރުގަދަ އަދި ހިތްވަރުގަދަ ދަތުރެވެ. ކުކުރެޔާއާއި އޭނާގެ ބައިވެރިޔާ ކްލޯޑިއާ ރޮޑްރިގޭޒްގެ ދަރިފުޅު މަތެއޯގެ ހަރަކާތްތަކުން ތަފާތުކަމެއް ފާހަގަވާން ފެށީ އޭނާގެ އުމުރުން އެންމެ 13 މަހުގައެވެ. މީހުންނާ ހަތަރުކަޅި ހަމަނުކުރުމާއި، ނަމުން ގޮވާލުމުން އިޖާބަނުދިނުން ފަދަ ނިޝާންތައް ފެނުނު ނަމަވެސް، ފެށުމުގައި ޑޮކްޓަރުންނަށް ވަކި ނިންމުމެއް ނުނިންމުނެވެ. ސްޕެއިންގެ ތަރި މާކް ކުކުރެޔާއާއި އޭނާގެ ދަރިފުޅު މަތެއޯ-- ނަމަވެސް، 2022 ވަނަ އަހަރު 65 މިލިއަން ޕައުންޑުގެ އަގަކަށް ޗެލްސީއަށް ބަދަލުވި ދުވަސްވަރު މަތެއޯއަކީ އޯޓިޒަމް ހުންނަ އަދި ވާހަކަނުދެއްކޭ ކުއްޖެއްކަން ކަށަވަރުވިއެވެ. މި ދުވަސްވަރަކީ ބައްޕައެއްގެ ގޮތުން ކުކުރެޔާއަށް ކުރިމަތިވި އެންމެ ބޮޑު އިމްތިޙާނެވެ. އާދައިގެ ސުކޫލަކަށް މަތެއޯ ލުމުން އެ މާހައުލަށް އަހުލުވެރިނުވެވި، މުޅި ދުވަހު ރޮއި ހަދާތީ ސުކޫލުން ބަލައިދާން ޖެހުނެވެ. ސްޕެއިންގެ ތަރި މާކް ކުކުރެޔާއާއި އޭނާގެ އާއިލާ ވޯލްޑް ކަޕުގެ ޓްރޮފީއާއެކު-- ދަރިފުޅު ދެރަވެފައި ހުންނައިރު އެހީތެރިވާނެ ގޮތެއް ނޭނގުމާއި، ދަރިފުޅުގެ އިޙްސާސްތައް ދެނެގަންނަން ނޭނގުމުގެ ހިތްދަތިކަމުގައި ދެމަފިރިން ކޮންމެ ދުވަހަކު ކަރުނައަޅައި ރޯންޖެހުނެވެ. ކުކުރެޔާ ފާހަގަކުރި ގޮތުގައި، އޮޓިޒަމް ހުންނަ ކުއްޖަކަށް އެހެން ކުދިން ފަދައިން ކަންކަން ނުވިސްނޭނެތީ، އެކުއްޖާ ދެނެގަންނަން ދަސްކުރަން ޖެހުނީ އަމިއްލައަށެވެ. ޗެލްސީގައި ފުރަތަމަ ސީޒަނުގައި މީޑިއާއާއި ސަޕޯޓަރުންގެ ބޮޑެތި ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ކުކުރެޔާއާއި އޭނާގެ ބައިވެރިޔާ އިސްކަންދިނީ ދަރިފުޅަށް ބޭނުންވާ ޚާއްޞަ އެހީތެރިކަން ހޯދައިދިނުމަށެވެ. ލަންޑަނުން މަތެއޯއަށް ޚާއްސަ ސުކޫލެއް ލިބުމާއެކު ދިރިއުޅުމަށް ބޮޑު ހަމަޖެހުމެއް އައެވެ. އެ ސުކޫލަށް ދަރިފުޅު ގެންގޮސްދިނުމަށްޓަކައި ކްލޯޑިއާ ކޮންމެ ދުވަހަކު ކާރުގައި ހަތަރު ގަޑިއިރު ހޭދަކުރި ނަމަވެސް، ފަހުން ދަރިފުޅުގެ ފަސޭހައަކަށްޓަކައި އާއިލާ ލަންޑަނަށް ދިރިއުޅުން ބަދަލުކުރިއެވެ. މިއަދު ކުކުރެޔާގެ ކެރިއަރުގެ ކޮންމެ ނިންމުމެއް ނިންމަނީ މަތެއޯއަށް އިސްކަންދީގެންނެވެ. ކުޅޭނެ ކުލަބެއް ނުވަތަ ދިރިއުޅޭނެ ރަށެއް އިޚްތިޔާރުކުރުމުގެ ކުރިން އެންމެ ފުރަތަމަ ބަލަނީ އެތަނެއްގައި މަތެއޯއަށް ބޭނުންވާ ތެރަޕީއާއި ޚާއްޞަ ސުކޫލްތައް ހުރިތޯއެވެ. ފީފާ ވޯލްޑް ކަޕް 2026 ގެ ޓްރޮފީއާއެކު ކުކުރެޔާ-- އޭނާ ގަބޫލުކުރާ ގޮތުގައި، އޯޓިޒަމް ހުންނަ ކުއްޖަކު ހޯދާ އެންމެ ކުޑަކުޑަ ކުރިއެރުމަކީ ވެސް ދަނޑުމަތީގައި ލިބޭ ކޮންމެ ކާމިޔާބީއަކަށްވުރެ މާ ބޮޑު އުފަލެކެވެ. މީގެ އިތުރުން، އަމިއްލަ ތަޖުރިބާ މީޑިއާތަކުގައި ހިއްސާކޮށް، އެހެން އާއިލާތަކަށް ހިތްވަރުދީ، އޯޓިޒަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ދެމަފިރިން އިސްނަގައިގެން މަސައްކަތްކުރެއެވެ. މި އަހަރުގެ ވޯލްޑް ކަޕް ފައިނަލް މެޗުގައި އާޖެންޓީނާ ބަލިކޮށް، ދުނިޔޭގެ ޗެމްޕިއަންކަން ސްޕެއިން ހޯދިއިރު، ކުކުރެޔާ ދެއްކި މޮޅު ކުޅުމުގެ ފަހަތުގައި ވަނީ އޭނާގެ ދަރިފުޅުގެ ފަރާތުން ލިބުނު ހިތްވަރެވެ. ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ ރަން ތަށި އުފުލާލި ދަނޑުމަތީގައި ވެސް އަދި ދިރިއުޅުމުގެ މައިދާނުގައި ވެސް ކުކުރެޔާއަކީ ހަޤީޤީ ޗެމްޕިއަނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ