ރާއްޖެއިން ކުރިން ނައްތާލާފައިވާ ބައްޔެއް ކަމުގައިވާ ހިމަބިހި (މީސްލްސް) ގެ 186 ކޭސް މި އަހަރުގެ ތެރޭގައި ރާއްޖެއިން ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.
އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުން މިދިޔަ ހަފްތާގައި ހިމަބިހީގެ 20 ކޭސް ފެނިފައިވާއިރު، މި އަހަރު މިހާތަނަށް ހިމަބިހީގެ ޖުމްލަ 186 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ހިމަބިހި އަލުން ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެޗްޕީއޭއިން ވަނީ ވެކްސިން ދިނުމުގެ ކެމްޕެއިނެއް ފަށާފަ އެވެ. ހިމަބިހީގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާކަން ޔަގީންނުވާ މީހުން، ކަނޑައެޅިފައިވާ ވެކްސިންދޭ މަރުކަޒަކަށް ގޮސް ވެކްސިން ފުރިހަމަކުރަން އެޗްޕީއޭއިން ވަނީ އެދިފަ އެވެ.
އޭގެއިތުރުން ބަލިޖެހިފައިވާ މީހަކާ ކޮންޓެކްޓުވިކަން އެނގޭ މީހުން، ހުޅުމާލެ ނުވަތަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުން ކޮންޓެކްޓަރުންނަށް ހިމަބިހީގެ ވެކްސިން ޖަހަން ކަނޑައަޅާފައިވާ ވަގުތު ވެކްސިން ޖަހަންވެސް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ހިމަބިހީގެ ވެކްސިން މާލެ ސަރަހައްދުގެ ހޮސްޕިޓަލުތަކުގެ އިތުރުން ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ކަނޑައެޅިފައިވާ ގަޑިތަކެއްގައި ދަނީ ވެކްސިން ޖަހައި ދެމުންނެވެ.
އެޗްޕީއޭއިން ވަނީ ބަލީގެ އަލާމާތްތައް ހުރިހަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދާން އިލްތިމާސްކޮށްފަ އެވެ. އަދި، ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރަން އެދިފައިވެ އެވެ.
އޭގެ އިތުރުން، ހުންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދައި، އަދި ފަރުވާ ހޯދަން އަންނައިރު މާސްކު އެޅުމުގެ އިތުރުން އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރަން އެޗްޕީއޭއިން ވަނީ އެދިފަ އެވެ.
ހިމަބިއްސަކީ 2017 ވަނަ އަހަރު ރާއްޖެއިން މުޅިން ނައްތާލާފައިވާ ބައްޔެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ބައްޔެކެވެ. ނަމަވެސް 2020 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ވެސް ވަނީ ހިމަބިހީގެ ކޭސްތަކެއް ރާއްޖެއިން ފެނިފަ އެވެ. އެ ކޭސްތައް އޭރު ވަނީ ކޮންޓުރޯލް ކޮށްފަ އެވެ.
ހިމަބިހިން ރައްކާތެރިވުމުގެ ވެކްސިން ދެނީ ދެ ޑޯޒަކަށް ބަހާލައިގެންނެވެ. ފުރަތަމަ ޑޯޒް ދެނީ އުމުރުން އެއް އަހަރުގަ އެވެ. ދެވަނަ ޑޯޒް ދެނީ އުމުރުން ގާތްގަނޑަކަށް ތިން އަހަރުގަ އެވެ. މިހާރު ވެކްސިންދެމުން ދަނީ ދެ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށެވެ.
ހިމަބިހިން ރައްކާތެރިވުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ވެކްސިން ޖެހުން ކަމަށް ޑޮކްޓަރުން އަންނަނީ ބުނަމުންނެވެ. އަދި ވެކްސިނާއެކު ރާއްޖެއިން ނައްތާލެވިފައިވާ ބަލިތަކަކީ ކައިރި ގައުމުތަކުން އައިސްދާނެ ބަލިތައް ކަމަށްވާތީ، ވެކްސިން ޖެހުމުގައި ފަރުވާ ކުޑަ ނުކުރަން ޑޮކްޓަރުން އިލްތިމާސްކުރެ އެވެ.
މިދިޔަ ހަފްތާގައި ހިމަބިހީގެ 20 ކޭސް، ޖުމްލަ އަދަދު 186 އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ