އެމްޕީއެލް ބަނދަރު ސަރަހައްދުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ފަދަ ހާދިސާތައް ހިނގަނީ ސިޔާސީ ނުފޫޒުން ނާގާބިލު މީހުންނަށް މުހިންމު މަގާމުތައް ދޭތީ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެމްޕީއެލް ބަނދަރު ސަރަހައްދުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލީ މިދިޔަ އާދީއްތަ ދުވަހު އެވެ.
ޖުމްލަ 14 މީހަކު ތިބި އެ ކޮޅުވެއްޓި ބަންޑުން ޖަހާލުމާ ގުޅިގެން ފަރުވާއަށް ހަ މީހަކު އައިޖީއެމްއެޗަށް ގެންދިޔަ އެވެ. އެއީ ހަތަރު ދިވެހިންނާއި ދެ ބިދޭސީއެކެވެ.
އޭގެ ތެރެއިން ދިވެއްސަކާއި ބިދޭސީއަކު ވަނީ ފަރުވާދެމުން ދަނިކޮށް މަރުވެފަ އެވެ.
ތަފްސީލު - އާޒިމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ހާދިސާގައި މަރުވި ދެ މީހުންގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ.
ރާއްޖޭގެ ބޮޑެތި ބައެއް ކުންފުނިތަކުގެ އެންމެ އިސް މަގާމު ފުރުއްވި ބޭފުޅެއްގެ ހައިސިއްޔަތުން އާޒިމް ވިދާޅުވީ އެފަދަ ހާދިސާތައް ހިނގަނީ "ސިޔާސީ މީހުންގެ ނުފޫޒުން، ތައުލީމެއް، ތަޖުރިބާއެއް ނެތް މީހުން، މިފަދަ ހައްސާސް މަސައްކަތްކުރާ ތަނެއްގެ އިސް މަގާމުތަކަށް ލުމުގެ ސަބަބުން" ކަމަށެވެ.
"އެމްޕީއެލްގެ ހެޑް އޮފް ސޭފްޓީއަކަށް ހުންނަން ޖެހޭނީ ދާއިރާއިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ބޭފުޅެއް. އެކަހަލަ ޓެކްނިކަލް މަސައްކަތް ކުރަން ތިބެން ޖެހޭނީ ރިސްކް އެސަސްމަންޓާއި، ވޯކް ޕާމިޓް އަދި ޑެއިލީ ބްރީފިން ޗެކް ލިސްޓް ވެސް ހަދަން ދަންނަ މީހުން،" އާޒިމް ވިދާޅުވި އެވެ.
"ނަމަވެސް މިކަންކަން ނުދަންނަ މީހުން ސިޔާސީ ބޭނުމަށްޓަކައި އެކަހަލަ ޓެކްނިކަލް މަގާމުތަކަށް ލުމުގެ ސަބަބުން ސެކިއުރިޓީ، ސޭފްޓީ ކޮމްޕްރޮމައިޒް ވުމުގެ ސަބަބުން، މީހުންގެ ފުރާނަ ގެއްލި، އެތައް ގެއްލުމެއް އެބަ ލިބޭ."
އާޒިމް ވިދާޅުވީ މިފަދަ ހިތާމަވެރި ހާދިސާތައް މަދުކުރެވޭނީ އިސްލާހީ ރަނގަޅު ފިޔަވަޅުތައް އަޅައިގެން ކަމަށެވެ.
ކަމަށް ގާބިލު މީހުންނަށް ވަޒީފާ އާއި ޕްރޮމޯޝަން ލިބުމަކީ އެންމެ ރަނގަޅު ގޮތް ނަމަވެސް، ކަމަށް ނާގާބިލު މީހުންނަށް ވަޒީފާ އާއި ޕްރޮމޯޝަން ދީ، އެ މީހުންގެ ނާގާބިލުކަމުން ބައެއްގެ ފުރާނަ ގެއްލި، ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބުމަކީ، އޭނާ ވިދާޅުވި ގޮތުގައި، ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
އާޒިމް ވަނީ އެމްޕީއެލްގައި ހިނގާދިޔަ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ކަމާ ގުޅުން ހުރި މުއައްސަސާތަކަށް ގޮވާލައްވައި، އެމްޕީއެލް ފަދަ މުހިންމު އަދި ހައްސާސް މަސައްކަތް ކުރާ ކުންފުނިތަކުގެ މަސައްކަތް މިފަދަ ހިތާމަވެރި ހާދިސާތައް ދިމާނުވާނެ ގޮތަކަށް ބައްޓަން ކުރަން ގޮވާލައްވަައިފަ އެވެ.
ގުޅުން ހުރި - އެމްޕީއެލް ބަނދަރު ސަރަހައްދުގައި ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން އެ ކުންފުނިން ވަނީ އެތެރޭގެ ތަހުގީގެއް ފަށައިފަ އެވެ.
ހިތާމަވެރި ހާދިސާތައް ހިނގަނީ ނާގާބިލު މީހުންނަށް މަގާމު ދޭތީ: އާޒިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ