ރާއްޖޭގައި ޖެނުއަރީ 2007 އިން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރާ 'ޖެނެރޭޝަނަލް ބޭން'އަށް އަމަލުކުރަން ފެށީ މި މަހު އެވެ. އެއީ ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރަން އެޅި މުހިންމު ފިޔަވަޅެކެވެ.
އެ ޖެނެރޭޝަނަލް ބޭންގެ ވާހަކަ މުޅި ދުނިޔެއަށް މަޝްހޫރުވެއްޖެ އެވެ. ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ކަވަރުކޮށްފި އެވެ. އޭގެ އިތުރުން އެކި މީހުން ހިންގާ ނުފޫޒު ގަދަ ފޭސްބުކް ޕޭޖްތަކުގެ ނަޒަރު ވެސް ހުއްޓުވާލި އެވެ.
މިސާލަކަށް ޔަމަންގެ މަޝްހޫރު މޮލިކިއުލާ ބަޔޮލޮޖިސްޓް، ސައިންސް ކޮމިއުނިކޭޓަރު އަދި ޑައިރެކްޓަރު ހާޝިމް އަލް ގައިލީގެ ރަސްމީ ޕޭޖެވެ. އެއީ 34 މިލިއަން ފޮލޯވަރުން ތިބި ޕޭޖެކެވެ. އޭނާގެ އެ ޕޭޖު ހާއްސަކޮށްފައިވަނީ ސައިންސްގެ އެކި ހޯދުންތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ގެނެސްދިނުމަށެވެ. އެ ނޫނަސް ޝައުގުވެރި ކަންކަމާ ގުޅޭ މައުލޫމާތު ހިމެނެ އެވެ.
ރާއްޖޭގެ ޖެނެރޭޝަނަލް ޓޮބޭކޯ ބޭންއާ ބެހޭ ގޮތުން ހާޝިމް އިއްޔެ ކުރި ޕޯސްޓު ފެށީ ސުވާލަކުންނެވެ:
"ގައުމުތަކުން އެންމެންނަށް ދުންފަތް މަނާ ކުރަންވީ ހެއްޔެވެ؟"
އެ ސުވާލާ އެކު އޭނާ ބުނީ ރާއްޖެއިން އެކަން ކޮށްފި ކަމަށާއި މިއީ މުޅި ގައުމު ޝާމިލްވާހެން ދުންފަތް މަނާކުރަން ޖެނެރޭޝަނަލް ބޭންއެއް ތަންފީޒު ކުރި ފުރަތަމަ ފަހަރު ކަމަށެވެ.
މިކަން ކުރަން އުޅުނު ބައެއް އެހެން ގައުމުތަކުގެ ވާހަކަ ވެސް އެ ޕޯސްޓުގައި އޭނާ ހިއްސާކުރި އެވެ. މިސާލަކަށް މިފަދަ ގާނޫނެއް ތަންފީޒު ކުރަން އެންމެ ފުރަތަމަ މަސައްކަތް ކުރި ނިއު ޒީލެންޑެވެ. އެކަމަކު ތަންފީޒު ކުރަން ފެށުމުގެ ވެސް ކުރިން އެކަން ނާކާމިޔާބުވީ އެވެ.
ހާޝިމް ބުނީ ރާއްޖެއިން މިކަން ކުރުމަކީ އެހެން ގައުމުތަކަށް ވެސް އޮތް ހިތްވަރެއް ކަމަށެވެ. މިހާރު އެންމެ އަވަހަށް މިފަދަ ބޭންތަކެއް ގެންނަން އުޅެނީ އިނގިރޭސިވިލާތާއި އެމެރިކާގެ މަސަޗޫސެޓްސް ސްޓޭޓުންނެވެ.
އެ ޕޯސްޓަށް މިހާރު ވެސް ހާހަކާ ގާތްކުރާ އަދަދަކަށް ލައިކްސް ލިބުނުއިރު، 250 ވަރަކަށް މީހުން ހިޔާލު ފާޅުކުރި އެވެ.
އެގޮތުން، އެ ޕޯސްޓަށް ކޮމެންޓުކުރި އޮސްޓްރޭލިއާގެ ފިލް އޯ ނީލް ހުރީ ހާޝިމް އުފެއްދި ސުވާލަަށް ޖަވާބު ދޭން އުނދަގޫވެފަ އެވެ. ސަބަބަކީ އެ ގައުމުގައި ދުންފަތުން ނަގާ ޓެކްސް އިންތިހާއަށް ބޮޑުކުރުމާ އެކު ދެން އުފެދިގެން އައި ވޭޕުގެ މާކެޓެވެ.
އެކަމަކު ފިލްއަށް ފަހަރުގައި މިކަން ނޭނގުމަކީ އެކަށީގެންވާ ކަމެކެވެ - ރާއްޖޭގައި ފުރަތަމަ ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރީ އެވެ. ދެން މަނާކުރީ ވޭޕް އެވެ. ޖެނެރޭޝަނަލް ބޭން އައީ އަދި އޭގެ ފަހުންނެވެ.
މިހާރު ވެސް މަދުމަދުން ނަމަވެސް ނުވަތަ ކޮފީ މޭޒުތަކުން އާންމުކޮށް ވިޔަސް، ވޭޕް ފެނުމަކީ އަދި މުޅިން އެހެން ވާހަކައެކެވެ. މަނާކުރި ކަމާއި އަޅާނެ ފިޔަވަޅުތަކާއި ދޭނެ އަދަބުތައް އެއޮތީ އިއުލާން ކޮށްފަ އެވެ. ތަންފީޒު ނުކުރެވުމަކީ ވެސް އަދި ވަކި ކަމެކެވެ.
އެހެން މީހަކު ކުރި ކޮމެންޓެކެވެ. އޭނާ ބުނީ މި މައުލޫގައި މީހުން ބަހުސް ކުރަނީ މިކަން (ދުންފަތް ބޭނުންކުރުމާއި ނުކުރުން) ކޮންމެ މީހަކަށް ވެސް އިހުތިޔާރީ ކަމެއްގެ ގޮތުގައި ދޫކޮށްލާފައި އޮތުމާ މެދު ކަމަށެވެ.
ނަމަވެސް ދެން އޭނާ ބުނީ ހަމަޖެހޭ ވާހަކައެކެވެ. ދުންފަތަކީ މައްސަލައެކެވެ. އެ މައްސަލަ އުފެއްދީ އަހަރެމެން އަމިއްލައަށެވެ. އެހެންވީމާ ފުރަތަމަ ވެސް މައްސަލަ ނުއުފެއްދި ނަމަ އެ އިހުތިޔާރު ނުވެސް އޮތީހެއް ނޫން ހެއްޔެވެ؟
ތަންކޮޅެއް ސަކަ ކޮމެންޓެއް ވެސް އެ ޕޯސްޓުން ފެނުނެވެ. ދުންފަތުގެ ސަބަބުން އަހަރަކު 7 މިލިއަން މީހުން މަރުވާ ކަމަށެވެ. އޭނާ ސަމާސާއެއް ކޮށްލީ އެ ނަންބަރާ ގުޅުވައިގެންނެވެ. އަހަރެމެންނަށް ބޭނުންވަނީ އަހަރަކު އިތުރު ހަތް މިލިއަން އިންސާނުންނެވެ. ތަންކޮޅެއް އެކަނިވެރިކޮށް އުޅެން ބޭނުންވާ މީހަކަށް ވެދާނެ އެވެ.
ނިއު ޒީލެންޑުގެ ސްޓެލާ މެކުއީން ކިޔާ މީހަކު އޮޅުންފިލުވައިދިނީ އެ ގައުމުގައި އެ ފިޔަވަޅު ތަންފީޒު ނުކުރެވުނު ސަބަބެވެ. އާ ސަރުކާރެއް އައިސް އޭގެ ކުރިން އޮތް ސަރުކާރުން ކުރި ހުރިހާ ކަމެއް އުވައިލުމަކީ އެއް ސަބަބެވެ. މިއީ ރާއްޖެއިން ވެސް ފެންނަ މަންޒަރެކެވެ. ދެން އަންނަ ދައުރެއްގައި އެހެން ސަރުކާރެއް ވެރިކަމާ ހަވާލުވެއްޖެ ނަމަ، މި ޖެނެރޭޝަނަލް ބޭންއަށް ވެސް ވާނެ ގޮތެއް ނޭނގެ އެވެ.
ކޮންމެއަކަސް ހާޝިމް އެ ބުނި ގޮތަށް، ރާއްޖެއަކީ މުޅި ގައުމު ޝާމިލްވާހެން ޖެނެރޭޝަން ބޭން ތަންފީޒު ކުރާ ފުރަތަމަ ގައުމެވެ.
ގާނޫނުގައިވާ ގޮތުން:
1 ޖެނުއަރީ 2007ގެ ފަހުން އުފަންވެފައިވާ އަދި އުފަންވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުންފަތުގެ އެއްވެސް މުއާމަލާތެއްގައި ބައިވެރިވުމަކީ ގާނޫނީ ކުށެއް
ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމުގެ ކުރިން އެ މީހަކު ގާނޫނީ އުމުރު ހަމަވެފައިވާ މީހެއްތޯ ކަށަވަރުކުރަން ޖެހޭ
ރާއްޖޭގެ ވާހަކަ އެންމެ ފަހުން ހާޝިމް އަލް ގައިލީގެ ޕޭޖަށް ވެސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ