ރާއްޖޭގައި އެއް ދުވަސް ތެރޭގައި އެންމެ ގިނަ މަޝްރޫއު ހަވާލުކުރުމުގެ ރިކޯޑު ހެދުމުގެ ނިޔަތުގައި މިއަދު 53 ކުންފުންޏަކަށް ބަހާލާ 200 އަށް ވުރެ ގިނަ މަޝްރޫއުތަކުގެ ޖުމުލަ އަގު 2.7 ބިލިއަން ރުފިޔާ އަށް އަރާކަން އެނގިއްޖެ އެވެ.
އައްޑޫ ހިތަދޫގައި ރޭ ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ 205 މަޝްރޫއެއް އަމިއްލަ ކުންފުނިތަކާ މިއަދު ހަވާލުކުރާނެ ކަމަށެވެ. ފުވައްމުލަކާއި އައްޑޫ ދަތުރުގެ ތެރެއިން އަށް މަޝްރޫއެއް އަމިއްލަ ކުންފުނިތަކާ ހަވާލު ކުރެވިފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އިތުބާރު ކުރެވޭ މަސްދަރުތަކުން އަދަދު ނޫހަށް މައުލޫމާތު ދިން ގޮތުގައި އިކޮނޮމިކް ކައުންސިލުން ފާސްކޮށްފައިވާ 206 މަޝްރޫއުއެއްގައި މިއަދު ހެނދުނު ބާސެލޯ ނަސަންދުރާގައި ސޮއިކުރެ އެވެ. އެ ރަސްމިއްޔާތުގައި މުއިއްޒު އާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެ އެވެ.
ވާދަވެރި ބީލަމަކަށް ނުގޮސް ބަހާލާ މި މަޝްރޫއުތަކުގެ ތެރޭގައި ބޯހިޔާވަހިކަމާއި، ސިއްހަތާއި ތައުލީމާއި، ކުނި މެނޭޖްކުރުމުގެ އިތުރުން ކުޅިވަރުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިމެނެ އެވެ. އޭގެތެރެއިން ބޯހިޔާވަހިކަމާއި ބަނދަރު ތަރައްގީކުރުމުގެ 13 މަޝްރޫއުއެއްގެ އަގު 997 މިލިއަން ރުފިޔާ އަރާއިރު، ތައުލީމީ ދާއިރާގެ 26 މަޝްރޫއު އަށް 397 މިލިއަން ރުފިޔާ، ސިއްހީ ދާއިރާގެ 30 މަޝްރޫއުއަކަށް 312 މިލިއަން ރުފިޔާ އަރަ އެވެ.
މަޝްރޫއުތަކުގެ އަދަދު އެންމެ ގިނައީ ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާގަ އެވެ. އެ ދާއިރާގެ 52 މަޝްރޫއުއެއްގައި މިއަދު ސޮއިކުރާއިރު، މަޝްރޫއުތަކުގެ އަގު 197 މިލިއަން ރުފިޔާއަށް އަރަ އެވެ.
ފުލުސް ޕޯސްޓާއި މަރުކަޒުތައް ހިމެނޭ ގޮތަށް ޖުމުލަ 39 މަޝްރޫއުއެއް އަމިއްލަ ކުންފުނިތަކާ ހަވާލުކުރާއިރު، މަޝްރޫއުތަކުގެ ޖުމްލަ އަގު 114.9 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ކުނި މެނޭޖުކުރުމުގެ 24 މަޝްރޫއުއެއްގެ އަގު 204 މިލިއަން ރުފިޔާ އަށް އަރައެވެ.
މިއަދު ސޮއިކުރަން ހަމަޖެހިފައި ވަނީ 53 ކުންފުންޏަކާއެކު ކަމަށް އެނގިފައިވެ އެވެ. އޭގެ ތެރެއިން ފައިސާ އެންމެ ގިނައިން ލިބެނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށެވެ. އެ ކުންފުންޏަށް 285.7 މިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކުރާއިރު، ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑްއަށް 171.3 މިލިއަން ރުފިޔާ، އަލާފް ޕްރައިވެޓް ލިމިޓެޑްއަށް 159.6 މިލިއަން ރުފިޔާ އަދި ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑްއަށް 157.3 މިލިއަން ރުފިޔާގެ މިއަދު ހަވާލުކުރާނެ އެވެ.
ވާދަވެރި ބީލަމަކަށް ހުޅުވާ ނުލައި މަޝްރޫއުތަކެއް ބަހާލަން ނިންމީ ވަޒީރުންގެ މަޖިލީހުން ބޭނުންވާ ޕްރޮޖެކްޓުތައް ބީލަމަކަށް ނުލައި އެވޯޑު ކުރެވޭ ގޮތަށް އޮކްޓޯބަރު 12، ގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ބަދަލު ކުރުމަށް ފަހު އެވެ. ނަމަވެސް، މުއިއްޒު ރޭ ވިދާޅުވީ މަޝްރޫއުތައް ހަވާލު ކުރަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށެވެ.
ސަރުކާރުގެ މާލީ ހާލަތު ގޯސްވެ، ދަރަނި ވަނީ ބޮޑުވެފަ އެވެ. ނަމަވެސް ކައުންސިލްތަކުގެ އިންތިހާބު ބޯމަތީގައި އޮތުމުން މި މަޝްރޫއުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދަނީ ސަރުކާރުގެ ގެރެންޓީއަށް ބީއެމްއެލްއިން އެ ކުންފުނިތަކަށް ލޯނު ދޫކޮށްގެންނެވެ.
ބޭނުންވާ ގޮތަށް ގަވާއިދު ބަދަލުކޮށްގެން 53 ކުންފުންޏަކަށް ބަހާލާ މަޝްރޫއުތަކުގެ އަގު 2.7 ބިލިއަން ރުފިޔާ އަށް އަރާ ބޭނުންވާ ގޮތަށް ގަވާއިދު ބަދަލުކޮށްގެން 53 ކުންފުންޏަކަށް ބަހާލާ މަޝްރޫއުތަކުގެ އަގު 2.7 ބިލިއަން ރުފިޔާ އަށް އަރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ