ސުވަރުގެ ލިބުމަށް އެދިގެން މަސައްކަތްކުރާ މީހުންނަށް އެމަސައްކަތުގައި އެންމެ ބޮޑަށް ބޭނުންވަނީ ޘާބިތުވެ ހުރުމެވެ. އެހެންކަމުން ބުނެދޭން މިމަސައްކަތްކުރަނީވެސް ޘާބިތުވެހުރުމުގެތެރެއިން ހިމެނިގެންދާ ކަމެއްގެ ވާހަކައެވެ.
ދުނިޔޭގެ އާބާދީގެ ރަސްމީ ތަފާސް ހިސާބުތަކަށް ބެލިނަމަވެސް ތިންބައިކުޅަ ދެބައަކީ ކާފިރުންނެވެ. މީގެ އިތުރުން މުސްލިމުންގެ ތެރޭގައި މުސްލިމުންނަށް ހެދިގެންވެސް ކާފިރުން އެބަ އުޅެއެވެ. ވީމާ ޙައްޤުމަގުގައި ޘާބިތުވުން މިވަނީ ދަތި އުނދަގޫކަމަކަށްވެފައެވެ. އެހެންކަމުން މިބަލައިލަނީ ޙައްޤުމަގުގައި ޘާބިތުވުމުން ލިބެން އޮތް އެންމެ ބޮޑު ފައިދާއަށެވެ.
ބަދަލުވަމުން މިދާ ދުނިޔޭގައި މަސައްކަތު މާހައުލާއި އެހެނިހެން ކަންކަން ދިމާވާ ގޮތުން އެކި މީހުންނަށް އުޅެން ޖެހެނީ އެކި މާހައުލުގައެވެ. ތަފާތު މީހުންނާއިއެކުގައެވެ. އެއިގެ ތެރޭގައި ނުބައިކަން ހައްދުފަހަނައަޅާފައިވާ މީހުންވެސް ހިމެނެއެވެ. އެފަދަ މީހުންނާއިއެކުގައި އުޅެން މަޖުބޫރުވާ މީހުން ވެސް މަދެއް ނޫނެވެ.
މިކަމުގެ ތެރެއިންވެސް އެންމެ ނުރައްކައުތެރިކަން ބޮޑު އެއް ބައަކަށްވަނީ ބައެއް މީހުންނަށް ކައިވެންޏަށްފަހު ދިރިއުޅެންޖެހޭ މާހައުލެވެ. ބައެއް ފަހަރު ކައިވެންޏަށްފަހު ދިރިއުޅެން ޖެހޭ ގެއަކީ ނުބައި ކަންކަމުން ފުރިފައިވާ މާހައުލަކަށްވެސް އެބަވެއެވެ. އެގެއެއްގެ މީހުންނަކީ ﷲ ތަޢާލާ އަނގަވާފައިވާ އެންގެވުންތަކަށް ބޯނުލަނބާ ބައަކަށްވެސް އެބަވެއެވެ.
އަނެއްބައި ހާލަތްތަކުގައި ހަމަ އެހައި ގޯސް ބައަކާއިއެކު ވަޒީފާ އަދާކުރަންވެސް ޖެހިދާނެއެވެ. ރަނގަޅު ވަޒީފާއެއް ލިބުމަކީ އެހައި ފަސޭހަ ކަމެއް ނޫނެވެ. އެހެންކަމުން ވަޒީފާ ދޫކޮށްލުމަކީވެސް ކުރަން އެހައި ފަސޭހަ ކަމެއް ނޫނެވެ.
މިފަދަ ކޮންމެ މަޖުބޫރީ ޙާލަތެއް ކުރިމަތިވި ނަމަވެސް ޙައްޤު މަގު ދޫކޮށްލައިގެން ނުވާނެއެވެ. ބައަކު އުޅޭހައި ގޮތަކަށް އުޅެން ފަށައިގެން ނުވާނެއެވެ. ބައަކު ކުރާހައި ކަމެއްގައި ބައިވެރިވެގެން ނުވާނެއެވެ. ތިމާ ޘާބިތުވާން ޖެހޭނީ ﷲ ތަޢާލާގެ މަގުގައެވެ. އެއިރުން ބައެއް ފަހަރު ފުރައްސާރަތައްވެސް ކުރިމަތިވާނެއެވެ. މަލާމާތްވެސް ކުރާނެއެވެ. އަދި ޖެއްސުންވެސް ކުރާނެއެވެ. އެއިން އެއްވެސް ކަމަކީ އެއްވެސް މައްސަލައެއް ނޫނެވެ. އެމީހުން އެކުރާ ހުރިހާ ކަންކަން ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ.
ރަނގަޅަށް ވިސްނާށެވެ! އެފަދަ ހާލަތުގައި ޙައްޤު ގޮތުގައި ޘާބިތުވުމަކީ ﷲ ތަޢާލާގެ މަގުގައި ކުރެވޭ ވަރަށް މަތިވެރި ޖިހާދެކެވެ. ތިބާގެ ކެތްތެރިކަމުގެ އަގު ﷲ ތަޢާލާގެ ޙަޟްރަތުގައި އުފުލިގެންދާނެ މިންވަރަށްޓަކައި އުފާކުރާށެވެ! އެސަބަބަށްޓަކައި ބައެއް ޢިލްމުވެރިން ބަޔާން ކުރައްވަވާ ގޮތުގައި ﷲ ތަޢާލާ ސުވަރުގެ ދެއްވެވުން އެންމެ ކައިރި އެކަކީ ނުބައި ބައަކާއިއެކު އުޅެން ޖެހުމުންވެސް ޙައްޤު މަގުގައި ޘާބިތުވެ ހުންނަ މީހާއެވެ! ލޯމަތިން ފެންނަ ޝައިޠާނީ ކަންކަން ނުވެސް ފެންނަ ކަމަށް ހަދައިގެން ހުންނަ މީހާއެވެ. ބައަކު ތިމާގެ ލޯމަތީގައި އެމީހުންގެ ނަފްސްތައް ނަޖިސް ކުރަމުން ގެންދާއިރު ތިމާގެ އަމިއްލަ ނަފްސް ނަޖިސްކަމުން ސަލާމަތްކުރާ މީހާއެވެ.
މިފަދަ މީހަކަށް ވެވޭނީ ވަރަށް ވަރުގަދަ އީމާންތެރިއަކަށް ވެވިގެންނެވެ. ފުރިހަމަ ތަޤްވާވެރިއަކަށް ވެވިގެންނެވެ. ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ބިރުގަންނަ މީހަކަށް ވެވިގެންނެވެ. ވީމާ އެކުގައި އުޅޭ ބައަކު ކުރާތީ ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަނ ނުކުރާށެވެ! ﷲ ތަޢާލާގެ މަގުގައި ސާބިތުވެ ހުންނަ މީހަކަށްވާށެވެ! ސުވަރުގެ ވައްދަވާ އަޅަކަށްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
މިބުނަނީ ޘާބިތުވެލެވިއްޖެނަމަ ސުވަރުގެ ލިބުމުގެ އުންމީދު ވަރަށް ބޮޑުކޮށްލެވެން އެބައޮތް ކަމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ