ކޮންމެ މީހަކަށްވެސް އެންމެ ފަސޭހައިން ކުރެވޭނެ އެއްކަމަކީ ޤުރްއާން ކިޔަވައި މާނަ އުނގެނުމެވެ. މާނަ އުނގެބނުމަކީ ހަމައެކަނި ހިތުދަސްކުރުމެއްވެސް ނޫނެވެ. އެވާހަކަ ހިތަށް ނަގައިގަނެ ހަރުލެއްވިޔަސް އެއޮތީ މާނަ ދަސްކުރެވިފައެވެ. ފޭލްވަމުން މިދަނީ އެކަމަށް މަސައްކަތްނުކުރެވޭތީއެވެ.
ކީރިތި ޤްރުއާނުގެ ކޮންމެ އާޔަތަކީވެސް އަގުބޮޑު މުތެކެވެ. ހަމައެހެންމެ އެހައިމެ ޚާއްޞަ އާޔަތެކެވެ. މާނަ ކިޔައި ވިސްނާ މީހަކަށް އެކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ. ކީރިތި ޤްރުއާނުގެ ކޮންމެ އާޔަތަކީވެސް ޢިބްރަތެކެވެ. އެހެންކަމާއިއެކުވެސް ބައެއް އާޔަތްތަކަކީ މުޅި ދިރިއުޅުން ބަދަލުކޮށްލާނެ އާޔަތެކެވެ. ވިސްނުންތެރިކަމާއިއެކު މި 5 އާޔަތް ކިޔައިލަބަލާށެވެ! ޔަޤީން ކަމާއިއެކު ބުނަމެވެ. ޙަޔާތް ބަދަލުކުރެވޭނެއެވެ.
"މީސްތަކުން ތިމަންމެން އީމާން ވެއްޖައީމުއޭ ބުނުމުން، އެއުރެން އިމްތިޙާން ނުކުރައްވައި ދޫކޮށްލައްވާނޭކަމަށް ހީކުރީ ހެއްޔެވެ؟" (އަލްޢަންކަބޫތު: 6)
މިއާޔަތުން އެނގިގެންދަނީ ﷲ ތަޢާލާ އަހަރެމެން އިމްތިހާން ކުރައްވަވާނެ ކަމެވެ. ވީމާ ދިރިއުޅުމުގައި ކުރިމަތިވަމުން މިއަންނަ ކޮންމެ ދަތި ކަމަކީ އިމްތިހާނެއް ކަމެވެ. ފާސްވުމަކީ އެމީހެއްގެ ކަމެއް ކަމެވެ. އީމާން ވެއްޖައީމޭ ބުނެލުމަކުން ނުފުދޭ ކަމާއި އީމާންވެއްޖެކަން އަމަލުން ދައްކަން ޖެހޭނެ ކަމެވެ.
"އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް ރިޒްޤް ދެއްވާނެތެވެ. އަދި ﷲ އަށް ވަކީލްކުރާ މީހާ (ދަންނާށެވެ!) ފަހެ، އޭނާއަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، ﷲ އީ، އެކަލާނގެ އަމުރުފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ﷲ ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ." (އަލްޠަލާޤް: 3)
މިއާޔަތުން އެނގިގެންދަނީ ﷲ ތަޢާލާ ނޫން ދެވަނަ އެއްވެސް ފަރާތަކަށް ބޭނުން ނުވާކަމެވެ. އަހަރެމެންނަށް ހީވެސް ނުކުރެވޭފަދަ ގޮތް ގޮތުން ރިޒްޤް ދެއްވަވާނެ ކަމެވެ. ބޭނުންވާ ކަންކަން ފުއްދަވައި ދެއްވަވާނެ ކަމެވެ. ހަމަ އެއާއިއެކު ދެއްވަވާނީ ވަކި އަދަދަކަށް ކަމާއި ދެއްވަވާ މިންވަރަށް ޝުކުރުކުރަން ޖެހޭނެ ކަމެވެ.
އެހެންކަމާއިއެކު ﷲ ތަޢާލާ ނިޢްމަތްތައް ފުރިހަމަކޮށްދެއްވަވާނެ ކަމަށް އިތުބާރު ކުރަނީ މިއަދު މަދުމީހެކެވެ. ޙައްޤު ނޫން ގޮތުގައި ކަންކަން ލިބިގަންނަނީ އެހެންވެގެންނެވެ. ޙައްޤު ގޮތުގައި މީހާ ހުރިނަމަ އެމީހަކަށް ބޭނުންވާ ކަންކަން ﷲ ތަޢާލާ ފުރިހަމަކޮށް ދެއްވަވާނެ ކަމުގެ ޔަޤީންކަމުގައި ހުންނަ މީހާ ޙައްޤު ނޫން ގޮތުގައި އެއްވެސް އެއްޗެއް ލިބިއެއް ނުގަންނާނެއެވެ.
"އެ ޞަދަޤާތަކާ ގުޅިގެން އުނދަގުލެއްދޭ ޞަދަޤާތަކަށްވުރެ ރަނގަޅު ހެޔޮބަހެއް ބުނުން، އަދި ޢަފޫކުރުން، ހެޔޮކަން މާބޮޑެވެ. ﷲ އީ، ފުދިވޮޑިގެންވާ، ޙަލީމް ވަންތަ ރަސްކަލާނގެއެވެ." (ބަޤަރާ: 263)
މިއާޔަތުން އެނގިގެންދަނީ ޞަދަޤާތަކީ ހަމައެކަނި އަތުން ދޭ އެއްޗެއް ނޫން ކަމެވެ. ހެޔޮ ބަސް ބުނުމާއި މާފުކުރުމަކީވެސް މަތިވެރިވެގެންވާ ޞަދަޤާތްކަމެވެ. އަދި ހަމައެކަނި އަޅުކަން ކުރުމުން ނުފުދޭ ކަމާއި މީސްތަކުންނަށް އެހީތެރިވުމަކީ ކުރަން ޖެހޭނެ ކަމެއް ކަމެވެ. އަދި މީހާ ކުރާ އެއްވެސް ކަމެއް ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގެން ނުވާ ކަމާއި އެމީހަކު ކުރި އަމަލެއްގެ ފައިދާ އާއި ގެއްލުން އޮތީ އެމީހަކަށް ކަމެވެ.
"އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ ސުވާލު ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ ޙަޟްރަތަށް ދުޢާ ކޮށްފިނަމަ ދުޢާ ކުރި މީހާގެ ދުޢާ ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް އީމާންވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ." (ބަޤަރާ: 186)
މިއާޔަތުން އެނގެނީ އަހަރެމެންނަށް ﷲ ތަޢާލާ ނުފެނުނު ނަމަވެސް ﷲ ތަޢާލާ އަހަރެމެންނަށް ބައްލަވައި ވޮޑިގެންވާކަމެވެ. އަހަރެމެން ކުރާ އެންމެހައިކަންކަމާއި އަހަރެމެންގެ ހާލަތު އެކަލާނގެ ދެކެ ދެނެވޮޑިގެންވާ ކަމެވެ. އަހަރެމެންނާއި އެންމެ ގާތުގައި އެކަލާނގެ ވޮޑިގެންވާ ކަމެވެ. (އެކަލާނގެ ޢިލްމްފުޅު ވާކަމެވެ.) އަދި ދުޢާ ކުރުމުން ދުޢާ އިޖާބަ ކުރައްވަވާނެ ކަމެވެ. އެހުރިހާ ކަންކަމުގެ ބަދަލުގައި އަހަރެމެންނަށް ކުރަން ޖެހޭ ހަމައެކަނި ކަމަކީ ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި އީމާންވުން ކަމެވެ.
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިއަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބައަކު އަނެއްބައަކަށް ޣީބަ ނުބުނާށެވެ! ތިއަބައިމީހުން ކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިއަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިއަބައިމީހުން ﷲ އަށް ތަޤްވާ ވެރިވާށެވެ! ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ތައުބާ ޤަބޫލު ކުރައްވާ ރަހީމް ވަންތަ ރަސްކަލާނގެއެވެ." (އަލްޙުޖްރާތު: 12)
މިއާޔަތުގައި އަންގަވައިދެއްވަވާފައި އެވަނީ އަހަރެމެން އެއްގޮތަކަށްވެސް ކޮށްގެން ނުވާނެ ބައެއް ކަންކަމެވެ. އެއިގެ އިތުރުން ގަދަ އަމުރުފުޅުން އަމުރުފުޅު ކުރައްވަވާފައި އެވަނީ ތަޤްވާވެރިވުމަށެވެ. ހަމަ އެއާއިއެކު ﷲ ތަޢާލާ އީ އަހަރެމެންގެ ތައުބާ ގިނަގިނައިން ޤަބޫލުފުޅު ކުރައްވަވާ ދީލަތިވަންތަ އިލާހްކަމެވެ.
މީސްތަކުންނޭވެ! ހަމައެކަނި މި 5 އާޔަތަށް ބެލި ނަމަވެސް އަހަރެމެންގެ ޙަޔާތުން އިޞްލާޙްކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެނގިގެންދާނެއެވެ. އެކަންކަން އިޞްލާޙްކޮށްލާށެވެ! މިދުނިޔޭގައިވެސް އެކަމުގެ ފައިދާ ފެންނާނެއެވެ! އިން ޝާ ﷲ.
ކީރިތި ޤްރުއާނާއި ބަހައްޓަން ޖެހޭ ގުޅުން ބަހައްޓާނަމަ ކޮންމެ މީހަކަށްވެސް ދާނީ ކުރިއެރުން ލިބެމުންނެވެ. ޙަޔާތުގެ ކަންކަން ކާމިޔާބުވަމުންނެވެ. ނަމަވެސް ހިތާމައަކީ އެކަން ނުކުރެވޭ ކަމެވެ. ކީރިތި ޤްރުއާނާއި ދުރުވެވޭ ކަމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ހަމައެކަނި މި ފަސް އާޔަތަށް ވިސްނައި ޢަމަލުކުރިޔަސް ދިރިއުޅުމާ އާޚިރަތް ކާމިޔާބުކުރެވޭނެ! އިން ޝާ ﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ