'ޖީ ލޭ ޒަރާ'ގެ ކާސްޓު ބަދަލުވެދާނެ

މީގެ ހަތަރު އަހަރު ކުރިން ފިލްމު ޑައިރެކްޓަރު ފަރުހާން އަހްތަރުގެ އެކްސެލް އެންޓަޓެއިންމަންޓް އެންޑް ޓައިގާ ބޭބީއިން އިއުލާނުކުރި ފިލްމު "ޖީ ލޭ ޒަރާ" އުފައްދާނެ ކަމަށާއި ނަމަވެސް ފިލްމުގެ ކާސްޓުން ތަފާތު ވެދާނެ ކަމަށް ފަރުހާން ބުނެފިއެވެ. ޔޫޓިއުބް ޗެނަލް ޝޯއަކަށް ދިން އިންޓަވިއުއެއްގައި މި ފިލްމާ ގުޅޭގޮތުން ސުވާލުކުރުމުން ފަރުހާން ބުނެފައިވަނީ ފިލްމު ނުހަދަން ނުނިންމާ ކަމަށާއި ނަމަވެސް އެ ފިލްމުގެ މަސައްކަތް ފެށޭނެ ސީދާ ތާރީޚެއް ބުނަން ދަތި ކަމަށެވެ. ފިލްމީ ތަރިން ކަމަށްވާ ކެޓްރީނާ ކައިފް، އާލިއާ ބަޓް އަދި ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ލީޑް ރޯލުން ފެންނާނެ ކަމަށް އިއުލާނުކުރި މި ފިލްމަކީ ރޯޑު-ޓްރިޕް ފިލްމެކެވެ. ފިލްމު "ޖީ ލޭ ޒަރާ"ގެ ބަތަލާއިންގެ ގޮތުގައި ކުރިން އިއުލާނުކުރި ފިލްމީ ތަރިން ކަމަށްވާ ކެޓްރީނާ ކައިފް، އާލިއާ ބަޓް އަދި ޕްރިޔަންކާ ޗޯޕްރާ--ފޮޓޯ/ފިލްމުފެއަ މި ފިލްމުގެ މަސައްކަތް މިހާތަނަށް ނުފެށި އޮތީ މި ތިން ބަތަލާއިންނަށް ފިލްމަށް ވަގުތު ދެވޭނެ ތާރީޚެއް ނޭނގޭތީ ކަމަށާއި ނަމަވެސް ފިލްމު ދެން ޕްލޭން ކުރާނީ ކާސްޓުންގެ ގޮތުގައި އާ ތަރިންތަކެއް ހިމަނައިގެން ކަމަށް ފަރުހާން ވަނީ ބުނެފައެވެ. މި ފިލްމު އިއުލާނު ކުރުމަށް ފަހު އަހަރުތަކެއް ފާއިތުވެފައިވާތީ ފިލްމު ނުހަދާނެ ކަމަށް ބައެއް މީޑިއާތަކުން ބުނަމުން އައި ނަމަވެސް އެއީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށް ފަރުހާން ވަނީ ބުނެފައެވެ. ފިލްމު "ޖީ ލޭ ޒަރާ"އަކީ ފަރުހާން ވަރަށް ގާޔާވާ ކަހަލަ ސްކްރިޕްޓެއް ތައްޔާރުކުރެވިފައި އޮތް ފިލްމެއް ކަމުން އެއީ ވުޖޫދަށް އަންނާނެ ފިލްމެއް ކަމަށާއި ނަމަވެސް އަލުން އާ ކާސްޓަކާ އެކު ފިލްމުގެ މަސައްކަތް ފެށޭނެ ތާރީޚެއް ބުނަން ދަތި ކަމަށް އެކްޓިން ދާއިރާގައި ވެސް މަސައްކަތް ކުރާ ފަރުހާން ވަނީ ބުނެފައެވެ. ފިލްމު "ޖީ ލޭ ޒަރާ"ގެ މަސައްކަތް ލަސްވުމުން ފަރުހާން މިހާރު އަންނަނީ 2023 ވަނަ އަހަރު އޭނާ އިއުލާނުކުރި ފިލްމު "ޑޮން 3"ގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ. ރަންވީރު ސިންގް ލީޑް ރޯލް ކުޅޭ މި ފިލްމުގެ މަސައްކަތް ފަށަން ނިންމާފައިވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ