ބައެއް ކަންކަން ނިންމަން މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު ހަފުތާއަކަށް ދަންމާލަނީ

"މުހިންމު މަސައްކަތްތަކެއް ހުރި ކަމަށް" ބުނެ، 20 ވަނަ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު ވެސް ހަފުތާއަކަށް ދަންމާލަން ހުށަހަޅައިފިއެވެ. މިއަދުގެ ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މިހާރު މި ހިނގާ ދައުރު ނިމެން އޮތީ މި މަހުގެ ނިޔަލަށް ކަމަށެވެ. "އެހެންނަމަވެސް މި ދައުރުގައި ރައްޔިތުންގެ މަޖިލީހުން މުހިންމު މަސައްކަތްތަކެއް ހުރުމާއެކު، އަޅުގަނޑު ގަސްދުކުރަނީ ހަތަރެއް ޑިސެންބަރު 2025ގެ ނިޔަލަށް މި ދައުރު އިތުރުކުރުމާމެދު މަޖިލީހުން ގޮތެއް ކަނޑައެޅުމާމެދު ވޯޓަށް އެހުމަށް،" އަބްދުއްރަހީމް ވިދާޅުވިއެވެ. އެހެންކަމުން މިއަދުގެ ޖަލްސާގައި ދައުރު ދަންމާލަން ވޯޓު ވަގުތު ވޯޓަށް އައްސަވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ބެލެވޭ ގޮތުގައި މި ދައުރު ދަންމާލަން މަޖިލީހުން ފާސްކުރަން މަސައްކަތް ކުރަނީ, އަތޮޅު ކައުންސިލްތައް އުވާލަން ކަމާގުޅުންހުރި ގާނޫނުތަކަށް ހުށަހެޅި އިސްލާހުތަކުގެ މަސައްކަތް ނިންމުމަށެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނުން "އަތޮޅު ކައުންސިލް"، މި ލަފުޒު އުނިކުރުމަށާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުންވެސް "އަތޮޅު ކައުންސިލް"، މި ލަފުޒު އުނިކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމެވެ. މީގެ އިތުރުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން މުޅި އަތޮޅު ކައުންސިލްގެ ބާބު އުނިކުރުމަށާއި، އަތޮޅު ކައުންސިލްތަކުގެ ބަދަލުގައި ރަށު ކައުންސިލްތަކުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ރިޕޯޓުކުރަން ޖެހޭ ގޮތް ހެދުމަށާއި، 2،000 މީހުންނަށްވުރެ އާބާދީ މަދު ރަށްރަށުގެ ކައުންސިލަރުންގެ އަދަދު ތިނަކަށް މަދުކުރަން ހުށަހަޅާފައިވެއެވެ. ނަމަވެސް މިކަމާ ގުޅިގެން އެ ގާނޫނުތައް އިސްލާހުކުރުމުގެ މަސައްކަތްކުރާ ވަގުތީ ކޮމިޓީގެ މުގައްރިރު ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އާއި ނައިބު މުގައްރިރު މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރުގެ ބަހެއް ލިބޭ ގޮތެއް ނުވުމުން، ދައުރު ދަންމާލަނީ މި މަސައްކަތް ކުރުމަށް ކަން ނުވަތަ ނޫންކަން ސާފެއްނޫނެވެ. އެކަމަކު މަޖިލީހުގެ ވެބްސައިޓުން ދައްކާ ގޮތުގައި ހަތް މެންބަރުންގެ އެ ކޮމިޓީން ވަނީ ގާނޫނުތަކުގެ މަސައްކަތް ނިންމައިފައެވެ. ނަމަވެސް ކޮމިޓީ ރިޕޯޓު ވެބްސައިޓުގައި ފެންނަން ނެތެވެ. ފާހަގަކުރެވޭ ގޮތުގައި އަތޮޅު ކައުންސިލްތައް އުވާލަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ގާނޫނުއަސާސީ އިސްލާހުކުރަން ފާސްކޮށްފައެވެ. https://sun.mv/213962 ސަރުކާރުން މީގެ ކުރިން ވަނީ އަތޮޅު ކައުންސިލްތައް އުވާލަން އިސްލާހު ހުށަހަޅާނެކަން ހާމަކޮށްފައެވެ. އެގޮތުން މިދިޔަ އޮގަސްޓް މަހުގެ 19ވަނަ ދުވަހު އއ. މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އަތޮޅު ކައުންސިލަރުންގެ މަގާމުތަކަކީ ބޭނުމެއް އޮތް މަގާމުތަކެއް ނޫން ކަމަށް ވިދާޅުވެ، އެ ކައުންސިލްތައް އުވާލަން ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެއެވެ. ދައުލަތުގެ މީޑިއާ 'ޕީއެސްއެމް'ގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ސެޕްޓެމްބަރު މަހު ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، އަތޮޅު ކައުންސިލްތަކަކީ މިހާރު އޮތްގޮތުން ލާމަރުކަޒީ ނިޒާމަށް ލެވިފައިވާ އިތުރު "ލޭޔަރެއް" ކަމަށާއި، ސަރުކާރުގެ ވިސްނުމަކީ މިހާރު އަތޮޅު ކައުންސިލްތައް އެކުލަވާލާފައި އޮތްގޮތް ބަދަލު ކުރުން ކަމަށެވެ. އަތޮޅު ކައުންސިލްތައް އުވާލުމުގެ އިތުރުން އާބާދީއަށް ބަލައި, ރަށްރަށުގެ ކައުންސިލްތަކުގެ ސައިޒް ކުޑަކުރައްވާނެ ކަމަށް ވެސް ރައީސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ