މީހެއްގެ ބަންދު ކަނޑައެޅިއިރު ފާއިޒް ގާނޫނާ ޚިލާފުވެފައިވާ ކަމަށް ނިންމައި، ގާޒީކަމުން ވަކިކުރަން ހުށަހަޅަނީ
ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު އެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ. ޖޭއެސްސީން މިއަދު ބުނީ، މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ ބަންދާ މެދު ގޮތެއް ކަނޑައެޅިއިރު، ގާނޫނުއަސާސީއާއި ގާނޫނުތަކާ ޚިލާފަށް ގާޒީ ފާއިޒް އަމަލުކޮށްފައިވާކަން ތަހުގީގު ކޮމިޓީއަށް ސާބިތުވެފައިވާ ކަމަށެވެ. އެ ކޮމިޝަނުން ބުނީ މި ކަމަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ށ) އާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.1އާއި 2.1އާއި 3.1ގައި ކަނޑައަޅާފައިވާ މިންގަނޑާ ޚިލާފު ޢަމަލެއް ކަމަށެވެ. އެހެންވެ، ގާޒީ ފާއިޒް ފަނޑިޔާރު ކަމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. ފާއިޒް އެ މަގާމުން ވަކިކުރަން ނިންމިއިރު، އޭނާ ހުންނެވީ، 60 ދުވަހުގެ ސަސްޕެންޝަނެއްގައެވެ. މީގެ ކުރިން ވެސް ގާޒީ ފާއިޒް މައްސަލައަކާ ގުޅިގެން ސަސްޕެންޑުކުރިއެވެ. އެއީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޝަރީއަތާ ގުޅޭގޮތުން ފަނޑިޔާރުންތަކެއް ދައްކައިފައިވާ ވާހަކަތަކެއް ކަމަށް ބުނެ ލީކުވި އޯޑިއޯތަކުގެ މައްސަލައެއްގައެވެ. އެ މައްސަލައިގައި ނޮވެންބަރު ހަތަރެއް، 2021 ގައި ފާއިޒް ސަސްޕެންޑުކުރީ 60 ދިވަހުގެ މުއްދަތަކަށެވެ. އެކަމަކު، އެ އަހަރުގެ ޑިސެންބަރު 26ގައި ޖޭއެސްސީއިން ވަނީ، ލީކުވި އޯޑިއޯތަކުގެ މައްސަލައިގައި ގާޒީ ފާއިޒުގެ އަޑު ދިމާނުވާތީ ސަސްޕެންޝަން އުވާލާފައެވެ. https://sun.mv/213023 ހުސައިން ފާއިޒް ރަޝާދު ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ބަދަލުކުރީ 2019 ވަނަ އަހަރުގެ ފެބުރުއަރީ މަހުއެވެ. އޭގެ ކުރިން ހުންނެވީ ސިވިލް ކޯޓުގެ ގާޒީ ކަމުގެ މަގާމުގައެވެ. ސިވިލް ކޯޓަށް އައްޔަންކުރުމުގެ ކުރިން އޭނާ ހުންނެވީ ވަޒީފާއާ ބެހޭ ޓްރިބިއުނަލުގެ ރައީސްކަމުގެ މަގާމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ