އެސްޓީއޯ މެދުވެރިކޮށް ބާޒާރުގައި ވިއްކުމަށް ނިންމި ކާބޯތަކެތީގެ ތެރޭގައި މިރުސް ހިމެނިފައިވީ ނަމަވެސް އެކަން ސަރުކާރުން ކުރަމުންގެންދާނީ ކަނޑޫދޫގެ ވިޔަފާރިވެރިންނަށް އެކަމުގެ އެއްވެސް ގެއްލުމެއް ނުވާގޮތަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. 
ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކަނޑޫދޫ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކަނޑޫދޫއަކީ ރާއްޖޭގެ ދަނދުވެރިކަމުގައި މިރުސް ހެއްދުމަށް މުހިއްމު ރަށެއް ކަމަށާއި ކަނޑޫދޫ ވިޔަފާރިވެރިން މިރުސްވިއްކާ އަގުގައި ގަނެގެން، އެފައިދާ ރައްޔިތުންނަށް ލިބޭގޮތަށް އެސްޓީއޯއިން އެކަން ކުރިއަށް ގެންދާނެ ކަމަށެވެ.
އަދި ރަށުގެ ދަނޑުވެރިންނަށް ލިބޭފައިދާ އިތުރުކޮށްދިނުމަށް ބޭނުންވާ ކަމަށާއި ޚަރަދުކުޑަ ގޮތެއްގައި ކަނޑޫދޫގައި މިރުސް ހެއްދުމަށް މިހާރުހުރި ދަތިތައް ކުޑަކޮށްދެއްވުމަށް ދަނޑުވެރިކަމާބެހޭ ވުޒާރާގެ ޓީމެއް ކަނޑޫދޫއަށް ފޮނުވުމަށް ނިންމަވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކަށް އިޝާރާތްކުރައްވައި ރައީސް ވަނީ މިހާރު ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢު، ކުރުމުއްދަތެއްގެ ތެރޭގައި ނިންމުމަށް ސަރުކާރުން މަސައްކަތް ރާވާފައިވާގޮތާއި، އެމަސައްކަތް ލަސްވަމުންދާ ސަބަބު ސާފުކޮށްދެއްވާފަ އެވެ. އެމަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލައްވައިގެން ނުވަތަ އެމް.ޑަބްލިޔު.އެސް.ސީ އާއި ޙަވާލުކުރައްވައިގެން ކުރިއަށްގެންދެވުމާމެދު ސަރުކާރުން ވަރަށް އަވަހަށް ގޮތެއްނިންމަވާނެކަމަށް އެމަނުކުފާނު ވިދާޅު ވިއެވެ.
މީގެ އިތުރުން ރަށު ސްކޫލްގެ އުމުރާނީ މަސައްކަތާއި، ހެލްތު ސެންޓަރުގެ މަސައްކަތް އަދި ކުޅިވަރު ކުޅޭދަނޑުތަކާއި ވަސީލަތްތައް ނިންމައި، އިތުރަށް ފުރިހަމަކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ރައްޔިތުންނަށް ދެއްވި އެވެ.
    
    މިރުސް އެތެރެކުރާނީ ދަނޑުވެރިންނަށް ގެއްލުން ނުވާ ގޮތަށް
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
            