މަމްދާނީ ހޮވިއްޖެ، މުހިއްމު އިންތިޚާބުތަކެއް ޑިމޮކްރެޓުން ކާމިޔާބުކޮށްފި

އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި ރޭ ކުރިއަށް ދިޔަ އިންތިޚާބުތަކުގައި ޑިމޮކްރެޓިކް ޕާޓީއިން މުހިއްމު ކާމިޔާބީތަކެއް ހޯދައިފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ރިޕަބްލިކަން ޕާޓީގެ މަޤްބޫލުކަން ކުޑަވެފައިވާ މިދަނޑިވަޅުގައި ޑިމޮކްރެޓުން މިހޯދީ މުހިއްމު ކާމިޔާބެކެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން ވަރޖީނިއާގެ ގަވަރުނަރުގެ އިންތިޚާބު ކާމިޔާބުކުރީ ޑިމޮކްރެޓިކް ޕާޓީގެ އަބިގެލް ސްޕެންބާގާރ އެވެ. އޭނާ ވާދަކުރެއްވީ މިހާރު އެސްޓޭޓްގެ ލެފްޓިނެންޓް ގަވަރުނަރަކަށް ހުންނެވި ރިޕަބްލިކަން ޕާޓީގެ ވިންސަމް އާލްޝިއަރސް އެވެ. ސްޕޭންބާގަރ ވަނީ ހައުސް ރެޕްރެޒެންޓޭޓިވްސްގެ ވަރޖީނިއާގެ މެމްބަރުކަން ކުރައްވާފައެވެ. އަދި އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ ސީ.އައި.އޭގައިވެސް މަސައްކަތްކުރެއްވިއެވެ.
މީގެ އިތުރުން ނިއުޖަރޒީގެ ގަވަރުނަރުގެ އިންތިޚާބުވެސް ޑިމޮކްރެޓުން ކާމިޔާބުކުރިކަމަށް ވަގުތީ ނަތީޖާއިން ދައްކައެވެ. އެ ސްޓޭޓްގެ ޑިމޮކްރެޓިކް ކެންޑިޑޭޓަކީ މިކީ ޝެރިލްއެވެ.
މީޑިއާގެ އެންމެ ބޮޑު ސަމާލުކަމެއް ލިބިފައިވަނީ އެމެރިކާގެ ވިޔަފާރީގެ މަރުކަޒީ ރަށް ނިއުޔޯކްގެ މޭޔަރގެ އިންތިޚާބަށެވެ. ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓްގައި އުމުރުން 34 އަހަރުގެ ޒޮހްރާން މަމްދާނީ ނިކުތް އިރު، އޭނާއާއި ވާދަކުރެއްވީ ޑިމޮކްރެޓިކް ޕްރައިމަރީގައި އޭނާ އާއި ވާދަކުރައްވާ ބަލިވި، ކުރީގެ ނިއުޔޯކް ސްޓޭޓްގެ ގަވަރުނަރު އެންޑްރޫ ކޯމޯއެވެ. ރިޕަބްލިކަން ޕާޓީގެ ފަރާތުން ކަރޓިސް ސްލީވާ ވާދަކުރިނަމަވެސް، އޭނާއަށްވުރެ ބޮޑަށް ރިޕަބްލިކަން ޕާޓީގެ ވެރިންގެ ތާއީދު އޮތީ ކޯމޯއަށެވެ. އެހެންނަމަވެސް ވަގުތީ ނަތީޖާ ދައްކާ ގޮތުން މަމްދާނީ ވަނީ މިހާރު ނިއުޔޯކްގެ މޭޔަރުގެ އިންތިޚާބު ކާމިޔާބުކުރައްވާފައެވެ.
މީގެ އިތުރުން މާބޮޑު ސަމާލުކަމެއް ނުލިބޭ އެހެން އިންތިޚާބެއްގައިވެސް ޑިމޮކްރެޓުން ވަނީ ޖޯޖިއާގައި ކާމިޔާބު ހޯދާފައެވެ. ޕަބްލިކް ސަރވިސް ކޮމިޝަނަރުންގެ އިންތިޚާބު ދެ ޑިސްޓްރިކްޓެއްގައި އޮތް އިރު، ޒަމާންތަކަކަށްފަހު ރިޕަބްލިކަން ޕާޓީގެ އަތުން އެގޮނޑިތައް ޑިމޮކްރެޓުން ވަނީ ހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ