އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މިއަދު މަޖިލީހަށް ހުށަހަޅަނީ 64 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ކަމަށް "އަދަދު" އަށް މައުލޫމާތު ލިބިއްޖެ އެވެ.
ފިނޭންސުން ލަފާކުރާ ގޮތުގައި އަންނަ އަހަރު 43 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ އެވެ. އަދި ހަރަދަކީ 57 ބިލިއަން ރުފިޔާ އެވެ. މިހެން ކަމުން އަންނަ އަހަރު ހަރަދުތައް ފޫބައްދަން 14 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެ އެވެ.
މިއީ ތާރީހުގައި ވެސް ހުށަހަޅާ އެންމެ ބޮޑު ބަޖެޓެވެ. އަންނަ އަހަރުގެ ބަޖެޓު މިހާ ބޮޑުވީ މައިގަނޑު ސަބަބަކީ އަންނަ އަހަރުގެ ތެރޭގައި ލޯނު ދައްކަން ކުރަން ޖެހޭ ހަރަދު ރެކޯޑު އަދަދަކަށް ބޮޑުވުމެވެ.
އަންނަ އަހަރު އެއް ބިލިއަނަށް ވުރެ ގިނަ ޑޮލަރު ލޯނު ދައްކަން ހަރަދުކުރަން ޖެހޭ އިރު، އޭގެ ތެރޭގައި ސުކޫކަށް ދައްކަން ޖެހޭ 500 މިލިއަން ޑޮލަރާއި އެހެން ބޮންޑަކަށް ދައްކަން ޖެހޭ 100 މިލިއަން ޑޮލަރު ހިމެނެ އެވެ.
ސަރުކާރުން އަންނަ އަހަރު ރެކޯޑު ބަޖެޓެއް ހުށަހަޅާއިރު، މި އަހަރުގެ ބަޖެޓު ތަންފީޒުކުރަން ބުނި ގޮތަކަށް ތަންފީޒެއް ނުކުރެ އެވެ.
އެ ގޮތުން މި އަހަރަކީ ސަރުކާރުން ގިނަ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅައިގެން އަށް ބިލިއަން ރުފިޔާ ސަލާމަތް ކުރަން ބުނި އަހަރެކެވެ. ނަމަވެސް މި އަހަރުގެ ތެރޭގައި އެ ފިޔަވަޅުތަކުގެ ތެރެއިން ތަންފީޒުވީ ކުޑަ މިންވަރެކެވެ. އަދި ވަކި ހިސާބަކުން ސަރުކާރުން ގެންގުޅޭ ސިޔާސަތު ބަދަލުކޮށް، ސަބްސިޑީ ޓާގެޓުކުރުމާއި ޕެންޝަން ނިޒާމުގައި ހުރި ކަންކަން ހައްލުކުރުން ފަދަ ކަންކަން ވަނީ ހުއްޓާލާފަ އެވެ.
ހަރަދު ކުޑަކުރަން ބުނި ފިޔަވަޅުތައް ނޭޅި ނަމަވެސް، ސަރުކާރުން ވަނީ ވިދިވިދިގެން 40 ހަފުތާ ވަންދެން ބަޖެޓު ސާޕްލަސްގައި ހިފަހައްޓާފަ އެވެ. ފިނޭންސް މިނިސްޓްރީން ބުނަނީ މިއީ ސަރުކާރުން ގެންގުޅުނު ފިސްކަލް ޑިސިޕްލިންގެ ސަބަބުން ހާސިލުކުރެވުނު ކަމެއް ކަމަށެވެ.
މިހެން ނަމަވެސް، ސަރުކާރުން އަސްލު މިކަން ހާސިލުކުރީ ކެޕިޓަލް ބަޖެޓުގެ ބޮޑު ބައި ހަރަދުނުކޮށް ބާއްވައިގެންނެވެ. މިހެން ބޭއްވުމަށް ފަހު ސަރުކާރުން ވަނީ ބިން ހިއްކުމާއި އެއާޕޯޓުތައް ފަދަ އެންމެ އަގު ބޮޑު މަޝްރޫއުތައް ދައުލަތުގެ ބަޖެޓުން ހަރަދެއް ކުރަން ނުޖެހޭ ގޮތަށް އެމްއޭސީއެލްއާ ހަވާލުކޮށްފަ އެވެ. އެހެން ޕްރޮޖެކްޓުތައް ހިންގަނީ ކުންފުނިތަކުގެ ހަރަދުގައި ނިންމުމުން ސަރުކާރުން ފައިސާ ދޭ ގޮތަށެވެ.
ސަރުކާރުން ހުށަހަޅަނީ 64 ބިލިއަން ރުފިޔާގެ ރިކޯޑު ބަޖެޓެއް ސަރުކާރުން ހުށަހަޅަނީ 64 ބިލިއަން ރުފިޔާގެ ރިކޯޑު ބަޖެޓެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ