އަމީރުގެ ބަހުގެ ހަމަލާތަކެއް އިކޮނޮމިކް މިނިސްޓަރު ސައީދަށް

ރާއްޖޭގެ އިގްތިސާދީ ހާލަތު މިއަދު މިހާލަތަށް ވައްޓާލީ އެމްޑީޕީ ސަރުކާރުންކަމަށްބުނެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދެއްކި ވާހަކަތަކަށް އެމްޑީޕީ ސަރުކާރުގެ މާލީ ވަޒީރު އިބްރާހިމް އަމީރު ބަހުގެ ހޫނު ހަމަލާތަކެއް މިނިސްޓަރަށް އަމާޒުކުރައްވައިފިއެވެ.
މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ސައީދު ވިދާޅުވެފައިވަނީ، ނަގަންނުޖެހޭ ދަރަނިތައް ނަގައި ޤައުމު އިގްތިސާދީ އަނދަވަޅަކަށް ވައްޓާލީ އެމްޑީޕީ ސަރުކާރުންކަމަށެވެ. މިކަމާ ގުޅޭގޮތުން ވަރަށް ކޯފާ އިސްކުަރައްވައި އަމީރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ކޮވިޑާއެކު ނަގަން ޖެހުނު ދަރަންޏަކީ ގައުމު ސަލާމަތްކޮށް، އަމިއްލަ ފަރުދުންނާއި ވިޔަފާރިތައް ސަލާމަތްކުރަން ކޮންމެހެންވެސް ކުރަންޖެހުނު ކަމެއް ކަމަށެވެ.
ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖް އަކީ މުޅި މާލެ ސަރަހައްދުގެ އިގްތިސާދު އެއްކޮށް ބަދަލުކޮށްލައި، އިޖްތިމާއީ ގިނަ ކުރިއެރުންތައް ގެނުވާނެ ޕްލޭންތަކާއި އެކު ފެށުނު މަސައްކަތެއްކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ ބްރިޖްގެ ލޯނަކީ 5 އަހަރުގެ ގްރޭސް ޕީރިއަޑަކާއި އެކު 25 އަހަރުން ދައްކަންޖެހޭ އަގު ހެޔޮ ލޯނެއް ކަމަށެވެ. އަދި ސަރުކާރުން ގެދޮރުވެރިކަމުގެ މަޝްރޫޢުތައް މިހާރު ކުރިއަށްގެންދަނީ މާލެ ކޮމާޝަލް ޕޯޓް ގުޅިފަޅަށް ރިލޮކޭޓްކޮށް، މާލެ ޕޯޓް ސަރަހައްދު ތަރައްޤީކުރަން ހުރި ފައިސާއިންކަމަށާއި، ގުޅިފަޅު އެއްކޮށް ހިއްކައި، ގިރާވަރު ހިއްކުން ނިންމައި މީހުން އާބާދުކުރުމުގެ މަސައްކަތް މިހާރު ފެށެންވާނޭކަމަށެވެ. އެގޮތުން އެ ޕްލޭންތައް އެމްޑީޕީ ސަރުކާރުގެ ވެރިކަން ނިމުނުއިރު ހުންނާނީ ހެދިފައިކަން އަމީރު ފާހަގަކުރެއްވިއެވެ.
އަމީރު ވަނީ ސަރުކާރުގެ އިގްތިސާދީ އަދި މާލީ ސިޔާސަތުތައް ތަންފީޒު ފަމުން ނުދާކަމަށް ވިދާޅުވެ، އެކަންކަމަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ފައިނޭންޝިއަލް ސެންޓަރޭ ކިޔައިގެން ގެނައި 8 ބިލިއަން ޑޮލަރު އިންވެސްޓްމެންޓް ކޮބައިތޯ ވަނީ ސުވާލުކުރައްވާފައެވެ. 
މާ ބޮޑު ދަތި ކަމެއް ހުރެގެން ނުވާނެ ތާ! އެންމެ 2 އަހަރު ތެރޭ 30 ބިލިއަނުން ގައުމު ދަރަނި ވެރި ކުރިއިރު ކުރެވުނު މަސައްކަތެއް ފެންނަ ދިވެއްސަކު ނެތް.
އަމީރު ވިދާޅުވިއެވެ
އަމީރު އިތުރަށް ވިދާޅުވީ އިންފްލޭޝަން މައްޗަށް ގޮސް، އަމިއްލަ ފަރުދުންގެ ދިރިއުޅުން ނިހާޔަތަށް ދަށްވެގެން ހިނގައްޖެ ކަމަށާއި، ވިޔަފާރިތައް ބަނގުރޫޓްވާ އިރުވެސް އިކޮނޮމިކް މިނިސްޓަރު އުޅުއްވަނީ ފޮނިބައިސާ ކެނޑުމުގައިކަމަށެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް އަމީރު ފާޑުވިދާޅުވިއިރު، ރާއްޖޭގެ ތާރީހުގައި މިހާތަނަށް ދައްކަންޖެހޭ އެންމެބޮޑު ދަރަނި އަންނަ އަހަރު ދައްކަންޖެހޭނޭކަމަށް މި ސަރުކާރުގެ މާލީ ވުޒާރާއިން ވަނީ ބުނެފައެވެ. އެގޮތުން ކުރީ ސަރުކާރުން ނަގާފައިވާ ކުރުމުއްދަތުގެ ދަރަންޏާއި އިންޓަރެސްޓްރޭޓް ބޮޑުކަން ފާހަގަކުރަމުން މި ސަރުކާރުން ވަނީ އަންނަ އަހަރު ލޯނު އަދާކުރުމަށް 1 ބިލިއަނަށްވުރެ ގިނަ ޑޮލަރު ދައްކަންޖެހޭނޭކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ