ގުއަޑަލަޖާރާ ސިޓީ، މެކްސިކޯ (ސެޕްޓެމްބަރު 16) - އެމެރިކާގެ 17 އަހަރުގެ ޓެނިސް ކުޅުންތެރިޔާ، އީވާ ޖޯވިޗް، މެކްސިކޯގެ ގުއަޑަލަޖާރާ އޯޕަން ތަށި ހޯދައި، މި ފަހަރުގެ ސީޒަނުގައި، ވިމެންސް ޓެނިސް އެސޯސިއޭޝަން (ޑަބްލިއުޓީއޭ) ލެވަލް މުބާރާތެއް ކާމިޔާބުކުރި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފް ހޯދައިފި އެވެ.
ގުއަޑަލަޖާރާ އޯޕަން ފައިނަލުގައި ޖޯވިޗް ވަނީ 6-4 6-1 އިން ކޮލަމްބިއާގެ އެމިލިއާނާ އަރަންގޯ އަތުން މޮޅުވެފަ އެވެ. މި ކާމިޔާބީ ހޯދިއިރު، ޖޯވިޗްގެ އުމުރަކީ، 17 އަހަރާއި 283 ދުވަހެވެ. މި ސީޒަނުގައި މީގެ ކުރިން ޑަބްލިއުޓީއޭ ލެވަލްގެ މުބާރާތެއްގެ ތަށި ހޯދި އެންމެ ހަގު ކުޅުންތެރިއަކީ، 17 އަހަރާއި 299 ދުވަހުގައި އެކަން ހާސިލްކުރި މީރާ އަންޑްރީވާ އެވެ. އޭނާ ވަނީ މި ފަހަރުގެ ދުބާއީ ޗެމްޕިއަންޝިޕް އާއި އިންޑިއަން ވެލްސް އޯޕަން ކާމިޔާބުކޮށްފަ އެވެ.
ޖޯވިޗް އަކީ 2021 ވަނަ އަހަރު ކޮކޯ ގޯފް، ޕާމާގައި މުބާރާތެއް ކާމިޔާބުކުރި ފަހުން، ޑަބްލިއުޓީއޭ ލެވަލް މުބާރާތެއްގެ ޗެމްޕިއަންކަން ހޯދި އެމެރިކާގެ އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. ޖޯވިޗް، ގުއަޑަލަޖާރާ އޯޕަން އަށް އައިއިރު، ރޭންކިންގައި އޮތީ 73 ގަ އެވެ. އެކަަމަކު، މި މުބާރާތުގެ ކާމިޔާބާ އެކު، 36 ވަނަ އަށް ވަނީ އަރައިފަ އެވެ.
މި އަަހަރު ފެށުނުއިރު، ޖޯވިޗްގެ ރޭންކިން އުޅެނީ، 206 ގަ އެވެ.
މި އަހަރުގެ ހަތަރު ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގައި ވެސް ކުޅުނު ޖޯވިޗް ވަނީ އޮސްޓްރޭލިއަން އޯޕަން، ފްރެންޗް އޯޕަން އަދި ޔޫއެސް އޯޕަންގެ ދެ ވަނަ ބުރަށް ދަތުރުކޮށްފަ އެވެ. އެކަމަކު، ވިމްބަލްޑަން އިން ކެޓީ ފުރަތަަމަ ބުރުންނެވެ.
ޖޯވިޗް، މި އަހަރު ޑަބްލިއުޓީއޭ ތަށްޓެއް ހޯދި އެންމެ ހަގު ކުޅުންތެރިޔާ ޖޯވިޗް، މި އަހަރު ޑަބްލިއުޓީއޭ ތަށްޓެއް ހޯދި އެންމެ ހަގު ކުޅުންތެރިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ