މިސްކިތްތަކުގައި ޖަމާޢަތުގައި ކުރެވޭ ރޭގަނޑުގެ ނަމާދުތަކަށް ބަލާށެވެ! އިމާމަށް ކުށެއް ކީއްޖެނަމަ ރަނގަޅުކޮށްދެނީ ޙާފިޡުންނެއް ނޫނެވެ. އަދި ޝައިޚުންނެއްވެސް ނޫނެވެ. ކޮންމެ މިސްކިތެއްގެ ކޮންމެ ޖަމާޢަތެއްގައި ޙާފިޡުންނާއި ޝައިޚުން ނުތިއްބަވާތީއެވެ. ކުށް ރަނގަޅުކޮށްދެނީ ޤުރްޢާނުގެ އަހުލުވެރިންނެވެ. ގިނައިން ކިޔަވާ މީހުންނެވެ.
އެކަމުން އެނގެނީ އެމީހުންގެ ހިތުގައި ޤުރްޢާން މިހާރުވެސް އެބައޮތްކަމެވެ. އެމީހުން ދެން ކުރަން އޮތްކަމަކީ ހިތަށް ޤުރްއާން އެކުގައި ލުމަށް ގަދައަޅައި މަސައްކަތްކުރަންވީއެވެ. މަސައްކަތްކުރާ މީހުންނަށް ކާމިޔާބު މިންވަރުކުރައްވަވާނެތެވެ! އިން ޝާ ﷲ
ބައެއް މީހުންނަށް ޤަބޫލުކުރެވެނީ ޤުރްއާން ހިތުދަސްކޮށް ޙާފިޡަކަށް ވެވޭނީ ވަކި ޢުމުރެއްގައި ކަމަށެވެ. ޢުމުރުން ގިނަ ދުވަސްވެއްޖެނަމަ އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މިއީ އެއްގޮތަކަށްވެސް ރަނގަޅު ވިސްނުމެއް ނޫނެވެ.
ފުރަތަމައަށްވެސް ބަލައިލަންވީ ޞަޙާބީންނަށެވެ. އެންމެ ގިނަ ބޭކަލުން ކީރިތި ޤުރްއާން ހިތުދަސްކުރެއްވެވީ ކުޑަކުދިންގެ ގޮތުގައި ތިއްބަވައިގެނެއް ނޫނެވެ. ބޮޑެތި މީހުންނާއި މުސްކުޅިންގެ ގޮތުގައި ތިއްބަވައިގެންނެވެ. އަދި ލިޔަންކިޔަންވެސް އެނގިވަޑައިނުގަންނަވާ ޙާލުކޮޅުގައެވެ.
އެބޭކަލުން އެކަމަށް ޝައުޤުވެރިވެވަޑައިގެން މަސައްކަތްޕުޅު ކުރެއްވެވީއެވެ. އެކަމަށް ސަމާލުކަން ދެއްވެވީއެވެ. ހިތްޕުޅު އެކަމަށް ޚާއްޞަ ކުރެއްވެވީއެވެ. އެކަންކަމުގެ ނަތީޖާއެއްގެ ގޮތުން އެބޭކަލުންގެ ހިތްތަކަށް ﷲ ތަޢާލާ ޤުރްއާން ލައްވަވައި ދެއްވެވީއެވެ.
އެކަމަށް އެދިގެން މަސައްކަތްކުރުމުން މިއަދުވެސް ލައްވަވައިދެއްވަވާނެތެވެ. އިން ޝާ ﷲ
މީސްތަކުންނޭވެ! މިއަދު ޤުރްއާން ހިތުދަސްކުރަނީ މިވެނި ޢުމުރެއްގެ ކުޑަކުދިން ކަމަށް ބުނެވޭކަށް ނެތެވެ. ދަސްނުކުރާ ޢުމުރެއް ނެތެވެ. އަހުރެމެންނަށް އޮތީ ދަރިންނަށް ޙިތްވަރުދީ މަގުފަހިކޮށްދިނުމެވެ. އަދި އަހުރެމެންވެސް ދަސްކުރަން މަސައްކަތްކުރުމެވެ. އެކަމަށްވުރެ ކުރަން ފައިދާހުރި މަސައްކަތެއް ނެތެވެ.
- މުފްތީ މެންކުގެ ދަރުސަކުން
ތިބާގެ ހިތަށް ﷲ ތަޢާލާ ޤުރްއާން ލައްވަވައިދެއްވެވުމަކަށް ވަކިޢުމުރެއް ނެތް! އޮތީ ހިތްވަރުކުރަން ކެރުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ