ނޭޕާލަށް މި ވަގުތު ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް ނުކުރުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އެދެފި އެވެ.
ވީ ކިހިނެއް؟ - ނޭޕާލުގައި ސޯޝަލް މީޑިއާގެ ގިނަ އެޕްލިކޭޝަންތަކެއް މަނާ ކުރުމާއި ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއް ދަނީ ކުރަމުންނެވެ. އަދި އެ މުޒާހަރާތައް ހޫނުވެ، މިއަދު ގާނޫނު ހަދާ މަޖިލީހާއި ބައެއް ތަންތަނުގައި ރޯކޮށް، ސަރުކާރުގެ އިސް ބޭފުޅުންނަށް ހަމާލާދީފައިވެ އެވެ.
އެކަމާ ގުޅިގެން މިއަދު ފޮރިން މިނިސްޓްރީން ބަޔާނެއް ނެރެ، ދިވެހިން ސަމާލުވުމަށް ވަނީ އެދިފަ އެވެ.
ތަފްސީލް - މިނިސްޓްރީގެ ބަޔާނުގައި އިލްތިމާސްކޮށްފައިވަނީ:
ނޭޕާލުގެ ކަންކަން އާންމު ހާލަތަށް ރުޖޫއަވަންދެން، ދިވެހިން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް ނުކުރުމަށް
ކަތަމަންޑޫގައި ދިރިއުޅޭ އަދި އެ ސިޓީއަށް ދަތުރުކުރާ ދިވެހިން ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް
ހަމަނުޖެހުން ހިނގާ ސަރަހައްދުތަކާ ދުރުހެލިވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގުމައްޗަށް ނުނިކުތުމަށް
ނޭޕާލުގެ ކަމާބެހޭ އިދާރާތަކުންނާއި އިންޑިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަން އަދި ފޮރިން މިނިސްޓްރީން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށް
ނޭޕާލުގައި ގިނަ އަދަދަކަށް ދިވެހިން ތައުލީމް ހާސިލުކުރަމުންދެ އެވެ. އޭގެ ތެރޭގައި ސިއްހީ ދާއިރާގެ ދަރިވަރުން ހިމެނެ އެވެ. މިނިސްޓްރީން ބުނީ، ނޭޕާލުގައި ތިބި ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެ ގައުމުގެ ކަމާ ގުޅުން ހުރި އިދާރާތަކާ މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި ވަރަށް ގާތުން އެ ރައްޔިތުންގެ ކަންކަން ބަލަމުންދާކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
"މި ހާއްސަ ހާލަތުގައި ބޭނުންވާ ލުއިފަސޭހަތައް ހަމަޖައްސައިދިނުމަށް އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުންނާއި މި މިނިސްޓްރީން މަސައްކަތްކުރަމުންދާ ވާހަކަ ދަންނަވަމެވެ. އަދި ހަމައެއާއެކު، ނޭޕާލުގެ މަޝްރަހު އިތުރަށް ގޯސްވެއްޖެ ނަމަ، ނޭޕާލުގައި ތިއްބެވި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އަރުވަމެވެ،" ބަޔާނުގައި އިތުރަށް ބުންޏެވެ.
ނޭޕާލުގެ ހާލަތު ބަދަލުވަމުންދާ ގޮތުން އެއްވެސް އެހީތެރިކަމެއް ބޭނުންވާ ނަމަ ގުޅާނީ:
އިންޑިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ ނަންބަރު 919910040786+ އަށް
ފޮރިން މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 7983400 އަށް
ހާލަތު ރަނގަޅު ވަންދެން ނޭޕާލަށް ދަތުރުނުކުރުމަށް އެދެން: ފޮރިން މިނިސްޓްރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ