ނެޓްފްލިކްސްގެ މަގުބޫލު ވެބް ސީރީސް 'ދެއްލީ ކްރައިމް'ގެ ޓީޒާ ދައްކާލައިފި

ނެޓްފްލިކްސްއިން ގެނެސްދެމުން އަންނަ އެ ޕްލެޓްފޯމްގެ އެންމެ މަގުބޫލު ވެބް ސީރީސްތަކުގެތެރޭ ހިމެނޭ "ދެއްލީ ކްރައިމް"ގެ ތިން ވަނަ ސީޒަންގެ ޓީޒާ ދައްކާލައިފިއެވެ. ތިން ވަނަ ސީޒަންގެ ޓީޒާ ދައްކާލާފައި މިވަނީ އަންނަ މަހުގެތެރޭ އެ ސީރީސްގެ އާ ބައި ޕްރީމިއާ ކުރާނެކަމަށް ރިޕޯޓުތައް ބުނެފައި ވަނިކޮށެވެ. ފިލްމީ ތަރި ޝެފާލީ ޝާހް ލީޑް ރޯލް ކުޅެފައިވާ މި ކްރައިމް ވެބް ސީރީސްގައި މިފަހަރު ގެނެސްދޭނީ އިންޑިއާގެ ގިނަ ބައެއްގެ ސަމާލުކަން ހޯދި ހިއުމަން ޓްރެފިކިންގް މައްސަލައެކެވެ. ގިނަ ބައެއްގެ ސަމާލުކަން ލިބުނު "ބޭބީ ފަލަކް"ގެ ވާހަކައިގެ މައްޗަށް ތިން ވަނަ ސީޒަންގެ ބޮޑު ބައެއް ބިނާކޮށްފައި ވާއިރު އެ މައްސަލައާ ގުޅިގެން ފެންމަތިވި ހިއުމަން ޓްރެފިކިންގް ބޮޑު ނެޓްވޯކެއްގެ މައްސަލަ ތިން ވަނަ ސީޒަންގައި ދައްކުވައިދޭނެއެވެ. ވެބް ސީރީސް "ދިއްލީ ކްރައިމް"ގެ ޕޯސްޓަރެއް--ފޮޓޯ/އެންޑީޓީވީ ހަމައެއާއެކު އެ ނެޓްވޯކް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުން ހޯދުމަށް ފުލުހުން ހިންގާ ވަރަށް ވަރުގަދަ އޮޕަރޭޝަނެއް "ދެއްލީ ކްރައިމް 3"އިން ބެލުންތެރިންނަށް ގެނެސްދޭނެއެވެ. އިންޓަނޭޝަނަލް އެމީ އެވޯޑު ކާމިޔާބުކޮށްފައި މި ސީރީސްގެ ތިން ވަނަ ސީޒަން ބެލުންތެރިންނަށް ގެނެސްދޭނީ އަންނަ މަހުގެ 12ގައެވެ. އެކަން ނެޓްފްލިކްސްއިން ވެސް ވަނީ އިއުލާނުކޮށްފައެވެ. މި ސީރީސްގެ އެހެން ސީޒަންތަކެކޭ އެއްގޮތަށް މިފަހަރުގެ ސީޒަންއިން ވެސް ލީޑް ރޯލްއިން ފެންނާނީ ޑިސީޕީ ވަރްތިކާ ޗަތުރުވެދީގެ ރޯލް ކުޅޭ ޝެފާލީ ޝާހްއެވެ. ޝެފާލީއާ އެކު ބަތަލާގެ ޓީމުން ކުރީގެ ސީޒަންތަކުން ފެނުނު ފިލްމީ ތަރިން ފެންނާނެއިރު ބޮލީވުޑް ބަތަލާ ހުމާ ގުރައިޝީ ވެސް ތިން ވަނަ ސީޒަންގެ މުހިއްމު ރޯލަކުން ފެންނާނެއެވެ. މީގެ ހަ އަހަރު ކުރިން ގެނެސްދޭން ފެށި "ދިއްލީ ކްރައިމް"ގެ ފުރަތަމަ ސީޒަންގައި ގެނެސްދިނީ 2012 ވަނަ އަހަރު އިންޑިއާގެ ނިއު ދިއްލީގައި ހިނގި 'ނިރުބަޔާ ރޭޕް ކޭސް'އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ