ލާމަރުކަޒީ ގާނޫނު ވުޖޫދުވުމާއެކު އުފެދުނު އައްޑޫ ސިޓީ ކައުންސިލް ބައިބައިކޮށް ތިން ރަށެއްގައި ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ނަގާ ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުގެ ސްޓޭންޑެއް ނެތް ކަމަށް ބުނި ނަމަވެސް، ވަކިވުމާ އެއްކޮޅަށް ވޯޓު ހޯދަން ހޯމް މިނިސްޓަރު އަލީ އިހުސާން އައްޑޫގައި ކެމްޕެއިނު ކުރައްވާކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި އިހުސާން ނިސްބަތްވާ ސ. ފޭދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ އިއްޔެއިން ފެށިގެން ބައްދަލުކުރައްވައި، މި މަހު 25 ގައި އެ ރަށުގައި ވަކި ކައުންސިލެއް އުފައްދަން ބާއްވާ ވޯޓަށް ދަނީ ކެމްޕެއިން ކުރައްވަމުންނެވެ.
ކެބިނެޓުގައި އިންނަވާ ވަޒީރަކު ވަކިވުމުގެ ކެމްޕެއިންގައި އިސްކޮށް މަސައްކަތް ކުރައްވާއިރު، މި ވޯޓު އިއުލާން ކުރެއްވުމަށް ފަހު ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ އެ ވޯޓާ ގުޅިގެން ސަރުކާރުގެ ސްޓޭންޑެއް ނެތް ކަމަށާއި ރައްޔިތުންގެ މެޖޯރިޓީން ނިންމާ ކޮންމެ ނިންމުމެއް ސަރުކާރުން ތަންފީޒުކުރާޏެ ކަމަށެވެ.
"އައްޑޫ ގެ ފޭދޫ، ހުޅުދޫ، މީދޫ ގައި ނަގާ ރިފަރަންޑަމް ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއްނެތް. ސަރުކާރުން އިހްތިޔާރު ކުރާ ވަކި ނަތީޖާއެއްނެތް. ރައްޔިތުންގެ މެޖޯރިޓީ އިން ނިންމަވާ ކޮންމެ ނިންމުމެއް ސަރުކާރުން ތަންފީޒުކުރާނެ،" މުއިއްޒު ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އަދަދު އިން ސުވާލުކުރުމުން އިހުސާން ވިދާޅުވީ އައްޑޫއަށް ވަޑައިގެންނެވީ އަމިއްލަ މަސައްކަތެއްގައި އަމިއްލަ ހައިސިއްޔަތުން ކަމަށެވެ.
"އަޅުގަނޑު މި ވަގުތުގައި އައްޑޫގައި މިހުރީ ޕާސަނަލް މަސައްކަތެއް ކުރަން އަމިއްލަ ހައިސިއްޔަތުން،" މިނިސްޓަރު ވިދާޅުވި އެވެ.
އިހުސާންއާއެކު ޓޫރިމް މިނިސްޓަރު ތޯރިގު އިބްރާހިމް ވެސް އައްޑޫއަށް ވަޑައިގެންނެވި އެވެ. އެގޮތުން ބައެއް ބައްދަލުވުންތަކުގައި ތޯރިގު ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އައްޑޫ ކައުންސިލްތައް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާ ގުޅޭގޮތުން ވޯޓެއް ނަގަން ވަޒީރުންގެ މަޖިލީހުން ނިންމީ އޮކްޓޫބަރު 5، ގަ އެވެ. އެ ނިންމުން ވަޒީރުންގެ މަޖިލީހުން ނިންމީ އެކަން އެގޮތަށް ކޮށްދިނުމަށް އެދި އައްޑޫ ރައްޔިތުންގެ ތެރެއިން ބަޔަކު މުއިއްޒުގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށް ބުނެ އެވެ.
އައްޑޫ އާންމު ވޯޓު ނަގަނީ އެކަށީގެންވާ ވަގުތު ނުދީ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެގޮތުން އެކަމާ ގުޅިގެން ސަރުކާރަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
އައްޑޫ ރައްޔިތުންގެ މެދުގައި މި މަހު 25 ގައި އާންމު ވޯޓަކަށް އަހަނީ ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް ގާއިމު ކުރުމަށް ފެނޭތޯ އާއި ފޭދޫގައި ވަކި ކައުންސިލެއް ގާއިމު ކުރުމާ ގުޅޭ ގޮތުންނެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ވޯޓަސް ލިސްޓުގައިވާ ގޮތުން، މި ވޯޓުގައި، 9،577 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބެ އެވެ.
"ސްޓޭންޑެއް ނެތް" އެކަމަކު އިހުސާން އައްޑޫގައި ކެމްޕެއިނުކުރަނީ "ސްޓޭންޑެއް ނެތް" އެކަމަކު އިހުސާން އައްޑޫގައި ކެމްޕެއިނުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ