ޝައިޚް ޝަފީޢުގެ ކޮލަމް: މީޑިއާ ޢަލްމާނީކުރުން - ދީނީ ނަޒަރަކުން

މީޑިއާއަކީ އިންސާނީ ދިރިއުޅުމުގެ ކޮންމެ ކަމަކާ ގުޅިފައިވާ، ވަރަށް ބޮޑު ނުފޫޒެއް ފޯރުވާ ވަސީލަތެކެވެ. ޚަބަރު ފެތުރުމާއި، މަޢުލޫމާތު ދިނުމާއި، ތަޢުލީމު ދިނުމާއި މުނިފޫހިފިލުވުމުގައި ވެސް މީޑިއާގެ ދައުރު މުހިންމެވެ. ނަމަވެސް، އިސްލާމީ ޤައުމަކަށް ދިމާވާނޭ އެންމެ ބޮޑު ގޮންޖެހުމަކީ އަދި ނުރައްކަލަކީ އެ ތަނެއްގައި އޮންނަ މީޑިއާ ޢަލްމާނީވެގެން ދިޔުން ނުވަތަ ބަޔަކު މީހުން މީޑިއާ ޢަލްމާނީކުރާން ނުވަތަ ސެކިޔުލަރައިޒްކުރާން މަސައްކަތްކުރުމެވެ. އަޅުގަނޑުމެންގެ ޤައުމުން ވެސް މި ކަން ފެންނަމުން އެބަދެއެވެ. އެހެންކަމުން، މި ލިޔުމުގައި މި ބަލައިލަނީ މީޑިއާ ޢަލްމާނީކުރުމުގެ ނުރައްކާތެރިކަމާ ބެހޭ ގޮތުންނެވެ.
ޢަލްމާނީކުރުމުގެ މާނަ: 
"ޢަލްމާނީކުރުން": މި ލަފުޒުގެ އަސްލަކީ ޢަރަބި ބަހުގެ "ޢާލަމް" (ދުނިޔެ) އެވެ. ފިކުރީ ޢިލްމުވެރީން މި ލަފުޒަށް ތަފާތު ތަޢުރީފުތަކެއް ދެއްވައިފައި ވިޔަސް، އެންމެ އާންމު މާނައަކީ ދީނާއި ދައުލަތް ވަކިކުރުމާއި، އާންމު ދިރިއުޅުމުގެ ކަންކަމުން ދީނުގެ ނުފޫޒު ކުޑަކުރުން ނުވަތަ އެއްކޮށް ނައްތައިލުމެވެ. ޢަލްމާނީ ވިސްނުމުގައި ދީނަކީ ފަރުދީ ކަމެއް ކަމަށް ދެކި، ދައުލަތުގެ ޤާނޫނުތަކާއި ސިޔާސަތުތަކާއި، އިޖުތިމާޢީ ހަމަތައް އެކުލަވައިލުމުގައި ދީނުގެ ހަމަތަކަށް ބުރަވުން ރަނގަޅު ނޫން ކަމަށް ދެކެއެވެ. 
މީޑިއާ ޢަލްމާނީކުރުމަށް ކުރެވޭ މަސައްކަތް: 
މީޑިއާއަކީ މުޖުތަމަޢުގެ ވިސްނުން ބައްޓަންކުރުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ ވަސީލަތެއް ކަމަށް ވާތީ، ޢަލްމާނީ ވިސްނުން ފަތުރަން ބޭނުންވާ ފަރާތްތަކުން މީޑިއާ ބޭނުންކުރެއެވެ. މީޑިއާ ޢަލްމާނީކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ތިރީގައިވާ ކަންކަން ހިމެނެއެވެ. 
ދީނީ މަޢުލޫމާތުތައް މަދުކުރުން ނުވަތަ ނައްތައިލުން:  
މީޑިއާގައި ދީނީ ޕުރޮގުރާމުތަކާއި މަޒުމޫނުތައް މަދުކޮށް، ދީނީ ޢިލްމުވެރީންގެ ބަސްތަކަށް ދެވޭ އިސްކަން ކުޑަކުރެއެވެ. ދިވެހިރާއްޖޭގެ މަޝްހޫރު ހުރިހާ ނޫސްތަކަކަށް ބަލައިލިކަމުގައި ވިޔަސް މި މަންޒަރު ފެންނާނެއެވެ. ދީނީ މަޢުލޫމާތު ފެތުރުމަށް ދެވިފައިވާ ޖާގަ ވަރަށް ހަންޏެވެ. ދީނީ ޢިލްމުވެރީންގެ ބަސްފުޅުތަކާއި ދެއްވާ ހެޔޮ ނަސޭހަތުގެ ވާހަކަތައް ގެނެސްދޭން މަޝްހޫރު ބައެއް ނޫސްތަކުން އެއްވެސް ވަރަކަށް ބޭނުމެއް ނުވެއެވެ. ދީނީ މަޢުލޫމާތާއި ލިޔުންތައް ގެނެސްދޭ ބައެއް ނޫސްތަކުން ވެސް އެ ކަން ކުރަނީ ވަރަށް އަރިމަތީ ކަމެއްގެ ގޮތުގައެވެ. 
ޢަލްމާނީ ވިސްނުން ހިމެނޭ ކޮންޓެންޓް އިތުރުކުރުން:  
ފިލްމުތަކާއި، ޑްރާމާތަކާއި، މިއުޒިކާއި، ލިޔުންތަކުގައި ދީނީ ހަމަތަކާ ޚިލާފު ވައްތަރުގެ ފާޙިޝް ގުޅުންތަކާއި، އަމިއްލަ މިނިވަންކަމުގެ ނަމުގައި ދީނުގެ ހުދޫދުތައް ފަހަނަޅައިދާ ކަންކަން ހިމެނައެވެ. 
ރާއްޖޭގެ މަޝްހޫރު ބައެއް ނޫސްތަކަށް ބަލާއިރު، ކޮންމެ ދުވަހަކު ވެސް ހެނދުނުހެނދުނާ އެންމެ ފުރަތަމަ ޝާއިޢުކުރެވޭ ލިޔުންތަކުގެ ތެރޭގައި ބޮލީވުޑާއި ހޮލީވުޑުގައި ހަރަކާތްތެރިވާ މީހުންގެ ޚަބަރުތައް ގެނެސްދެއެވެ. އެއީ ކިތަންމެ ބޭކާރު ޚަބަރަކަށް ވިޔަސް އެ ޚަބަރުތައް ވެސް ޝާއިޢުކޮށްފައި ހުރެއެވެ. އަދި އެއީ އިސްލާމީ އަޚްލާޤިއްޔާތާ ކިތަންމެ ފުށުއަރާ ޚަބަރެއް ކަމުގައި ވިޔަސް އެ ޚަބަރުތައް ވެސް ޝާއިޢުކޮށްފައި ހުރެއެވެ. އެ ނޫހަކީ އިންޑިޔާގެ ނޫހަކަށް ވުރެ މާބޮޑަށް މި ދެންނެވި މީހުން ޕްރޮމޯޓުކުރާ ނޫހަކަށް ވެދެއެވެ. 
ދީނަށް ޝައްކު އުފެއްދުން: ދީނީ ޢަޤީދާތަކާއި ޝަރީޢަތުގެ ޙުކުމްތަކާ މެދު ސުވާލު އުފައްދައި، އެއީ ޒަމާނީ ދިރިއުޅުމާ ނުގުޅޭ ކަންކަން ކަމަށް ދައްކަން މަސައްކަތްކުރާތަން ވެސް ފެނެއެވެ. ބައެއްފަހަރު ލިޔާ ކުރު ވާހަކައެއްގެ ޒަރީއާއިންނެވެ. މިއީ ވެސް ބައެއް ނޫސްތަކުގައި ލިޔާ ލިޔުންތެރީންގެ ފަރާތުން ފެނިފައިވާ ކަމެކެވެ. އިސްލާމީ ޢަޤީދާއާއި އަޚްލާޤިއްޔާތާ މުޅީން ނުގުޅޭ ލިޔުންތައް ލިޔެ ޝާއިޢުކުރާތަން ފެނެއެވެ. 
ދީނީ ޝަޚްޞިއްޔަތުންނަށް ފުރައްސާރަކުރުން: ބައެއްފަހަރު ދީނީ ޢިލްމުވެރީންނާއި، ދީނުގައި ހިފަހައްޓާ މީހުންނަށް ފުރައްސާރަކޮށް، މަލާމާތްކޮށް، އެ މީހުންގެ އަގުވައްޓައިލަން މަސައްކަތްކުރެއެވެ. ބައެއް ނޫސްތަކުގައި ދީނީ ޢިލްމުވެރީންނާ ބެހޭގޮތުން ލިޔާ ލިޔުންތައް ކިޔައިލީމާ ފެންނާނީ ރޯނުއެދުރުކަމެވެ. ޢިލްމުވެރީން ކަންކަން ކުރާންވީ ގޮތް ވެސް އެނގެނީ ޢިލްމެއް ނެތް މީހާއަށެވެ. ޖަހުލުގެ މައްޗަށް ވަރަށް ގިނަ ފަހަރު ޢިލްމުވެރީންނަށް ފުރައްސާރަވާ ގޮތަށް ލިޔުންތައް ލިޔެފައި ހުންނަތަން ފެނެއެވެ. 
މާއްދީ ތަރައްޤީއަށާއި، ދުނިޔަވީ ކަންކަމަށް އެކަނި އިސްކަންދިނުން:  
މުޖުތަމަޢުގެ ކާމިޔާބީ މިނާ އެއްޗެއްގެ ގޮތުގައި މާއްދީ ތަރައްޤީއާއި ދުނިޔަވީ ކާމިޔާބީ އެކަނި ދައްކައި، ދީނީ އަޅުކަންތަކާއި ދީނީ ރިވެތި އާދަތަކަށް ދެވޭ ސަމާލުކަން ކުޑަކުރެއެވެ. ރާއްޖޭގެ ނޫސްތަކަށް ނަޒަރު ހިންގައިލީމާ، ގިނައިން ފެންނާނީ ދުނިޔެވީ ކާމިޔާބީގެ ވާހަކަތައް ގެންނަ ތަނެވެ. މާއްދިއްޔަތަށް ހެއްލިގެއްލިފައިވާ މުޖުތަމަޢެއްގައި ކަންކަން އޮންނަ ފަދައިންނެވެ. ދީނީ ކަންކަމުގައި މީހަކު ހޯދާ ރީތި ނަމެއްގެ ވާހަކައެއް ބޮޑު ސުރުޚީގައި ފާހަގަކޮށްފައިވާ ތަނެއް ނުފެންނާނެއެވެ. 
ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެކެވެ. އެހެންކަމުން، ދިވެހީންގެ ސަގާފަތާއި އާދަކާދައާއި އެ މީހުންގެ އުޅުމާއި ގުޅުމުގެ ހުރިހާ ކަމެއްގައި ވެސް ޒަމާނުއްސުރެ އިސްލާމީ ޝަރީޢަތުގެ އަސަރު ފެންނާން އެބަހުއްޓެވެ. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ވެސް ދިވެހި ދައުލަތަކީ އިސްލާމީ ދައުލަތެއްކަން ކަށަވަރުކޮށްދީފައިވެއެވެ. ނަމަވެސް، މިއަދު ދިވެހި މީޑިއާއިން ވެސް ޢަލްމާނީ ވިސްނުންތައް ފެތުރުމަށް މަސައްކަތްކުރާ ބައެއް ފަރާތްތައް ފެންނަމުން ދިޔުމަކީ ހިތާމަކުރާން ޖެހޭ ކަމެކެވެ. 
ރާއްޖޭގައި ދައްކާ ބައެއް ބޭރުގެ ފިލްމުތަކާއި، ޑްރާމާތަކާއި، ލަވަތަކުން، ދިވެހި މުޖުތަމަޢުގެ އިސްލާމީ އަޚްލާޤީ ހަމަތަކާ ދެކޮޅު ވިސްނުންތަކެއް ދިވެހި ޒުވާނުންގެ ސިކުނޑިތަކަށް ދަނީ ވައްދަމުންނެވެ. މިގޮތުން ހުޅަނގުގެ މުޖުތަމަޢުތަކުގެ އަމިއްލަ މިނިވަންކަމާއި، އާއިލީ ގުޅުންތައް ރޫޅިފައިވާ ކަންކަން އާދައިގެ ކަމެއްގެ ގޮތުގައި ދައްކައެވެ.
ސޯޝަލް މީޑިއާއަކީ ދިވެހި ޒުވާނުންގެ މެދުގައި ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދައިފައިވާ ވަސީލަތެކެވެ. މީގެ ތެރެއިން ބައެއް ފަރާތްތަކުން އަންނަނީ އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކާއި، ދިވެހި އިސްލާމީ ސަގާފަތާ ޚިލާފު ވާހަކަތައް ދައްކަމުންނެވެ. މިގޮތުން ދީނުގެ ހައްދުތަކުން ބޭރުވެފައިވާ ލޯބީގެ ގުޅުންތަކާއި، ޖިންސީ މިނިވަންކަމުގެ ވާހަކަތައް ދައްކައި، ދީނުގެ ހުކުމްތަކަށް ސީދާ ގޮންޖަހަމުންނެވެ. ޖިންސު ބަދަލުކޮށް ޓިކްޓޮކް ފަދަ މަންސަތަކުގައި ދަނީ މިނިވަންކަމާއެކު އެ ކަންކަން ޕްރޮމޯޓުކުރަމުންނެވެ. ހަމަ އެހެންމެ، "މޮޑަން" ނުވަތަ "ޒަމާނީ" ވުމުގެ ނަމުގައި، ހުޅަނގުގެ ސަގާފަތާއި ވިސްނުންތައް ދިވެހި މުޖުތަމަޢަށް ވައްދައި، އިސްލާމީ ރިވެތި އާދަތައް ފަހަތަށް ޖައްސަން މަސައްކަތްކުރަމުންނެވެ. ފާޙިޝް އެތަކެއް ގުޅުންތަކެއް ދަނީ "ނޯމަލައިޒް"ކުރަމުންނެވެ. އެއީ އާދައިގެ ކަމެއް ކަމުގައި ދައްކަމުންނެވެ. 
ދީނީ ނަޒަރަކުން މި ކަމުގައި ހުރި ނުރައްކާތެރިކަން: 
އިސްލާމީ ނަޒަރަކުން ބަލާއިރު، މީޑިއާ ޢަލްމާނީކުރުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެއީ އިސްލާމީ ހިދާޔަތުން އަޅުގަނޑުމެން މުސްލިމުން ބޭރުކޮށް ކުފުރުގެ އަނދިރިކަމުގެ ތެރެޔަށް ގެންދިޔުމަށް މަގުކޮށުމެވެ. ދިވެހިރާއްޖޭގައި އޮތް އިސްލާމީވަންތަކަމާ މެދު ޙަސަދަވެރިވެ، އެ އިސްލާމީވަންތަކަން ނަގައިލާ، ފޮހެލާން މަސައްކަތްކުރާ މީހުންނަކީ، އެނގިގެން އެ ކަން ކުރާ ބައެއް ނަމަ، އީމާންކަމުގެ ޒައްރެއްގެ މިންވަރު ވެސް ހުރި ބައެއް ނޫނެވެ. އެބައިމީހުންނަކީ، ކުފުރުގެ ތެރެއަށް ވެއްޓިފައިވާ ބައެއް ކަމުގައި ވުމަކީ ދުރުކަމެއް ނޫނެވެ.
މީޑިއާ ޢަލްމާނީކުރުމުގެ ސަބަބުން، މުޖުތަމަޢުގައި އޮންނަ އީމާންކަން ބަލިކަށިވެގެންދާނެއެވެ. އެހެނީ، މީޑިއާއިން ދީނީ އަސާސްތަކަށް ޝައްކު އުފައްދައި، ދީނުގެ ހުކުމްތަކާ ޚިލާފު ކަންކަން އާދައިގެ ކަމެއްގެ ގޮތުގައި ދައްކަމުން ދިއުމަކީ މުސްލިމުންގެ، ޚާއްޞަކޮށް ޒުވާނުންގެ އީމާންކަން ބަލިކޮށްލާނެ ކަމެކެވެ. 
އިސްލާމީ މުޖުތަމަޢުތަކުގައި އަޚްލާޤީ ހަމަތައް ބިނާވެފައިވަނީ އިސްލާމީ ޝަރީޢަތުގެ މައްޗަށެވެ. މީޑިއާއިން ޢަލްމާނީ ވިސްނުންތައް ފެތުރުމަކީ ޒިނޭ، ރާބުއިން، މަސްތުވާތަކެތި ބޭނުންކުރުން ފަދަ އިސްލާމްދީނުގައި ޙަރާމްކުރައްވައިފައިވާ ކަންކަން އާންމުވެ، މުޖުތަމަޢުގެ އަޚުލާޤީ ހަމަތައް ކަސިޔާރުވެގެންދާނޭ ކަމެކެވެ. 
ދިވެހިރާއްޖޭގެ ވަންތަކަމަކީ އިސްލާމީ ވަންތަކަމެވެ. މީޑިއާ ޢަލްމާނީކުރުމުގެ ސަބަބުން ދިވެހީންގެ ޢަޤީދާއާއި ސަގާފަތާ ތަފާތު ވިސްނުންތަކެއް މުޖުތަމަޢަށް ވަދެ، ދިވެހީންގެ އިސްލާމީ ވަންތަކަން ގެއްލިދާނެކަމުގެ ނުރައްކާ އެބައޮތެވެ. 
ޢަލްމާނީ ވިސްނުމުގައި އިސްލާމީ ޝަރީޢަތަކީ ޒަމާނީ ދުނިޔެއަށް ނުގުޅޭ ކަމެއްކަމަށް ދައްކަން މަސައްކަތްކުރެއެވެ. މީގެ ސަބަބުން އިސްލާމީ ޝަރީޢަތަށް ދިވެހި މުޖުތަމަޢުގައި ދެވިފައިވާ ޤަދަރާއި އިޙުތިރާމު ކުޑަވެ ހައިބަތު ގެއްލިގެންދާނެއެވެ. 
ނިންމައިލަމުން ދަންނަވާނީ، މީޑިއާއަކީ މުޖުތަމަޢު ބިނާކުރުމަށް ބޭނުންކުރެވިދާނެ ވަރަށް ވަރުގަދަ ވަސީލަތެއްކަމުގައެވެ. ނަމަވެސް، އެއީ މުޖުތަމަޢު ހަލާކުކޮށްލުމަށް ވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ. ޚާއްޞަކޮށް ސައްތައިން ސައްތަ މުސްލިމު ދިވެހި މުޖުތަމަޢެއްގައި މީޑިއާ ޢަލްމާނީކުރުމަށް ކުރެވޭ މަސައްކަތްތަކަށް ސަމާލުކަން ދީ، ދީނީ ހަމަތަކަށް ހުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ ފަރުދެއްގެ ވެސް އަދި ކޮންމެ މީޑިއާއެއްގެ ވެސް ޒިންމާއެކެވެ. އިސްލާމީ އަޚުލާޤާއި ހަމަތަކާ އެއްގޮތަށް މީޑިއާ ބޭނުންކޮށްގެން، މުޖުތަމަޢުގެ ހެޔޮގޮތްތަކަށް މަސައްކަތްކުރުމަކީ މުސްތަޤުބަލުގެ ޖީލުތަކަށް ޓަކައި އަޅުގަނޑުމެންގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. މިގޮތުން ދީނީ ހިދާޔަތާއި، އަޚުލާޤީ ރިވެތި އާދަތައް ދިރުވައި އާލާކުރުމަށް މީޑިއާގެ ބޭނުންހިފުމަކީ މުސްތަޤުބަލުގެ ދިވެހި މުޖުތަމަޢުގެ ސަލާމަތްތެރިކަމަށް ޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
 
- ޝައިޚް ޝަފީޢު ޢަބްދުﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ