بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ނަރުދޫގެ ލޮބުވެތި ހުރިހާ ރައްޔިތުން، ރަށުގެ ކައުންސިލްގެ ރައީސް، މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، މުއައްސަސާތަކުގެ ވެރިންނާއި، މި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ ބައްލަވަމުން، އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، މިއަދު އަޅުގަނޑުމެންނަށް މި ހެނދުނު ވަގުތު މި ރަށަށް އާދެވުނު ހިނދު، މި ރަށުގެ ލޮބުވެތި ރައްޔިތުން އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ނަރުދޫގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.
މިއަދު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ވަރަށް ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް މި ފެށީ. މީގެ ތެރެއިން ބައެއް މަޝްރޫޢުތައް ޢަމަލީގޮތުން އިފްތިތާޙުކުރެވިގެން ދިޔައީ. މަސައްކަތް ފެށިގެން ދިޔައީ. އަދި ބައެއް މަޝްރޫޢުތަކުގައި ސޮއިކުރެވިގެން މި ދިޔައީ.
އާދެ، ކުރިން ތިޔަބޭފުޅުންނަށް އަޅުގަނޑުވާނީ، މިއިން ކޮންމެ ކަމަކާ ގުޅޭގޮތުން މިކަންކަން ކޮށްދިނުމަށް ވަޢުދުތަކެއް ވެފައި. މިއިން ކޮންމެ ވަޢުދެއް ފުއްދުމަށް، އިރާދަކުރެއްވިއްޔާ ސަރުކާރުން ވަރަށް އިސްކަމެއް ދެން. އެހެންވީމާ، މިއަދު ފެށިގެން މިދިޔަ ފަސް މަޝްރޫޢުވެސް، ސޮއިކުރެވުނު ދެ މަޝްރޫޢާއި، ޢަމަލީގޮތުން ބިންގާ އެޅިގެން، ފެށިގެންދިޔަ މަޝްރޫޢުތައްވެސް، އިރާދަކުރެއްވިއްޔާ ވީ ވަޢުދާ އެއްގޮތަށް ފުދިގެންދާނެ. ފުއްދުމުގެ ހުރިހާ ކަމެއް ކުރިއަށްދާނެ، ވަރަށް ރަނގަޅަށް ބާރު ސްޕީޑްގައި، އެކަންކަން ފުރިހަމަވެގެން ހަމަ ކުރިއަށްދާނެ.
މީގެ އިތުރުންވެސް، ހުރި ކަންކަމަށް ބަލާއިރުގައި، އަޅުގަނޑު ވެފައިހުރި ބައެއް އެހެން ވަޢުދުތައްވެސް އެބަހުރި. އާދެ، އެގޮތުން ބަލާއިރު، ސްކޫލްގެ މަލްޓި ޕަރޕަސް ހޯލާއި، ކުލާސްރޫމްތައް އިތުރުކޮށްދިނުމަށް އަޅުގަނޑު ވަޢުދުވިން. އާދެ، މިގޮތުން ހަތަރު ކުލާސްރޫމް އަދި މަލްޓި ޕަރޕަސް ހޯލެއް ހިމެނޭ، އާ ޢިމާރާތެއް އެޅުމުގެ މަސައްކަތް މި މަހުގެ ތެރޭގައި، މި އޮކްޓޫބަރު މަސް ނިމުމުގެ ކުރީގައި، އަޅުގަނޑުމެން ބަޔަކަށް ކޮންޓްރެކްޓް ހަވާލުކުރަން ނިންމައި، އެ މަސައްކަތް އެބަ ކުރިއަށްދޭ. އެހެންވީމާ، މި މަހުގެ ތެރޭގައި ސޮއިކުރެވި، މި އަހަރުގެ ތެރޭގައި، ކުރިއަށް މި އޮތް ދެމަސްދުވަހުގެ ތެރޭގައި، ސްކޫލްގެ މި ދެންނެވި މަޝްރޫޢުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި ރަށުގައި ފަށައިގެން ކުރިއަށް ގެންދެވޭނެ.
ހަމައެއާއެކީގައި، އަޅުގަނޑުވީ އަނެއް ވަޢުދު، ފުޓްބޯޅަ ދަނޑުގެ ވަޢުދު. އެ ވަޢުދު ފުއްދުމަށްޓަކައި، މިހާރު ގެޒެޓުގައި ތިޔަބޭފުޅުންނަށް ފެނިވަޑައިގެންފައި އޮންނާނީ، ބަޔަކު ހޯދަން އިޢުލާނުކޮށްފައި އޮތްތަން. 19 ވަނަ ދުވަހަށް ބިޑު ހުށަހެޅުން މިއޮތީ. މި މަހުގެ 19 ވަނަ ދުވަހަށް. ބިޑު ހުށަހެޅުނީމާ ދެން އޮންނަ ޕްރޮސެސް ތެރެއިންގޮސް ހަވާލުކުރާނީ. އެހެންވީމާ، އެއީ ހަމަ ފުރިހަމަކުރެވިފައި ހުންނަ، މި ދެންނެވީ ވަށާފާރު، ފެންސް، ލައިޓް، ހުރިހާ ކަމެއް ހުންނަގޮތަށް ހެދިފައި އޮންނަ، ރަނގަޅު ފެންވަރުގެ ފުޓްބޯޅަ ދަނޑެއް އެޅުމަށް، ބަޔަކު މި ހޯދަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި ޕްރޮސެސްގެ ތެރެއިން، އެކަން ހަމަޖެހިގެންދާނެ. ހަމަޖެހި، އެއީވެސް މި އަހަރުގެ ތެރޭގައި، ހަމަ ޢަމަލީ މަސައްކަތް ފެށިގެންދާނެ މަޝްރޫޢެއް. އެހެންވީމާ، އެކަން އަޅުގަނޑު މި ރަށުގެ ފުޓްބޯޅަ ކުޅުންތެރިންނަށް، ފުޓްބޯޅައަށް ލޯބިކުރައްވާ ހުރިހާ ފަރާތްތަކަށް ދަންނަވަން.
ދެން މި ރަށުގެ ފުޓްސަލް ދަނޑު އޮތީ އަނެއްކާވެސް މަރާމާތުކުރަން ޖެހިފައި. ނޫނީވިއްޔާ ހަދަންޖެހިފައި. ދަނޑުގެ އެކިކަހަލަ މައްސަލަތައް އެބަހުރި. މި އަހަރުގެ ބަޖެޓުގެ ތެރޭގައި މަރާމާތު، ނޫނީވިއްޔާ އަޕްގްރޭޑިންގއެއް އަޅުގަނޑުމެން ހިމަނާފައެއް ނުއެއް އޮންނާނެ. އެހެންވީމާ، އަޅުގަނޑުމެން އަނެއް އަހަރަށް، ދެން އަންނަ އަހަރަށް މި ހަދާ ބަޖެޓުގެ ތެރޭގައި އެކަން ހިމަނާނަން. އަޅުގަނޑުމެން މި އަންނަ އަހަރުގެ ތެރޭގައި، ބަޖެޓުގެ ތެރެއިން ތިޔަބޭފުޅުންނަށް ފުޓްސަލް ދަނޑު ރަނގަޅުކޮށްދޭނަން. ދެން ހަމަ އޭގެއިތުރަށް، ހޭންޑްބޯލް ކޯޓެއް މި ރަށުގައި އެޅުމަށްވެސް މި އަންނަ އަހަރުގެ ބަޖެޓުގައި އެބަ ހިމަނަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ތެރޭގައި މި ރަށުގައި ހޭންޑްބޯލް ކޯޓެއްވެސް އެޅިގެންދާނެ.
އެހެންވީމާ، ޖުމްލަކޮށް ކުޅިވަރުގެ ދާއިރާއިން، މިއަދު ބިންގާއެޅިގެން ފެށިގެންދިޔަ، ފިޓްނަސް ރިކްރިއޭޝަން ސެންޓަރާއި، ފުޓްސަލް ދަނޑު މި އަންނަ އަހަރު މަރާމާތުކުރުމާއި، މި އަންނަ އަހަރު އެޅޭ ހޭންޑްބޯލް ކޯޓާއި، މި އަހަރު ފެށޭ ފުޓްބޯޅަ ދަނޑާއި މިއީ، މި ރަށުގައި ކުރިއަށްދާނެ ކަންތައްތައް. އަދި އިތުރު ކަންކަންވެސް އެބަހުރި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް ގެންދާނަން.
އާދެ، އޭގެއިތުރަށް ބަލާއިރުގައި، ދެންމެ އަޅުގަނޑުމެން މި ސޮއިކުރި ހެލްތު ސެންޓަރުގެ ޕްރޮޖެކްޓަކީވެސް ހަމަ ޔަޤީނުންވެސް ރަށުގެ ހެލްތު ސެންޓަރަށް، ޞިއްޙީ މަރުކަޒަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމެއް. އެއީ، މީގެތެރެއިން ވޯޑު އެބަ އިތުރުކުރެވޭ. ވޯޑާއި، ލެބޯރެޓަރީ އެބަ އިތުރުކުރެވިގެންދޭ. އެހެންވީމާ، މި ދެބައި ފުރިހަމަވެގެންދިޔައީމަ، ޞިއްޙީ ޚިދުމަތް ވަރަށް ބޮޑަށް ވަރުގަދަވެގެންދާނެ. އިތުރު މުވައްޒަފުން ނެގުންވެސް، އަޅުގަނޑުމެން ހަމަޖައްސާފައި މިއޮތީ މި އަންނަ އަހަރުގެ ތެރެއިން، މި ޕްރޮޖެކްޓް ނިމިގެން ދާންވާއިރަށް، އިތުރު މުވައްޒަފުން ނެގުމަށް. އަމާޒަކީ، މި އަންނަ އަހަރު ތެރޭގައި 16 ގަޑިއިރަށް، މި ރަށުގެ ޚިދުމަތް ބަދަލުކުރުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަން ހާސިލުކޮށްދޭނަން.
ހަމައެއާއެކީގައި، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި އަންނަ އަހަރު އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިހާރު ޗައިނާގެ ހިލޭ އެހީގެދަށުން އަޅާ ކައުންސިލް އިމާރާތް އެޅުންވެސް، މި ރަށުގައިވެސް އެބައޮތް. އެކަން ހަމަޖެހުނުހާ އަވަހަކަށް، އެއީވެސް ފެށޭނެ މަޝްރޫޢެއް.
ދެން، އެންމެ ބޮޑު ދެ މައްސަލަ މިއޮތީ. ކުރިއަށްދާ ދެ މައްސަލަ. އެއީ، ނަރުދަމާގެ މައްސަލައާއި، ބަނދަރުގެ މައްސަލަ. ނަރުދަމާގެ މައްސަލަ ޙައްލުކުރުމަށް މިއޮތީ މިހާރު ސަރުކާރުން ހަވާލުކޮށްފައި. ފެނަކައިން އެ މަސައްކަތް ރީސްޓާރޓް ކުރާނެ. ހުރިހާ ގޮތަކުން މިހާރު އެކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އެދަނީ. ނޮވެންބަރު މަހުގެ ތެރޭގައި، ވަރަށް ބާރު ސްޕީޑްގައި ހިނގައިގަންނާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް މަހުން ފެށިގެން، ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، މި މައްސަލަ ޙައްލުކުރުމަށް މަސައްކަތްތައް ވަރަށް ރަނގަޅަށް ރަށުގައި ހިނގަމުންދާތަން. އަޅުގަނޑު ހިތުން، އެއީ ރަށުގެ ހުރިހާ ރައްޔިތުންނަށްވެސް އެންމެ ބޮޑު މައްސަލައަކީ. ހުރިހާ މައްސަލައަކާއި، ހުރިހާ މަޝްރޫޢަކަށްވުރެވެސް، ރައްޔިތުން އެންމެ އިސްކަންދޭ ކަމަކީ އެއީކަން އަޅުގަނޑަށް އެނގޭ. އެހެންވީމާ، އެކަން އެގޮތަށް ގެންދަން އަޅުގަނޑުމެން މިހާރު ނިންމާފައި އެއޮތީ.
ދެން، ބަނދަރަށް ބަލާއިރުގައި، ބަނދަރުގެ މިއޮތީ ވަރަށް ބޮޑު އިޝޫތަކެއް ދިމާވެފައި. އަޅުގަނޑުމެން މިހާރު އޮންނާނީ މިނިސްޓްރީއަށް ހުއްދަދީފައި، ފުޅާކުރެވެން އޮތް އެންމެ ބޮޑަކަށް ފުޅާކުރުމުގެ ހުއްދަ. ދެން އެހެންވީމާ، މިނިސްޓްރީގެ ފަރާތުން އެގެންދަވަނީ، ފަންނީގޮތުން، އިންޖިނިއަރިންގ ގޮތުން، އަދި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭންގަލުން ބަލަންޖެހޭ ހުރިހާ ކަމެއް ބަލައި، އެންމެ ބޮޑަށް ބަނދަރުގެ ޖާގަ ބޮޑުކުރެވޭނެ ގޮތްތަކެއް ހޯދަމުން. މިކަމުގައި އަޅުގަނޑުމެން މި ރަށުގެ މި ބަނދަރުގެ މައްސަލައަށް، ސޭފް ބަނދަރެއް ޤާއިމުކޮށްދިނުމަށް ކުރަންޖެހޭ ހުރިހާ ޚަރަދެއްކުރާނަން. އޭގައި ޚަރަދެއްނޫން އިޝޫއަކީ. އޭގެ އިންޖިނިއަރިންގ ސޭފްޓީ، ނޫނީވިއްޔާ ޓެކްނިކަލީ ގެންގޮސް، އެންމެ އެޖުގައި، ވަރަށް ފުން، އަދި ވަރަށް ފުޅާކޮށް ހެދޭ، ބޮޑު ރިވެޓްމަންޓް ޖަހައި، ބޮޑު ބްރޭކް ވޯޓަރއެއް ހަދައި ނިމޭތަނުން، އެއިން ލިބިދާނެ ގެއްލުމާމެދުވެސް އަޅުގަނޑުމެން ވިސްނަންޖެހޭނެ. ފަރަށްވެސް، ރަށަށްވެސް، ބަނދަރަށްވެސް. އެހެންވީމާ، ހުރިހާ ގޮތަކުން ބަލައި، ފުޅާކުރެވޭނެ، ބޮޑުކުރެވޭނެ އެންމެ ބޮޑަކަށް ބަނދަރު ބޮޑުކުރުމުގެ ހުއްދަ ދީފައި މިހާރު އެއޮތީ. އެހެންވީމާ، އެކަމުގެ ފަންނީ މަސައްކަތް އެ ކުރައްވަނީ ސަރުކާރުގެ ކަމާބެހޭ ދެ ވުޒާރާއިން ގުޅިގެން. ދެން، ކައުންސިލާ ދާނީ މުޢާމަލާތް ކުރަމުން.
އެހެންވީމާ، އެކަން އެގޮތަށް ރޭވިފައި އޮތްކަން މި ދަންނަވާލީ. ބަނދަރުގެ މައްސަލަ ޙައްލުކޮށްދިނުމުގައި، ކޮށްދެވެންހުރި ހުރިހާ ކަމެއް ސަރުކާރުން ކުރާނެ. އަދި އަޅުގަނޑު ބޭނުންވަނީވެސް، ވީހާވެސް އަވަހަކަށް އެކަން ޙައްލުވާން. އެހެންވީމާ، އޭގައި ފައިނޭންޝަލީ ބަޖެޓުގެ ތާށިކަމެއް ނާންނާނެ. ޑިޒައިން ފައިނަލްކުރާ ކޮންމެ ގޮތަކަށް ސަރުކާރުން، ފިނޭންސް މިނިސްޓްރީން ބަޖެޓުގެ ކަންތައް މިހާރު ކުރިއަށް ގެންދާނަން. ދެން، އެއާ ގުޅުވާލައިގެން، މިއަދު މި ގޮނޑުދޮށް ޙިމާޔަތްކުރުންވެސް މިއޮތީ. އެކަންވެސް ކުރިއަށް ގެންދާނެ. މިއޮތީ މިކަންކަން މިގޮތަށް ތަރުތީބުވެފައި. އިރާދަކުރެއްވިއްޔާ އެންމެ ބޮޑު ދެ މައްސަލަ މި ދެންނެވި ގޮތަށް، އަޅުގަނޑުމެން މިއޮތީ މިހާރު ކުރިއަށް ގެންދަން ހަމަޖައްސާފައި. އަޅުގަނޑު އެ ވާހަކަ އެންމެފަހަށް މި ބޭއްވީ އެހެންވެގެން. އެކަންކަން އެއީ، ތިޔަބޭފުޅުންނަށް އެންމެ މުހިންމު ވާނެ ކަންކަން ކަމުގައި އަޅުގަނޑު ޤަބޫލުކުރާތީ.
ދެން، ގޯތި ދިނުމުގެ ކަންތައްވެސް، ރަށުގައި އިތުރަށް ގޯތި ދޭން ބޭނުންވާ ކަންތަކަށްވެސް، މިހާރު ކައުންސިލުން ހުށަހަޅާފައި އޮތް ކަންތައް، މިނިސްޓްރީން ބައްލަވައި، އެ ހުއްދަވެސް ދެއްވާނެ. އެހެންވީމާ، ސަރުކާރުން ބޭނުންވަނީ، ރައްޔިތުންނަށް ބޭނުންވާ މިކަހަލަ ހުރިހާ ކަމެއްގައި، ރައްޔިތުންނަށް ކަންތައްތައް ފަހިކޮށްދޭން. މި ބައްދަލުވުމުގެ ކުރިންއޮތް ބައްދަލުވުމުގައި، ކައުންސިލްގެ ފަރާތުން، މުއައްސަސާތަކުގެ ފަރާތުން، ވަރަށް ތަފުސީލުކޮށް، ތިޔަބޭފުޅުންނަށް ބޭނުންވާ ވަރަށް ގިނަ ކަންކަން ޙިއްޞާކުރެއްވި. އެހެންވީމާ، މި ހުރިހާ ކަމަކީ، އިރާދަކުރެއްވިއްޔާ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭނެ ކަންތައް. ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމުގައި ސަރުކާރުން ދާނީ ވަރަށް ބޮޑަށް ރައްޔިތުން އެދޭގޮތަށް، ކަންކަން ފުރިހަމަކޮށްދެމުން.
އާދެ، އަދިވެސް އެއްފަހަރު މިކަންކަމުގައި، މި ދެންނެވި ގޮތަށް، އަޅުގަނޑުމެން މަޝްރޫޢުތައް ކުރިއަށް ގެންގޮސް ނިންމާނެކަން ދަންނަވަމުން، އަޅުގަނޑު މިއަދު ވަކިވެލާނަން.
އަޅުގަނޑުގެ ދުޢާއަކީ، މި ރަށުގެ ތަރައްޤީއަށް، އަދި ރާއްޖޭގެ ތަރައްޤީއަށް އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް މިންވަރުކުރެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ށ. ނަރުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ