އަންނަ އަހަރު އޮޑިޓާ ޖެނެރަލްގެ އޮފީސް ހިންގުމަށް ހަރަދުވާނެ ކަމަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ދޭން އެދުނު ބަޖެޓަށް އުނިއިތުރެއް ނުގެނެސް ދޭން އެ ކޮމިޓީން ނިންމައިފި އެވެ.
އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުން ފާސްކުރި އެ ބަޖެޓު ރިޕޯޓު މިއަދުގެ ޖަލްސާގައި މަޖިލީހުގެ ތަޅުމަށް ހުށަހަޅައިދެއްވީ މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އެވެ. ކޮމިޓީން ފާސްކުރީ އޮޑިޓު އޮފީހަށް 134 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށެވެ. އޮޑިޓު އޮފީހަށް މިދިޔަ އަހަރު ދިނީ 123 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މިއީ ރާއްޖޭގެ ތާރީހުގައި އޮޑިޓު އޮފީހަށް ދެވޭ އެންމެ ބޮޑު ބަޖެޓުކަން ފާހަގަކޮށް، ސަލީމް ވިދާޅުވީ އުނިއިތުރެއް ނުގެނެސް އޮޑިޓު އޮފީހުން އެދުނު ގޮތަށް ބަޖެޓު ފާސްކުރަން ކޮމިޓީން ނިންމީ އެ އޮފީހުގެ ހިންގުން ރަނގަޅު ކުރުމަށާއި ސަރުކާރުގެ ތަންތަން ރަނގަޅަށް އޮޑިޓު ކުރުމަށް މި ސަރުކާރުން ބޭނުންވާތީ ކަމަށެވެ.
"މިއީ [މީގެ ކުރީގެ] އެއްވެސް ސަރުކާރަކުން. އަނެއްހެން ދަންނަވާނަމަ އަޅުގަނޑުމެންގެ ތާރީހުގަ ނުދޭވަރުގެ އަހައްމިއްޔަތު ކަމެއް މި ސަރުކާރުން ދެމުން މި ގެންދަނީ،" ސަލީމް ވިދާޅުވި އެވެ.
އަދި، ކޮމިޓީ މަރުހަލާގައި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ދެއްވި އެއްބާރުލުމަށް ސަލީމް ވަނީ ޝުކުރު ދަންނަވާފަ އެވެ.
މީގެ އިތުރުން، އަންނަ އަހަރުގެ ތެރޭގައި އޮޑިޓު އޮފީހުގެ އައު އޮފީސް އިމާރާތް ނިމިގެންދާނެ ކަމަށާއި އޭރުން ޖާގައިގެ ދަތިކަން ހައްލުވެ، ބަޖެޓާއި ޖާގައިގެ ގޮތުން އޮޑިޓު ކުރުމުގައި ކުރިން އޮތް ދަތިތައް އެކީ ފިލައިގެން ދާނެކަން ސަލީމް ފާހަގަކުރެއްވި އެވެ. މިއާއެކު ކުރިއަށް އޮތްތަނުގައި ވަރަށް ފުރިހަމަ އޮޑިޓު ރިޕޯޓުތަކެއް ނިކުމެގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އޮޑިޓާ ޖެނެރަލް އަށް ދަންނަވާލަން އޮތީ. އިހުލާސްތެރިކަމާއެކީ ވަކި ފަރާތަކަށް ނުޖެހި، ހިޔާނާތްތެރިވެފަ ހުރެއްޖެ ކަމަށް ވަންޏާ އެ ރިޕޯޓުތައް ބަރާބަރަށް ނެރެ ދެއްވާށޭ. ތިބޭފުޅުން ބޭނުންވާ ހުރިހާ ވަސީލަތެއް އަޅުގަނޑުމެން މިހާރު ވާނީ ތިބޭފުޅުންނަށް ދީފައޭ،" ސަލީމް ވިދާޅުވި އެވެ.
ކޮމިޓީ މަރުހަލާގައި އޮޑިޓު އޮފީހުގެ އިސްވެރިން ހާޒިރުކޮށް އެބޭފުޅުންގެ ކަންބޮޑުވުންތަކާއި ބަޖެޓާއި ގުޅޭ ތަފުސީލު މަޖިލީހުން ހޯދި އެވެ.
އެގޮތުން އޮކްޓޯބަރު 7، ގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި އެ އޮފީހުން ބުނީ މި 134 މިލިއަން ރުފިޔާގެ ތެރެއިން 89 މިލިއަން ރުފިޔާއަކީ ރިކަރަންޓު ހަރަދު ކަމަށެވެ. ބާކީ ފައިސާއަކީ ކެޕިޓަލް ހަރަދަށް ތިން މިލިއަން ރުފިޔާ އަދި ޕީއެސްއައިޕީ ބަޖެޓަށް 42 މިލިއަން ރުފިޔާ އެވެ.
ކޮމިޓީން ނިންމީ އޮޑިޓު އޮފީހުން އެދުނު 134 މިލިއަންގެ ބަޖެޓަށް އުނިއިތުރެއް ނުގެނެސް ދޭން ކޮމިޓީން ނިންމީ އޮޑިޓު އޮފީހުން އެދުނު 134 މިލިއަންގެ ބަޖެޓަށް އުނިއިތުރެއް ނުގެނެސް ދޭން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ