ގަލޮޅު ދަނޑުގައި ރާއްޖޭގެ ގައުމީ ޓީމު ރަސްމީ މެޗެއް ނުކުޅޭތާ އަހަރުތަކަކަށް ފަހު މިއަދު ކުޅޭ އޭޝިއަން ކަޕް ކޮލިފައިންގެ މެޗަށް ކަނޑައެޅި ޓިކެޓް ގާތްގަނޑަކަށް ވިކި ހުސްވެއްޖެ އެވެ.
ގަލޮޅު ދަނޑަށް މިހާރު ވަދެވޭ ކެޕޭސިޓީއަކީ ގާތްގަނޑަކަށް 4،000 މީހުން ކަމުން، މެޗަށް ވިއްކަން ޓިކެޓް ނެރުނީ ވެސް އެވަރަށެވެ. އޭގެ ތެރެއިން މިއަދު ހެނދުނު ގާތްގަނޑަކަށް 3،000 ޓިކެޓް ވިކިއްޖެ ކަމަށް، އެފްއޭއެމުން އޮތީ ބުނެފަ އެވެ.
މިއަދު ހަވީރު 3:30ގައި ފަށާ މެޗަށް އަދި ދެ ގަޑިއިރު އޮތް އިރު ބާކީ ޓިކެޓްތައް ވިކުން ކައިރި އެވެ. ނަމަވެސް އެންމެ ފަހުގެ އަދަދުތަކާ ބެހޭ ގޮތުން އެފްއޭއެމުން އަދި ވަކި އެއްޗެކޭ ނުބުނެ އެވެ.
ތަޖިކިސްތާނާ ދެކޮޅަށް ރާއްޖޭގެ ޓީމު މި ނުކުންނަނީ ދިވެހި ފުޓްބޯޅައަށް ދިމާވި އަނދިރިކަމުން ނުކުތުމުގެ މަސައްކަތް އެފްއޭއެމްގެ އާ އިންތިހާބާ އެކު ފަށާފައި އޮތް ދަނޑިވަޅެއްގަ އެވެ. ރާއްޖޭގެ އެތެރޭގެ ބޮޑެތި މުބާރާތްތައް ނުބާއްވާތާ ވެސް މިހާރު ދެ އަހަރެއްހާ ދުވަސް ވެއްޖެ އެވެ. އަލުން ދިވެހި ލީގު ފެށީ މިދިއަ މަހު އެވެ.
ބައިނަލްއަގުވާމީ މުބާރާތްތަކުގައި ގައުމީ ޓީމު ކުޅެމުން އެ އަންނަނީ ކުޅުންތެރިންގެ އަސްލު ފެންވަރު ނެރެވޭނެ ފަދަ މެޗުތަކެއް ވެސް ނުލިބި އެވެ. އެކަަން ގައުމީ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) އިއްޔެ ވެސް ފާހަގަކުރި އެވެ.
އޭނާ ބުނި ގޮތުގައި ކުޅުންތެރިންނަށް ދިމާވެފައި ހުރި މައްސަލަތަކުގެ ވާހަކަ ދައްކަނީ ބަލިވުމުގެ އުޒުރުތަކެއް ކިޔައިދޭކަށެއް ނޫނެވެ. މިދިއަ ދެތިން އަހަރު ދިވެހި ފުޓްބޯޅަ އޮތް ގޮތް ބުނެދޭން ކަަމަށް ވެސް ބުންޏެވެ.
އެކަމަކު އޭނާ ބުނީ އަމިއްލަ ފަސްގަނޑުގައި، އަދި ފޯރިއަރުވާ ސަޕޯޓަރުންގެ ހިތްވަރުދިނުމުގެ ތެރޭގައި ރާއްޖެއިން މިއަދު ރަނގަޅު ނަތީޖާއެއް ނެރެން ވަރަށް މަސައްކަތްކުރާނެ ކަމަށެވެ. ކުޅުންތެރިން ތިބީ މެޗަށް ތައްޔާރުވެގެން ކަމަށް ވެސް ބުންޏެވެ.
ގަލޮޅު ދަނޑުގައި ގައުމީ ޓީމު ކުޅޭ މެޗުތަކަށް ދިވެހިންގެ ވަރަށް ބޮޑު ސަޕޯޓެއް ލިބެ އެވެ. އެހެންކަމުން މިއަދު ވެސް އެ މަންޒަރު ފެނުން ކައިރި އެވެ.
އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް އޭގައި ހިމެނޭ ހަތަރު ޓީމު ތިން މެޗު ހަމަކުރި އިރު ރާއްޖެ ވަނީ އެ ތިން މެޗުން ވެސް ބަލިވެފަ އެވެ. ދެން އޮތީ ގަލޮޅު ދަނޑުގައި ކުޅޭ ތިން މެޗެވެ. އެ މެޗުތަކުން ރަނގަޅު ނަތީޖާއެއް ނެރެން ޓީމުން ވަނީ އަމާޒު ހިފައިފަ އެވެ.
މިއަދު މެޗުގެ ޓިކެޓް ގާތްގަނޑަކަށް ހުސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ