އުމްރާނީ މަޝްރޫއުތައް ހިންގުމަށް އެމްއޭސީއެލުން އަމިއްލަ ކުންފުންޏެއް އުފައްދައިފި

އުމްރާނީ އެކި މަސައްކަތްތަކެއް ކުރުމަށް ސަރުކާރުގެ އެއާޕޯޓު ކުންފުނި އެމްއޭސީއެލްގެ ފުރިހަމަ ހިއްސާ އޮންނަ އަމިއްލަ ކުންފުންޏެއް އުފައްދައިފިއެވެ. އިކޮނޮމިކް މިނިސްޓްރީގެ ވިޔަފާރި ޕޯޓަލުން ދައްކާ ގޮތުގައި ޕެނިންސިއުލާ އިންފްރާސްޓްރަކްޗާގެ ނަމުގައި އެމްއޭސީއެލުން ޕްރައިވެޓް ކުންފުންޏެއް އުފައްދާފައިވަނީ މި މަހުގެ ހަވަނަ ދުވަހެވެ. ވިޔަފާރި ޕޯޓަލުގައިވާ ގޮތުން، މި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ. ޝަރީފާއެކު މި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ތިއްބަވަނީ އަހްމަދު އަސަދު ހާޝިމާއި މުހައްމަދު މިހާދާއި އަހްމަދު ސާނިއުގެ އިތުރުން ހުސައިން ރިޔާޒެވެ. މިވަގުތު ވިޔަފާރި ޕޯޓަލްގައިވާ މައުލޫމާތަށް ބަލާއިރު، ޕެނިންސިއުލާ އިންފްރާސްޓްރަކްޗާގެ ދަށުން ހިންގާ ވިޔަފާރީގެ ހަރަކާތްތަކާއި އެ ކުންފުންޏަށް ދޫކޮށްފައިވާ ހުއްދަތައް ފެންނާކަށް ނެތެވެ. އެކަމަކު އެކި މަސްދަރުތަކުގައިވާ ގޮތުން، މި ކުންފުނިން ހަވާލުވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލޭގެ ބިން ހިއްކުމަށެވެ. އެގޮތުން އެ ކުންފުނީގެ ކެޕިޓަލްގެ ގޮތުގައި 70 މިލިއަން ޑޮލަރު އިންވެސްޓްކުރުމަށް އެމްއޭސީއެލުން މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް ބައެއް މަސްދަރުތަކުގައިވެއެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން 'ސަން'އިން ކުރި ސުވާލުތަކަށް ޝަރީފް ޖަވާބު ދެއްވާފައެއް ނުވެއެވެ. އަދި އެމްއޭސީއެލުން ވެސް މިކަމާ ގުޅޭ މައުލޫމާތު ލިބޭ ގޮތް ވަނީ ނުވެފައެވެ. ފާހަގަކުރެވޭ ގޮތުގައި ދެ އަހަރާ ބައިގެ މުއްދަތުގައި ފ. ނިލަންދޫގައި އެއާޕޯޓެއް ތަރައްގީކުރުމަށް ސަރުކާރުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 20ވަނަ ދުވަހު އެމްއޭސީއެލާ ހަވާލުކޮށްފައެވެ. އަދި އެކި ރަށްރަށުގައި އައުޓްޑޯ ޖިމް ގާއިމްކުރުމަށް ވެސް އެމްއޭސީއެލާ ސަރުކާރުން ހަވާލުކޮށްފައިވެއެވެ. އާންމުގޮތެއްގައި ބިން ހިއްކުމާއި އެއާޕޯޓު ތަރައްގީކުރުން ފަދަ މަސައްކަތް ކުރަނީ ސަރުކާރުގެ އެތައް މަޝްރޫއެއް ހިންގަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިންނެވެ. އެމްއޭސީއެލުން ކުންފުންޏެއް އުފައްދާފައިވަނީ އެމްޓީސީސީއާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަދި ފެނަކަ ކޯޕަރޭޝަނުގައި ވެސް މިހާރު ހަވާލުކުރާ ހުރިހާ މަޝްރޫއެއް ހިންގޭވަރުގެ ހަކަތައެއް ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މީގެ ހަތަރު މަސްދުވަސް ކުރިން ވިދާޅުވެފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ