ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެތީ، ދުރާލާ ފިޔަވަޅު އަޅަން އިލްތިމާސްކޮށްފި

ރާއްޖޭގެ މޫސުން ގޯސްވެ ވިއްސާރަވެހޭނޭކަމަށް ލަފާކުރެވޭތީވެ، ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެތީވެ، ދުރާލާ ފިޔަވަޅުތައް އެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން އިލްތިމާސްކޮށްފިއެވެ.
އެންޑީއެމްއޭއިން ބުނީ މިއަދު، މާލެއާއި މާލެ ކައިރީ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ބުނެފައިވާކަމަށެވެ. މި ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ ފުރުސަތު އޮތްކަން ފާހަގަކުރަމުން ޑިޒާސްޓާ އޮތޯރިޓީން ބުނެފައިވަނީ، ވިއްސާރަވެ ވައިގަދަވުމާއި ފެންބޮޑުވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ދުރާލާ ފިޔަވަޅު އެޅުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެންޑީއެމްއޭއިްނ ވަނީ ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވާނެ ފަދަ މުދާތައް ފެނުގެ އަސަރު ނުކުރާނޭ ކަހަލަ ތަނަކަށް ބަދަލުކުރުމަށް އިލްތިމާސްކޮށްފައެވެ. 
މީގެ އިތުރުން އެންޑީއެމްއޭއިން ވަނީ ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން ލިބިދާނޭ ގެއްލުންތަކުން ރައްކާތެރިވުމުގެ އިތުރުން، ކަނޑުދަތުރުކުރާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން ގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާ ވަގުތުތަކުގައި ކަރަންޓް ބޭނުންކުރުމުގައި ރައްކާތެރިވުމަށް އެދިފައެވެ. އެގޮތުން ބޭނުން ނުކުރާނަމަ ކަރަންޓް އާލާތްތައް ނިއްވާލާފައި ބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖޭގެ މޫސުން ގޯސްވެ، މެޓް އޮފީހުން މިއަދު ވަނީ ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލްވެސް ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ