ފުވައްމުލަކަށް ލިބޭ ފެން ސާފު ނުވުމުގެ ކަންބޮޑުވުން، ކައުންސިލުން މިނިސްޓްރީއަށް ހުށަހަޅައިފި
ފުވައްމުލަކު ސިޓީއަށް ފެނަކައިން ދޫކުރާ ފެން ރައްކާތެރި ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ބުނެފައިވީ ނަމަވެސް ބައެއް ގެތަކަށް ލިބޭ ފެން ސާފު ނޫން ކަމަށް ބުނެ، ފުވައްމުލަކު ކައުންސިލުން ހެލްތު މިނިސްޓްރީގެ ކަމާ ގުޅުންހުރި އިދާރާތަކަށް ރަސްމީކޮށް ޝަކުވާ ހުށަހަޅައިފިއެވެ. ގާތްގަނޑަކަށް 11،000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލަކުގެ ފެނުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑި، ފެނަށް ޖެހުނީ މިދިޔަ ހޯމަ ދުވަހެވެ. ފެން ތަޣައްޔަރުވުމުގެ އިތުރުން ފެނުގެ ވިއުގައިން ފެން ލީކުވުމުގެ މައްސަލަ ވެސް ފުވައްމުލަކުގެ ފެނުގެ ނެޓްވޯކަށް މެދުވެރިވެފައިވާ ކަމަށް އެރަށަށް ފެނުގެ ޚިދުމަތްދޭ ފެނަކަ ކޯޕަރޭޝަނުން މީގެ ކުރިން ބުންޏެވެ. އޭގެ ފަހުން އެ ސިޓީއަށް ފެން ދޫކުރަން ފެށީ ބުރާސްފަތި ދުވަހެވެ. އެ ފެނުގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ކަންބޮޑުވުން އުފެދިފައި ވަނިކޮށް އެމްއެފްޑީއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ، އެކި ސަރަހައްދުތަކުން ފެން ނަގައިގެން ތަހުލީލުކޮށްފައިވާ ކަމަށެވެ. އެ ތަހުލީލުތަކުގެ ނަތީޖާއާ ހަވާލާދީ ބަޔާނުގައި ބުނީ، އެ ފެނަކީ ސިއްހަތާ ބެހޭ ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ފެނުގެ މިންގަނޑަށް ފެތޭ ފެނެއް ކަމަށެވެ. އެ ބަޔާން ނެރުނު ފަހުން ރަށުގެ ބައެއް ރައްޔިތުން ވަނީ، ބިއްލޫރި ތަށިތަކަށް ސަޕްލައި ފެން އަޅައި، ފެން ނުސާފުކަން ހާމަވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. https://sun.mv/213909 އެކަމާ ގުޅިގެން 'ސަން'އާ ވާހަކަދައްކަވަމުން، ފުވައްމުލަކު ސިޓީ ކައުންސިލްގެ އިރު އުތުރު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރު އަޙްމަދު މިއަދު ވިދާޅުވީ، ފެނަަކައިން މިހާރު ގާތްގަނޑަކަށް މުޅި ސިޓީއަށް ފެން ދޫކޮށް ނިމިފައިވާ ކަމަށެވެ. އެކަމަކު އިއްޔެއިން ފެށިގެން އެކި ގެތަކަށް ލިބޭ ފެނުގެ ކުލަ ތަފާތުކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ބައެއް ގެތަކުގެ ފެން ސާފު ނަމަވެސް އެހެން ގެތަކަށް ލިބޭ ފެން ނުސާފު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ނަސީރު ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސިއްހީ ގޮތުން ފެނުގެ ސައްހަކަން ކަށަވަރުކުރަން ކައުންސިލުން ބޭނުންވާކަން އެމްްއެފްޑީއޭއަށް ވަނީ އަންގައިފައެވެ. އަދި ކައުންސިލުން އަމިއްލައަށް ސާމްޕަލް ނަގައި ޓެސްޓުކުރަން މަޝްވަރާކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންވެ، ކައުންސިލުން މިހާރު ވަނީ އެމްއެފްޑީއޭ ހިމެނޭހެން ކަމާ ގުޅުންހުރި އިދާރާތަކަށް އިއްޔެ މައްސަލަ ހުށަހަޅާފައި ކަމަށް ނާސިރު ވިދާޅުވިއެވެ. "އަޅުގަނޑުމެން ތިކަމާ ގުޅުންހުރި އިދާރާތަކަށް ފޮނުވާފައިވާނީ. އަޅުގަނޑުމެން ވާހަކަދައްކަމުން މަޝްވަރާކުރަމުން މިދަނީ ރަށުގެ އެކި ހިސާބުތަކުން ފެނުގެ ސާމްޕަލް ކައުންސިލުން ނަގާފައި [ޓެސްޓުކުރަން] އަޅުގަނޑުމެން ބަޔަކު ހޯދަން. މިސާލަކަށް އެމްޑަބްލިއުއެސްސީގެ ލެބުން ނަމަވެސް އަމިއްލަ ގޮތުން އެކަން ޓެސްޓު ކުރެވޭތޯ މަސައްކަތް ކުރަމުން މި ދަނީ،" ނާސިރު ވިދާޅުވިއެވެ. މީގެ އިތުރުންވެސް އޭނާ ވަނީ އެމްއެފްޑީއޭއިން ނެގި ސާމްޕަލްގެ ނަތީޖާ ހިމެނޭ ރިޕޯޓު ކައުންސިލާ ހިއްސާނުކުރުމާއި އާންމުނުކުރުމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނާސިރު ވިދާޅުވީ، ކައުންސިލަށް ނަތީޖާ އެނގުނީ އެމްއެފްޑީއޭގެ ނޫސްބަޔާނުން ކަމަށާއި އެ ނަތީޖާ ހިއްސާކުރުމަށް ކައުންސިލުން އެދިފައިވާނެ ކަމަށެވެ. ނާސިރު އިތުރަށް މައުލޫމާތުދެއްވި ގޮތުގައި ފުވައްމުލަކުގައި އާބާދީ އިތުރުވުމާއި ގެސްޓުހައުސްތައް ގިނަވާން ފެށުމުން އެރަށުގެ ފެން ނެޓްވޯކުގައި ވަރަށް ކުރީއްސުރެ މައްސަލަތައް އުޅެއެވެ. ފުވައްމުލަކަށް ފެނުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކައިން ބުނާ ގޮތުގައި، ފެން ތަޣައްޔަރުވީ އެ ސިޓީގެ ބައެއް ކަސްޓަމަރުން ކްރޮސް ކަނެކްޝަން ހަދާފައިވާތީއެވެ. ފާއިތުވީ ތިން ދުވަހުން ފެށިގެން ފެނަކައިން ދަނީ އަދިވެސް އެރަށުގައި ކްރޮސް ކަނެކްޓިވް ފެނުގެ ނެޓުވޯކު އަޅާފައިވާ ގެތައް އިންސްޕެކްޓު ކުރަމުން ކަމަށް ނާސިރު މައުލޫމާތު ދެއްވިއެވެ. ނާސިރު ވިދާޅުވިގޮތުގައި ފެނުގެ މައްސަލަ ދިގުލައިގެން ގޮސްފައިވަނީ މިހާރު އެރަށުގައި ހުރި 500 ޓަނުގެ ދެ ފެން ޕްލާންޓު އަޕްގްރޭޑުނުކުރުމާއި ގަވައިދުން މާރާމާތު ނުކުރާތީއެވެ. ފެން ނުލިބުމުގެ މައްސަލަ އެއްކޮށް ހައްލުވާން ހައެއްކަ ގަޑިއިރު ނަގާނެ ކަމަށް ސަރުކާރުން އަންގާރަ ދުވަހުގެ މެންދުރުފަހު ބުނި ނަމަވެސް، އޭގެ ފަހުން ވެސް ފެން ނުލިބޭ މައްސަލަ ހައްލުނުވެ ދިގު ލައިގެން ދިޔައެވެ. އެހެންވެ ފުވައްމުލަކުގެ ބައެއް އާންމުން ވަނީ އެކަމާ ގުޅިގެން ފުވައްމުލަކުގެ ފެން ޕްލާންޓް ކުރިމަތީގައި އިހުތިޖާޖުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ