ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅީގައި ޕޮލިސް ސްޓޭޝަނެއް ގޮވައި، ނުވަ މަރު

ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅިން އަތުލައިގަތް ގޮވާތަކެތި އެ ސަރަހައްދުގެ މައި ސިޓީ ސްރީނަގަރުގެ ޕޮލިސް ސްޓޭޝަނުގައި ބަހައްޓާފައި ހުއްޓައި ގޮވައި ނުވަ މީހަކު މަރުވެއްޖެއެވެ. އެ ހާދިސާގައި 27 މީހަކު ވަނީ ޒަޚަމްވެފައެވެ. އެ ހާދިސާ ހިނގާފައި ވަނީ ރޭ ދަންވަރު ސްރީނަގަރުގެ ދެކުނުގައި އޮންނަ ނޯގަމް ސަރަހައްދުގައި ހުންނަ ޕޮލިސް ސްޓޭޝަނުގައެވެ. އިންޑިއާގެ އެންޑީޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ގޮވާތަކެތީގެ މައުލޫމާތު އެއްކުރުމަށް މަސައްކަތްކުރި ފުލުހުންނާއި ފޮރެންސިކް ޓީމްގެ އޮފިޝަލުންނެވެ. މި ގޮވުމުގެ ސަބަބުން ސްރީނަގަރު ސަރުކާރުގެ ދެ އޮފިޝަލުން ވެސް ވަނީ މަރުވެފައެވެ. އަދި ފަސް މީހެއްގެ ހާލު ސީރިއަސްވިއިރު، މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށްވެސް އެންޑީޓީވީން ރިޕޯޓުކޮށްފައިވެއެވެ. ކަޝްމީރުގައި މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ހޯމަ ދުވަހު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ރެޑް ފޯޓު ސަރަހައްދުގައި ކާރެއް ގޮވައި، އަށް މީހުން މަރުވި ހާދިސާ ތަހުގީގުކުރަމުންދާ ދަނޑިވަޅެއްގައެވެ. އެ މައްސަލައިގައި ތުހުމަތުކުރެވޭ ބަޔަކު އިންޑިއާއިން ހާމަނުކުރި ނަމަވެސް އިންޑިއާގެ މީޑިތަކުން ބުނާ ގޮތުގައި އެކަން ކުރީ ކަޝްމީރަށް ނިސްބަތްވާ ޖަމާއަތަކުންނެވެ. ދިއްލީގައި އެ ގޮވުން ގޮވީ ފުލުހުން އެތައް ބަޔަކު ހައްޔަރުކޮށް، ގޮވާ ތަކެތީގެ އިތުރުން އެސޯލްޓް ރައިފަލް ވެސް އަތުލައިގަތްތާ ގަޑިއެއްހާއިރު ފަހުންނެވެ. ފުލުހުން ބުނީ އެ މައްސަލައިގައި ޝައްކު ކުރެވެނީ ކަޝްމީރުގައި އިންޑިއާގެ ވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތްކުރާ ޕާކިސްތާނުގެ ޖަމާއަތެއް ކަމަށްވާ ޖައިޝް-އެ-މުހައްމަދު (ޖޭއެމް) އާއި އިތުރު ޖަމާއަތަކަަށް ކަމަށެވެ. ދިއްލީގެ ކާރު ގޮވުމާ ގުޅިގެން ކުރި ތަހުގީގުގެ ތެރެއިން ކަޝްމީރުން 650 އަށް ވުރެ ގިނަ މީހުން ފުލުހުން ވަނީ ހިފަހައްޓާފައެވެ. ކަޝްމީރު 1947 ވަނަ އަހަރު އިނގިރޭސިންގެ ވެރިކަމުން މިނިވަންވި ފަހުން އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައި ބައިބައިވެފައިވާއިރު، އެ ދެ ގައުމުން ވެސް ކަޝްމީރުގެ މިލްކުވެރިކަމަށް ދައުވާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ