29 ވަނަ ބަޔާ ގުޅޭ
"އަ ޑަބަލް އެސްޕްރެސޯ ޓު ގޯ" އޭނާ ކައުންޓަރުގެ ކައިރިއަށް ހުއްޓިލަމުން މައިރާއަށް އިވޭނެހެން ގޮވައިލި އެވެ.
ދެ މޭޒުގެ ބުއިންތައް ފޮނުވައިލުމަށްފަހު ފަހު މޭޒުގެ ބުއިންތައް ތައްޔާރުކުރަން ފެށިތަނާހެން ކައިރިން އިވުނު އަޑާއެކު މައިރާގެ ހަށިގަނޑު އެކީ ހުއްޓުމަކަށް އައެވެ. ހިތާހިތުން އެއީ އޭނާއަށް ހީވި ވަހުމެއް ކަމުގައި އުއްމީދު ކުރަމުން އިސް އުފުލައިލި ހިނދު ކުރިމަތީގައިހުރި އިވާން ފެނި އޭނާގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާ އެވެ. އިވާންގެ ބޮލުގައި އަޅާފައިވާ ތޮފި ނަގައި ކައުންޓަރު މަތީ ބާއްވައިލި އިރުވެސް މައިރާއަށް އާޝޯހުވެފައި އިވާންއާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނީ އެވެ. އޭނާގެ ހިތުގައި ބިންވަޅު ނެގިފައިވި އިވާންގެ ސޫރައާއި މިހާރު ފެންނަމުންމިދާ އިވާންގެ ސޫރަ ހާސްބައި ތަފާތެވެ. އިވާންގެ ހަށިގަނޑު ކުރިއަށްވުރެ އަނަރޫފަވެ މޫނުން ފެން ދެމިފައިވާއިރު ހަމުގެ ކުލަވެސް ކުރިއަށްވުރެ އަލި ކަމުގައި ދައްކަ އެވެ. ކުރިން ތުނިކޮށް ކޮށާލާފައިވާ އިސްތަށިގަނޑު މިހާރު ކަނދުރާއާ ހަމައަށް ދިގުކޮށްލެވިފައި ވާއިރު އެ އިސްތަށިގަނޑުގައި ރީތި ބުޅިއެއް ހުއްޓެވެ. ބޯކޮށް ބަހައްޓާފައިހުރި ތުނބުޅީގެ ސަބަބުން އެ ސިފައަށް އިތުރު ފިރިހެންވަންތަކަމެއް ގެނުވަ އެވެ. އެ ހުރިހާ ބަދަލަކާއެކުވެސް، ފެންނަން މިހުރީ ހަމަ އިވާންކަން މައިރާއަށް ކަށަވަރެވެ. އެހެނީ، އިވާން ކޮންމެ ސިފައެއްގައި އޭނާގެ ކުރިމައްޗަށް އަޔަސް، އެ ފުން ދެލޮލާއި ތޫނު ނަޒަރު ދުވަހަކުވެސް މައިރާއަކަށް ނޯޅޭނެ އެވެ. މައިރާގެ ހަނދާނަށް ފުރަތަމަވެސް އައީ މަލަކްއާއެކު އިވާން ނަގައިފައިވާ ފޮޓޯ ގަނޑެވެ. އެ ފޮޓޯގައިވަނީ އިވާން ނޫންކަން އެދުވަހު އޭނާ ކިހާ ވަރަކަށް އޭނާގެ މޮޔަ ހިތަށް ވިސްނައިދޭން އުޅުނު ހެއްޔެވެ؟ އެކަމަކު މިއަދު އިވާން އޭނާގެ ކުރިމައްޗަށް އައިސް މިހުރީ ހަމަ އެ ސިފައިގަ އެވެ.
މައިރާއަށް ލިބުނު ސިހުމުން އަރައިގަންނަން އެނގުނީ އޭނާ ތަށްޓަކަށް އަރިކޮށްލައިގެން ހުރި ވެނީލާ ސިރަޕްފުޅިން ތަށި ފުރިގެން ބަންޑުންވާން ފެށުމުންނެވެ. އެއާއެކު އޭނާ ތެޅިގެންފައި އަވަސް އަވަހަށް އެ ތަށްޓާއި ފުޅި ކައުންޓަރުގެ މަތީގައި ބަހައްޓައިލި އެވެ.
"އަރ ޔޫ އޯލްރައިޓް މޭމް؟" މައިރާއަށް ވީގޮތްފެނި ޑެނިއަލް އަވަސްއަވަހަށް މައިރާގެ ގާތަށް ޖެހިލި އެވެ. ނަމަވެސް މައިރާ ޑެނިއެލްގެ ސުވާލަށް ޖަވާބުދޭކަށް ނޫޅުނެވެ. "ޓޭބަލް ތްރީ ޕެންޑިން" އޭ ބުނެލުމަށްފަހު ދަބަސް ހިފައިގެން ހަލުވިކަމާއެކު އެތަނުން ދުރަށް ހިނގައިގަތެވެ. އޭނާގެ ފަސްފަހަތުން އިވާންވެސް ހިނގައިގަތްކަން އެނގުމުން މައިރާގެ ފިޔަވަޅުތައް އިތުރަށް އަވަސްކޮށްލި އެވެ. އަދި ރެސްޓޯރަންޓުން ނުކުމެވުނު ހިސާބުން އޭނާގެ ހިނގުން ދުވުމަކަށް ބަދަލުކޮށްލި އެވެ. ލިފްޓާ ދިމާލަށް ދިޔުމުގެ ބަދަލުގައި އެތަނުގައިހުރި ދޮރެއް ހުޅުވައިލުމަށްފަހު އޭނާ ދުއްވައިގަތީ ސިޑިން ތިރިއަށެވެ. އަރައިގެންހުރި އުސް ފައިވާނާ މެދުގައިވެސް އޭނާގެ ފަރުވާލެއް ނެތްކަހަލަ އެވެ. ނަމަވެސް ހާލަތު އޮތް ގޮތުން ކިތަންމެ ބޭނުން ނުވިޔަސް އިވާންގެ ހިތް ދިޔައީ މައިރާއަށް ލިބިދާނެ އަނިޔާއަކާމެދު ކަންބޮޑުވަމުންނެވެ.
"މައިރާ.. މައިރާ ވެއިޓް.. މައިރާ ޔޫ މައިޓް ހަރޓް ޔޯސެލްފް. މައިރާ" އިވާންގެ އަޑު ސިޑި ގޮޅީގައި ހަރުލާފައި ހުއްޓެވެ. މައިރާ އެ އަޑު އަހާކަށް ނޫޅުނެވެ. އެކަންވީ އޭނާއަށް ހެދުނު ވަރަށް ބޮޑު ގޯހަކަށެވެ. ދެ ފަންގިފިލާވެސް ގިރާ ނުކުރެވެނީސް އޭނާގެ ފައި އަރިއަޅާލައިގެން ވެއްޓެންދިޔަ އެވެ. އިތުރަށް ކުރެވޭނެ ކަމެއް ނެތްކަން އެނގުމުން މައިރާ އަނގަމަތީގައި އަތް އަޅައިލަމުން ދެލޯ މަރައިލި އެވެ. ހީކުރި ގޮތާ ހިލާފަށް އޭނާގެ ހަށިގަނޑު ބިންމަތީގައެއް ނުޖެހުނެވެ. އިވާންގެ ބާރުގަދަ ދެއަތުގެ ތެރޭގައި އޭނާގެ ހަށިގަނޑު ހައްޔަރުވެގެން ދިޔަކަމުގެ އިހުސާސާއެކު ކުރެވުނީ ބުރަކަށި ހަރުތަނެއްގައި ޖެހުނުކަމުގެ އިހުސާސެކެވެ. ތަގުޅިކޮށްލާފައިވާ ދެލޯ ހުޅުވައިލުމާއެކު މައިރާއަށް މަންޒަރު ސާފުވާގޮތްވި އެވެ. އޭނާއަށް ހުރެވުނީ ފާރާއި އިވާންގެ ހަށިގަނޑާއި ދޭތެރޭގައި ތާށިވެވިފަ އެވެ.
"ލޯންގް ޓައިމް... ލަވް" ހިތް ކަތިލާފަދަ ރީތި ހިނިތުންވުމަކާއެކު އިވާން ބުނެލި ޖުމްލަ މައިރާގެ ހިތުގެ އެންމެ ހިމަ ނާރާ ހަމައަށްވެސް ފޯރި އެވެ. އިވާންގެ އަޑުން އެހެން ގޮވައިލާނެ އަޑު އިވޭނޭ ދުވަހަކަށް އޭނާ ހާދަ އިންތިޒާރެއް ކޮށްފި އެވެ. އެހެނަސް އެ އިންތިޒާރުގެ ފޮނި ރަހައިގެ މައްޗަށް މިފަހަރު ކުރިހޯދީ ހަގީގަތުގެ ހިތި ރަހަ އެވެ.
"އިވާން.. ލެ.. ލެޓް މީ ގޯ" މައިރާ ގަދަކަމުން ކަހަލަ ގޮތަކަށް ހިންދިރުވައިލަމުން އިވާންގެ މޭގައި އަތް އަޅައި ދުރަށް ކޮށްޕައިލި އެވެ. އެކަންވީ ބޭކާރު ކަމަކަށެވެ. އިވާންގެ ހަށިގަނޑު ހުރިތަނުން ގުޑައިވެސް ނުލި އެވެ.
"މައިރާ ކީއްވެތަ އަހަރެންނަށް ތި ފިލަނީ؟" މައިރާގެ ދެއަތުގައި ހިފައި މައްޗަށް ހިއްލައިލުމަށްފަހު ފާރާލައި ހައްޔަރުކޮށްލަމުން އިވާން ސުވާލުކުރި އެވެ. އެ މޫނުމަތީގައިވަނީ ބުނެދޭން ނޭނގޭކަހަލަ ޝުއޫރު ތަކެކެވެ. މީހުންގެ އިހުސާސްތައް ދެނެގަތުމުގައި ކިތަންމެ ކުޅަދާނަ ނަމަވެސް މައިރާއަކަށް އިވާން ހުރީ ދެރަވެފައި ކަމެއް، ހާސްވެފައި ކަމެއް ނުވަތަ ރުޅި އައިސްފައި ކަމެއް ވަކިކުރާކަށް ނޭނގުނެވެ.
"ކާންޓް ޔޫ ޓޭކް އަ ހިންޓް؟ އަހަރެން ތިކަހަލަ މީހަކާއެކު އުޅޭކަށް ބޭނުމެއްނޫނޭ! ދޫކުރޭ" މައިރާ އަނެއްކާވެސް ދުރަށް ދިޔުމަށްޓަކައި ގަދަ ހަދައިލި އެވެ.
"މައިރާއަށްވެސް ހީވަނީތަ އަހަރެން އެކަން ކުރީއޭ؟" މޫނުމަތީގައިވި އަސަރުތައް ސާފު ނުވިޔަސް މިފަހަރު އެ އަޑުގައިވަނީ ހަމަ ގައިމުވެސް ޝަކުވާ އެވެ.
"އަހަރެން ބޭނުމެއް ނެތް އެވާހަކަ ދައްކާކަށް. ދޫކުރާށޭ ބުނެފީމެއްނު. ޕޮލިހަށް ގުޅާނީ" މައިރާ އިންޒާރު ދިނެވެ. އިވާންއަށް ޖަހައިލެވުނީ މަލާމާތުގެ ހިނިގަނޑެކެވެ.
"ހެހެހެ. ވަޓް އެލްސް ކޭން ދެއި ޑޫ؟ ފްރޭމް މީ ފޯ ރޭޕިންގް ޔޫ ހިޔަރ އެންޑް ޕުޓް މީ އަވޭ ފޯރ އަނަދަރ ސިކްސް މަންތްސް. ދެޓް ޝުޑުންޓް ބީ ޑިފިކަލްޓް ގިވަން މައި ރެކޯޑް. ރައިޓް؟" ހަނިކޮށްލެވިފައިވާ ދެލޮލުން މައިރާއަށް ބަލައިލަމުން އިވާން ބުންޏެވެ. އެއާއެކު މައިރާ ވަގުތުން ހިމޭންވި އެވެ. އިވާންގެ އަތުތެރެއިން އަތް މިނިވަން ކުރުމަށްޓަކައި ލަމުންދިޔަ ބާރަށް ލުޔެއް ދިނެވެ.
"ލުކް.. އައި.. އައި ކޭން ޓޭކް އަ ހިންޓް" މައިރާ އެތަނުން ފިލަން ނޫޅޭކަން ޔަގީންވުމުން އިވާންވެސް މައިރާގެ ގައިން ދޫކޮށްލުމަށްފަހު ފާރުގައި އަތް ވިއްދައިލި އެވެ. "ހިނގައިދިޔަ ހުރިހާ ކަމަކަށްފަހު މައިރާ އަހަރެންނާއެކު އުޅެން ބޭނުންވާނެ ކަމަށް އަހަރެން އެއްވެސް ވަރަކަށް އުއްމީދެއް ނުކުރަން. އަހަރެން މިތަނަށް މި އައީ އެ ފުރުސަތަށް އެދޭކަށް ނޫން.. އަދި މައިރާއަށް ބިރުދައްކާ ގެއްލުމެއް ދޭކަށްވެސް ނޫން. އަހަރެން މިއައީ އަހަރެންގެ ހިތާއި ސިކުނޑީގަ އުފެދިފައިވާ ސުވާލުތަކަކަށް ޖަވާބު ހޯދަން. އެއީ އެ ޖަވާބުތައް އަހަރެންނަށް ދެވޭނެ ހަމައެކަނި މީހަކީ މައިރާ ވީމަ"
"އޯކޭ.. އަހާބަލަ" މައިރާ ރުންކުރު ޖަވާބަކުން ފުއްދައިލި އެވެ.
"އަހަރެން މި އައީ މައިރާގާތުން އެރޭ ހިނގައިދިޔަ ހުރިހާ ކަމެއް އޮޅުން ފިލުވަން. އެރޭގެ ބައެއް ވަނީ އަހަރެންގެ ހަނދާނުން ފޮހެވިފަ. އަހަރެންގެ އެންމެ ފަހު ހަނދާންތައް ގޮސް ނިމެނީ މައިރާއާ ހިސާބުން.." އިވާންގެ މަގުސަދު ސާފުކޮށްދިނެވެ.
"އިވާން ބޯ އަނބުރަން ފެށީމަ އަހަރެން އިވާން ގޮވައިގެން ދިޔައީ ގެއަށް. ސިޑިން މައްޗަށް ގެންދަން އުނދަގޫވީމަ ސްޓަޑީއަށް ލާފަ ނުކުތްތަނާ ނެޑް ބުނީ ބައްޕަ ބަލިވެ މާލެ އަންނަންޖެހޭ ވާހަކަ. އެހެންވެ ވަގުތުން ޕެކްކޮށްގެން އައީ. ޝޯން ކިޔާ ނުދޭތަ؟" މައިރާ އާދައިގެ ރާގެއްގައި ބުންޏެވެ.
"ނޫނޭ. ޝޯން ކިޔާދިން. ޝޯން ކިޔާދިން އަދި އިތުރު ވާހަކަ ތަކެއްވެސް. ސޯ ލެޓް މީ އާސްކް ޔޫ އަގައިން.. ވަޓް. ހެޕެންޑް. ދެޓް. ނައިޓް؟" މައިރާގެ ޖަވާބާމެދު ހިތްހަމަނުޖެހިފައިވާ ފަދައަކުން އިވާން އަނެއްކާވެސް އެދެމެދުގައިވާ ޖާގަ އިތުރަށް ހަނިކޮށްލި އެވެ.
"އަހަރެންނަށް އެނގޭ ވަރަކަށް މި ކިޔާދިނީނު" މައިރާ މަސައްކަތްކުރީ އިވާންއާ ހަތަރުކަޅި ހަމަނުކޮށް ވޭތޯ އެވެ. އޭނާގެ ދެލޮލުން އިވާން ހަގީގަތް ދެނެގަންނާނެކަން ކަށަވަރު ކުރެވޭތީ އެވެ. އިވާންއަކީ އެފަދަ ކަންކަމުގައި ހުށިޔާރު ޒުވާނެކެވެ.
"އޯ ރިއަލީ؟ މައްސަލައެއްނެތް! އެކަންތައް ހިނގައިދިޔަ ރޭ މައިރާގެ ކަޒިންއެއް ކުއްލިއަކަށް ރަށަށް ދިޔުމާއި... މައިރާ ދަންވަރު ރަށުން ފުރައިގެން ދާން ޖެހުމާއި... ނުވެސް އެނގިހުއްޓާ އަހަރެން ޑްރަގަށް ޕޮޒިޓިވް ވުމާއި.. މި ހުރިހާ ކަމަކީވެސް ހަމަ އިއްތިފާގަކަށް ވެދާނެ. އެކަމަކު އަހަރެންނަށް ބުނެދެވިދާނެތަ އެންމެ ފަހަރަކުވެސް މައިރާ އަހަރެންގެ ހާލު ބަލާލަން ނައި ސަބަބު؟ ބުނެދެވިދާނެތަ މައިރާ އެންމެ ފަހަރަކުވެސް އަހަރެންގެ ހާލު ބަލާލަން އަހަރެންގެ ރައްޓެއްސަކަށްވެސް ގުޅާނުލި ސަބަބު؟ ބުނެދެވިދާނެތަ މައިރާގެ ފެމިލީ މެދުވެރިވެގެން ޝަރީއަތް ނުނިމެނީސް ރޫމީ ޑީޕޯޓުކޮށްލަން ޖެހުނު ސަބަބު؟" އިވާންގެ އަޑަށް ރުޅިވެރިކަން ވެރިވާން ފެށި އެވެ. އެހެނަސް ދެވަނަ ސިކުންތުގައި އޭނާގެ ރާގު ބަދަލުވެ މޫނު މަތިން ހިތާމައިގެ އަސަރު ފާޅުވި އެވެ. "މައިރާ.. ޕްލީޒް.. ޕްލީޒް ސޭ ޔޫ ޑިޑިންޓް ޑޫ ދިސް. ޕްލީޒް ސޭ ޔޫ ޑިޑިންޓް ސެޓް ދިސް އަޕް"
މައިރާގެ ހިމޭންކަން އިވާންއަށް ޖަވާބަކަށް ފުދުނެވެ. ޝާވިންގެ ފަރާތުން ލިބުނު ޖަވާބުތަކަށްވުރެ މައިރާގެ ފަރާތުން ނުލިބުނު ޖަވާބުތަކުން އިވާންގެ ހިތުގައި އެޅުނީ މާ ފުން ރެނދެކެވެ. "ވައި؟" އޭނާގެ އަޑު ކުރެހުނެވެ.
"ކީއްވެހޭ؟ އިވާންއަށް ހަމަ ނޭނގިގެންތަ ތި އަހަނީ؟" މައިރާގެ ވާހަކަ ހުރިގޮތުން އިވާންގެ ސިކުނޑީގައި ސުވާލުމާކު ޖެހުނެވެ.
"އަހަ.. އެރޭ އަހަރެންނަށް މައިރާއާ ދޭތެރޭ ގޯސްކޮށް ކަމެއް ކުރެވުނީތަ؟" އިވާން މައިރާއަށް ބަލައިލީ ފެންކަޅިވެފައިވާ ދެލޮލުންނެވެ.
"އެރެއެއްނޫން. އެކަމަކު އިވާން ހަނދާންވޭތަ މީގެ އަހަރެއްހާ ދުވަސްކުރި؟ ނަވާރަ ސެޕްޓެމްބަރު؟" މައިރާގެ ސުވާލު އިވި އިވާންގެ ދެލޯ ބޮޑުކޮށްލެވުނެވެ. އެ ތާރީހު އޭނާގެ ހަނދާނުން ފިލުވައިލެވޭނީ ކިހިނެއް ހެއްޔެވެ؟
"މަރްޔަމް މަލަކް ޒުހޫރް.. ޑަޒަންޓް ރިންގް އަ ބެލް؟" މައިރާގެ ވާހަކަ ހުރި މިސްރާބު އިވާންއަށް ރޭކައިލާން ފަށައިފި އެވެ. "ދެން އަޅާނުލާ. އިވާންގެ މޫނުމައްޗަށް ތި އެރި ކުލަވަރުން އަހަރެންނަށް އެނގިއްޖެ އިވާންއަށް ހުރިހާކަމެއްވެސް ސާފުވެއްޖެކަން. ޝުކުރުކޮށްބަލަ އަހަރެންގެ ހިތަށް އެއްޗެކޭ އަރައިގެން އިވާން މިނިވަންކުރީތީވެސް" މައިރާ ހަގީގަތުގައިވެސް މާޔޫސްވި އެވެ. އޭނާ އުއްމީދުކުރީ މަލަކްއަށް ދިމާވި ކަންތަކުގައި އިވާންގެ އަތެއް ނެތްކަމަށްބުނެ އިވާން އޭނާގެ އަމިއްލަ ނަފްސު ދިފާއު ކުރާނެ ކަމަށެވެ. ނަމަވެސް އިވާންގެ މޫނުމަތިން އެ ހާދިސާއާ އިވާންއާ ގުޅުމެއް ވާކަމުގެ ކުލަވަރު ސާފުކޮށް ފެންނަން ހުއްޓެވެ.
"މައިރާ ކީކޭތަ ތި ކިޔަނީ؟ މަލަކްއަށް ވީ ކަންތަކާ އަހަރެންނާ އޮތީ ކޮން ގުޅުމެއްތަ؟ އަހަރެން.. އަހަރެން މަލަކްއަކަށް އެއްވެސް ކަމެއް ނުކުރަމޭ" އިވާން ބުންޏެވެ.
"ތިހެނެއްނު އިވާން އެރޭވެސް ބުނީ.. ސަފާޔާގެ އެކަޑަމީއެއްގަ ކޯހެއް ހެދިއިރު ކުއްޖަކާ ޗެޓްކުރީމޭ.. މީޓްވާން ބުނިރޭ... ކަންތައްތައް ދިޔައީ ރަނގަޅަކަށް ނޫނޭ... އެކުއްޖާއާ ދޭތެރޭ ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫނޭ.. އެކަމަކު އެހެން ކަން ވީ އިވާން އެއްވެސް ވަރަކަށް އެކުއްޖާދެކެ ލޯބި ނުވާތީއޭ.. އަހަރެން ގާތު ނުބުނަންތަ؟" މައިރާ ހަނދާން ކޮށްދިނެވެ.
"ބުނިން. އަދިވެސް މި ބުނަނީ. އަހަރެން އެކުއްޖާދެކެ ލޯތްބެއް ނުވެޔޭ. އަހަރެން އެ ކުއްޖާއާ ބައްދަލު ކުރާކަށް ނުދަމޭ" އިވާން އެއްބަސްވި އެވެ.
"އެކަމަކު އެރޭ އެކަން ކުރި އެންމެނަށްވުރެން ވެސް ބޮޑަށް އަހަރެން ކުށްވެރި ކުރަނީ އިވާންއޭ. މަލަކްއަށް އެހެންވީ އިވާންގެ ސަބަބުން.. އިވާން އެކަމަށް މަގު ފަހިކޮށްދިނީތީ. ތިކަހަލަ ފިރިހެނުންނަކަށް އެއްވެސް ކަމެއް ނޫން ދޯ އަންހެންކުއްޖެއްގެ ހިތާ ކުޅެލާފަ، އިތުބާރު ހޯދާފަ، ބޭނުން ތާކަށް ގެންގޮސްފަ، އިތުރު ބައެއްގެ އަތްމައްޗަށް އެކުއްޖާ ދޫކޮށްލުމަކީ. ކުރިކަމެއް ކުރީ އިވާން ނޫނަސް.. އިވާން ނުދިޔައިމަ އެރޭ މަލްއަށް ވީގޮތް އެނގޭތަ؟" މަލަކްއަށް ދިމާވި ހާދިސާ ކިޔައިދޭން ދަތިވި އެވެ.
"އާރ ވީ ސްޓިލް ޓޯކިންގް އަބައުޓް މަލަކް؟ އަހަރެން.. އަހަރެން ކޮން އިރަކުތަ މަލަކްއާ ވާހަކަ ދެއްކީ؟ އަހަރެންނަށް ދުވަހަކުވެސް މަލަކްއަކާ ބައްދަލެއް ނުވެޔޭ މައިރާ" އިވާންއަށް ހަމަ ރަނގަޅަށްވެސް އޮޅުނެވެ.
"އަދިވެސް ދޮގުހަދަނީތަ؟ އިވާން ސަފަޔަރގަ ޓްރެއިނިންގް ހެދިއިރު މަލަކްއާ ރައްޓެހިވެގެން އުޅުނުކަމުގެ ހެކި އަހަރެންގެ އަތުގަ އެބަހުއްޓޭ! އިވާންގެ ސްޓޫޑެންޓް ފައިލް ކިތަންމެ ކޮންފިޑެންޝަލް ކަމަށްވިޔަސް އަހަރެންނަށް އެ ފައިލް ލިބުނޭ.." މައިރާ ބުންޏެވެ.
"މައިރާ މައިރާ! މަލަކް އެންޑް އައި ހޭވް ނަތިންގް ޓު ޑޫ ވިތް އީޗްއަދަރ" އިވާން ތަކުރާރުކޮށް ބުންޏެވެ.
"އެހެންވެތަ އަހަރެން މަލަކްއޭ ބުނިއިރަން އިވާންގެ މޫނު އެކީ ހުދުވީ؟ އެހެންވެތަ އަހަރެން މަލަކްއޭ ބުނެލި އިރަށް އިވާންއަށް އެއީ ކާކުކަން އެނގުނީ؟ އަދިވެސް.. ހަމަ އަދިވެސް ދޮގޭ ތި ހަދަނީ.. އަހަރެން އަތުގަ ހެކިވެސް އެބަ ހުއްޓޭ.. މަޑުކުރޭ." މައިރާ އޭނާގެ ދަބަހުން ފޯނު ނަގައި އޭގެ ފޮޓޯތައް ހުޅުވައިލަމުން އިވާންއަށް ދެއްކި އެވެ.
"މި.. މިއީ މަލްގެ ވޯލްޕޭޕަރގަ އިންނަ ފޮޓޯ.. ދެންވެސް އިވާން ބުނާނީ މިއީ ދޮގެކޭތަ؟ ތިދެމީހުން އެއްކޮށް ނަގާފަ އޮތް ފޮޓޮއެއް! ހަމަ މި ފޮޓޯ އަހަރެން ދުށީ އިވާންގެ ވޮލެޓުން! އެހިސާބުން އަހަރެންނަށް ހުރިހާކަމެއް ހޯދަން މަޖުބޫރުވީ.. އެހެން ހުއްޓާ އިވާންގެ ދުލުން އެރޭ ހުރިހާކަމަކަށް އެއްބަސްވީމަ އަހަރެންނަށް ކިހިނެއް އިތުރަށް އަޅާނުލާ ހުރެވޭނީ؟ އިވާންގެ ސްޓަޑީއިން އަހަރެން ދުށީމޭ މަލަކްގެ މައްސަލައާގުޅޭ ސިއްރު ލިޔުންތައްވެސް. އިވާންއަށް ޕޮލިހުގެ ތެރެއިން އޮތް ބާރުގަ މަލަކްގެ މައްސަލަ ހުއްޓުވާލާފަ އޮތީމައެއްނު އެކަން އިތުރަށް ތަހުގީގު ނުކުރީވެސް. ދެން އިތުރު ކޮން ގޮތަކަށްތަ އަހަރުމެން މަލަކްއަށް އިންސާފު ހޯދައިދޭނީ؟ މަލަކްއަކީ އަހަރުމެން ހާދަ ލޯބިން ގެންގުޅުނު ކުއްޖެކޭ!" މައިރާގެ އަޑުގައި މަޑު ތުރުތުރެއް ހުއްޓެވެ. އިވާންއާ މި ޒުވާބު ކުރާކަށް ހުދު އޭނާވެސް ބޭނުމެއް ނޫނެވެ.
"އޯ ގޯޑް.. މައިރާ ޔޫ ހޭވް ނޯ އައިޑިޔާ ވަޓް ޔޫ ހޭވް ޑަން! ޔޫ ހޭވް ނޯ އައިޑިޔާ! މައިރާ އެންމެ ފަހަރަކުވެސް އަހަރެންގާތު އަހާލިނަމަ އަހަރެން ހުރިހާ ވާހަކައެއް ކިޔައިދިނީސް" އިވާން ބޮލުގައި ދެއަތް ބަނދެގެންހުރެ މައިރާއާ ދުރަށް ޖެހިލި އެވެ.
"ދެން އިތުރަށް ކިޔައިދޭނެ އެއްޗެއް ނެތް. މިހާރު ދެމީހުންނަށްވެސް ހުރިހާ އެއްޗެއް އެނގިއްޖެ" މައިރާ ބުންޏެވެ.
"ނޫން.. މައިރާއަށް އަދި އެނގެންޖެހޭ ބައިވަރު ކަންކަން އެބަހުރި. ކަމް ވިތް މީ" އިވާން ކުއްލިއަކަށް މައިރާގެ އަތުގައި ހިފެހެއްޓި އެވެ. މައިރާ މަސައްކަތްކުރީ އެ އަތް މިނިވަން ކުރެވޭތޯ އެވެ. އިވާންއާ ދިމާލަށް އެތައް ނުރުހުމުގެ ބަސްތައް އެއްލި އެވެ. ނަމަވެސް އިވާން އެއިން ކަމަކަށް ފަރުވާލެއްނުދީ ސިޑި ގޮޅިން ނުކުމެގެންގޮސް މައިރާ ގޮވައިގެން ލިފްޓަށް އެރި އެވެ. އެ އިމާރާތުން ނުކުމެ ޓެކްސީއަށް އެރިއިރުވެސް މައިރާގެ ނުރުހުމުގެ ބަސްތަކަކަށް ނިމުމެއް ނާދެ އެވެ.
"އިވާން! އިވާން މޮޔަވީތަ؟ ތިގޮތަށް އަހަރެން-"
"ހޯޕްވެލް ހޮސްޕިޓަލް" އިވާން ޓެކްސީ ޑްރައިވަރަށް ދިން އިރުޝާދާއެކު މައިރާގެ އަނގަ ބަންދުވި އެވެ. އިވާން އޭނާ ހޮސްޕިޓަލަށް މި ގެންދަނީ ކީއްވެތޯ ވިސްނައިލަން މަޖުބޫރުވި އެވެ. ހިތުގައި އުފެދުނު ޝައުގުވެރިކަމާއި ބިރުވެރިކަމުގެ ސަބަބުން އޭނާ ހިމޭންވި އެވެ. އެ ހިމޭންކަމަށް ނިމުމެއް އައީ ކާރުން ފޭބުނު ހިސާބުންނެވެ.
"އިވާން.. ކީއްކުރަން މިތަނަށް ތި އައީ؟ އިވާން ޖަވާބު ދީބަލަ" އިވާން ދެންވެސް އަނގައިން ބުނާކަށް ނޫޅުނެވެ. ހޮސްޕިޓަލުގެ އައުޓްޕޭޝަންޓް ހިދުމަތްދޭ ފިޔައިގެ ބަދަލުގައި އޭނާ މައިރާ ގެންދިޔައީ އިންޕޭޝަންޓް ހިދުމަތްތަކަށް ހާއްސަކުރެވިފައިވާ ފިޔައަށެވެ. ބާރަ ފަންގިފިލާ ހިމެނޭ އެ ފިޔައިގެ ހަވަނަ ފަންގިފިލާގައި ހުރި ޕްރައިޓް ކޮޓަރިއަކަށް ވަދެވުމާއެކު މައިރާ އަށް އެނދުގައި ބާއްވާފައި އޮތް ޒުވާނާއަށް ބަލައިލެވުނެވެ. އެ ޒުވާނާގެ މޫނު އެތަން މިތަނުން ކަޅުވެ ވަޅުވަދެފައި ވާއިރު ހަށިގަނޑުގެ އެތަން މިތަނަށް ވާ ގުޅާފައި ހުއްޓެވެ. އެ ވާތަކާއި ގުޅިފައިވާ މެޝިންތަކުގެ ގިނަކަމުން އެނދާ ގާތަށް ޖެހިލެވެނީވެސް ނުހަނު ބަލައިގެންނެވެ. ކުޑަމިނުން އެ ހަށީގެ ނޭވާވެސް އެ ހިނގަނީ އަމިއްލަ ބާރުގައި ނޫންކަން މައިރާއަށް ޔަގީން ކުރެވުނެވެ. އެހެނަސް ކޮންމެ ހާލެއްގައި އޮތަސް މައިރާއަށް އެ ސިފަ ވަކިކުރަން އެނގުނެވެ. އޭނާއަށް ލިބުނު ސިހުމުގައި ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. ފެންނަމުންދާ މަންޒަރު ގަބޫލުކުރަން ބޭނުން ނުވެފައިހުރި ފަދައިންނެވެ. ދެލޯ މަރައި ތަގުޅި ކޮށްލުމަށްފަހު ހުޅުވައިލީ އެއީ ހުވަފެނަކަށް ވޭތޯ ހިތާހިތުން ދުޢާ ކުރަމުންނެވެ. ނަމަވެސް އިވާން ދެން ބުނެލި ޖުމްލައާއެކު މައިރާގެ މުޅި ދުނިޔެވެސް ހިނދުކޮޅަކަށް ހުއްޓުނެވެ.
"ދެޓްސް މައި ބްރަދަރ.. ޓްވިން ބްރަދަރ.." އިވާން ވައްޓައިލި ބޮމާއެކު މައިރާ ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރަން ފެށްޓެވެ. "މައިރާއަށް ލިބުނު އެއްވެސް ފޮޓޮއަކީ.. އެއްވެސް ފައިލަކީ.. އަހަރެންނާ ގުޅުންހުރި އެއްޗެއް ނޫން"
"ނޯ ނޯ ނޯ. އެކަމަކު އަހަރެން.. އަހަރެން ހަނދާން އެބަހުއްޓޭ.. އެ ފައިލް.. މަލަކްގެ ބޯއިފްރެންޑް.. ހީ ވޯޒް އެންރޯލްޑް އިން އަ ޕޮލިސް ޓްރެއިނިންގް. އެންޑް ލީންވެސް ބުނި. ޔޫ ޓްރެއިންޑް ދެއަރ" މައިރާ ދެންވެސް ހަގީގަތް ގަބޫލުކުރާކަށް ބޭނުމެއް ނުވި އެވެ. އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ.
"ތެދެއް. އެ ދުވަސްކޮޅު އަހަރެންވެސް ޓްރެއިންވީ ސަފާޔަރގަ. އެކަމަކު ސަފާޔަރގެ އެތަނުގެ އެހެން އެކަޑަމީއެއްގަ. މަލަކްއާ މަލަކްއާ އެއް ކެމްޕަހެއްގަ ކިޔެވީ އަހަރެންގެ ކޮއްކޮ. އެހެންނޫނަސް.. ސަފާޔަރއަކުން އަދި އިތުރު ތާކުންވެސް އަހަރެންގެ ފައިލެއް ކޮންފިޑެންޝަލް ކުރެންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ. އަހަރެންނަށް އެނގޭ މިއީ އަހަރެން ހާމަކުރަން ހެޔޮވާވަރުގެ މައުލޫމާތެއް ނޫންކަން. އެކަމަކު ކަންތައްތައް ގޮސްފަ އޮތް ހިސާބުން މައިރާއަށް މިކަމުގެ ހަގީގަތް އެނގުން ވަރަށް މުހިއްމު.. މައި ބްރަދަރ.. ހީ އިޒް ޕާރޓް އޮފް ދަ ޕޮލިސް ޓޫ.. އަ ޕާރޓް އޮފް ޕޮލިސް އިންޓެލިޖެންސް" އިވާން ސާފުކޮށް ދިނެވެ. މައިރާއަށް އެ ވާހަކަ ސިއްރުކުރުމުގެ ބޭނުމެއް އޭނާއަށް ނުފެނުނީ އެވެ. "އަހަރެންނާއި ދާނުއާ މުޅިން ތަފާތު ދެ ރީޖަންއެއްގަ މަސައްކަތްކުރަން ޖެހުނު ސަބަބަކީވެސް އެއީ. ދާނުގެ ފައިލް ކޮންފިޑެންޝަލް ފައިލެއްގެ ގޮތުގަ އޮތް ސަބަބަކީވެސް އެއީ.. މަލަކްދެކެ ލޯބިވީ އަހަރެންނެއް ނޫން.. ދާނު.. އަހަރެން މިއަދާ ހަމައަށްވެސް ލޯބިވީ ހަމައެކަނި.. މައިރާދެކެ" އިވާން ހިންދިރުވައިލަމުން ބުންޏެވެ.
"ދާނު އަހަރެންނާ ހުރިހާކަމެއް ހިއްސާކުރާނެ.. މަލަކްއަކީ ދާނުގެ މުޅި ދުނިޔެ. ނަސީބު ދެރަކަމުން މަލަކްއާ ރައްޓެހިވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ބަޔަކަށް ދާނުގެ ހަގީގަތް ފަޅާއެރީ.. އޭރު ދާނުއަށް ވަނީ އިވެން ނުޖެހޭ އެތަށް އަޑެއް އިވި ފެންނަން ނުވާ އެތަށް މަންޒަރެއް ފެނިފަ. އެމީހުންނަށް ދާނުގެ ކަންތައް ފަޅާއެރި ރޭ ދާނު ފިލަންވެގެން ދުވަނިކޮށް މަލަކްއާވެސް އަލަށް ދިމާވީ. އަހަރެން އަދިވެސް ހަނދާންވޭ އަހަރެންނާއި ޝޯންއާ ދެމީހުންނަށް ދާނު މަލަކް ސިފަކޮށްދިން ގޮތް. ބުނީ އެނގޭހެއްޔޯ ތިމަންނާ ވަރުބަލިވެ.. ހިތް ހުއްޓިގެން މަރުވާން ކައިރިވެފަ ހުއްޓާ ފެނުނު އޭންޖަލް އެކޯ މަލަކްއަކީ. އެރޭ މަލަކް ބަހަށް ފައިސާ ނުދައްކައިދިން ނަމަ.. އެންމެ ސިކުންތެއްވެސް ބަސް ނައްޓައިލުން ލަސްވިނަމަ އެމީހުން ތިމަންނާ މަރާލާނެއޯ.. މަލަކްގެ އޯގާތެރިކަން ފެނުނީމަ އޯ އެރޭ ހިތްވަރު އާވީ. ޝީ އިޒް ޓްރޫލީ އެން އޭންޖަލް އޯ. އޭރު އަދި މަލަކްއަށް ކިޔަނީ މަލަކް ކަމެއްވެސް އޭނައަކަށް ނޭނގޭނެ. ފަހުން ނަން އެނގިގެން ބުނީމަ އަހަރުމެން ވަރަށް ދިމާވެސް ކުރިން" އިދާންއާ ގުޅިފައިވާ އެންމެ ފަހުގެ ހަނދާންތައް ކިޔައިދިންއިރު އިވާންގެ ތުންފަތުގައިވަނީ ހިތި ހިނިތުންވުމެކެވެ.
"ދާނުއަށް އެނގިހުރެ މަލަކްއަށް ދުވަހަކުވެސް ދެރައެއް ލިބުނަކަ ނުދޭނެ. ދާނު މަލަކްއާ ރައްޓެހިވީވެސް ފުލުހުންގެ ފުލް ސެކިއުރިޓީ ދާނުއަށް ދޭން އެއްބަސްވީމަ.. އެކަމުގަ ފެއިލްވީ އަހަރުމެން. ދެން އޮތީ ތި ބުނާ ރޭ.. އެރޭގެ ކަންތަކުގަވެސް ދާނުއަށް ކުރެވޭނެ މާބޮޑު ކަމެއްނެތީ.. ދާނު ބޭނުންވި ގޮތެއްވެސް ނޫން އެއީ އެކަހެރި ތާކުން މަލަކްއާ ބައްދަލު ކުރުން. އެކަމަކު މަލަކްގެ ޕޭރެންޓްސް މާބޮޑަށް ޕްރޮޓެކްޓިވްވެފަ ސްޓްރިކްޓްވީމަ މަލަކް ބޭނުންވީ މީހުން ނޫޅޭ ސިއްރު ތަނަކުން ބައްދަލުކުރަން. އެރޭ ދާނު މަލަކްއާ މީޓްކުރަން ދަނިކޮށް ކުރިން މި ބުނި ގޭންގުގެ މީހުން ދާނު ޓްރެކް ކުރީ.. އަދި މަލަކް ފެންނަ ހިސާބަށް ނުދެވެނީސް އެމީހުން ދާނުއަށް އެޓޭކް ކުރީ.. ބޮލަށާއި ހަށިގަނޑުގެ އެތަން މިތަނަށް ހުރީ އެކި ކަހަލަ ހަމަލާތައް ދީފަ.. ފައިވެސް އޮތީ ޗިސްޗިސް ވެފަ. ބޮޑަށް ހީވަނީ ވެހިކަލެއް ކަހަލަ އެއްޗެއް ފައިމަތިން ދުއްވާފަ ދިޔައީހެން. ދެ ފައިވެސް ޖެހުނީ އެމްޕިއުޓޭޓް ކުރަން." އެނދުގައި އޮތް އިދާންއާ ނަޒަރު ވަކިކޮށްލުމަށްފަހު މައިރާއަށް ބަލައިލަމުން އިވާން ވާހަކަ ދެއްކި އެވެ. "ހަމަ އެރޭ މަލަކްގެ ކޭސްވެސް ޕޮލިހަށް ރިޕޯޓުކުރީ. އަހަރުމެންނަށް ވަގުތުން އެނގުނު މި ދެ ކޭސްގަ ގުޅުމެއް ވާކަން. ބޮޑަށް ހީވަނީ ދާނުއަށް އެޓޭކް ކޮށްފަ ދިޔަ މަގުމަތީ މަލަކް.." އޭނާގެ ޖުމްލަ އެހިސާބުން މެދު ކަނޑައިލީ ދެން ހިނގައިދިޔަ ކަންތައް މައިރާއަށް އެނގޭނެކަން ޔަގީން ކުރަމުންނެވެ. މައިރާ ހުރީ އިސް ޖަހާލައިގެނެވެ. މައިރާގެ ދެލޮލުގައިވާ ކަރުނަތައް އިވާންއަށް ނުފެނުނު ކަމުގައިވިޔަސް މައިރާގެ ގައިގައި ހުރި މަޑު ތުރުތުރުން އިވާންއަށް މައިރާ ރޮނީކަން ޔަގީން ކުރެވުނެވެ. އެ މަންޒަރުން އުނދަގޫވެފައިހުރެ އިވާން ދެޖީބަށް ޖަހާލެވިފައިވާ އަތް މުށްކަވައިލަމުން އަނެއްކާވެސް އިދާން އޮތް އެނދަށް ބަލައިލި އެވެ.
"އެނީވޭ އަހަރުމެން ތަހުގީގު ހުއްޓައެއްނުލަން. އަހަރެން އަމިއްލައަށް މާލޭގެ ފުލުހުންނާ ގުޅިގެން ތަހުގީގު ކުރިއަށް ގެންދިޔައިން. މައިރާއަށް އަހަރެންގެ ސްޓަޑީއިން ތި ފެނުނު ލިޔުންތަކަކީ އެ ތަހުގީގާ ގުޅޭ ލިޔުންތައް. ދެން ފެނުނު ވޮލެޓާއި ދެންވެސް އެ ހުރި އެއްޗަކީ ދާނުގެ އެއްޗެހި. ދާނުގެ ވަޒީފާގެ ގޮތުންނާއެކު، ކޭސްގެ ބުރަދަނަށް ބަލާފަ ވަގުތީގޮތުން މަލަކްގެ އާއިލާއަށްވެސް ތަހުގީގު ސިއްރުކުރީ. އެނގޭ އެ ކޭސް ވަކިން ކުރިއަށް ގެންދިޔަނަމަ އެ މަދު މީސްކޮޅު ހޯދާލާފަ މަލަކްގެ މައްސަލަ ވަރަށް ފަސޭހައިން ނިންމާލެވޭނެކަން. އެކަމަކު އަހަރުމެން ބޭނުންވީ އިތުރަށް ހެކި ހޯދައިގެން.. މީގެ އަޑީގަ އުޅޭ އެންމެންވެސް ހޯދައިގެން.. ދާނުގެ މައްސަލައާއެކު އެ މައްސަލަ ޕްރޮސެކިއުޓް ކުރަން. ތަންކޮޅެއް ބޮޑު ހުކުމެއް ލިބޭކަހަލަ ގޮތަކަށް ގެންދަން. އަހަރެން ދެކޭ ގޮތުގަ މަލަކްއަށްވެސް ހަގީގީ އިންސާފު ލިބޭނީ އޭރުން.." އިވާން ބުންޏެވެ. އެއަށްފަހު އެދެމެދުގައި ހޭދަވެގެންދިޔަ ހިމޭންކަމުގެ ސުކޫތަށް ނިމުމެއް ގެނައީ މައިރާ އެވެ.
"އިވާން.. އިވާން އައިމް ސޯ ސޮރީ.." ތުރުތުރު އަޅަމުންދިޔަ އަތަކުން އިވާންގެ އަތުގައި ހިފައިލަމުން މައިރާ ބުންޏެވެ.
"ދެން ކޮބާ ބޭނުމެއް މައިރާ؟ މިކަމުގަ އަހަރެންގެ ކުށެއް ނެތްތާކު ދާންގެ ކުށެއް އޮތްނަމަވެސް އަހަރެންނަށް މައިރާ ތި ދިން އަދަބަށް މަޢާފުކޮށް ތިކަން ހަނދާން ނައްތާލެވުނީސް. އެކަމަކު މީގަ ދާންގެ ކުށެއްވެސް ނެތޭ. އެނގޭ މަލްއަށް ލިބުނީ ފޫ ނުބެއްދޭވަރުގެ ބޮޑު އަނިޔާއެއްކަން. އޭގަ އަހަރެންގެ.. ނޫނީ ދާނުގެ.. ނޫނީ ފުލުހުންގެ ކުށެއް އޮތްކަމަށް މައިރާއަށް ގަބޫލު ކުރެވެންޏާ ޖަސްޓް ރިމެމްބަރ ދެޓް ވީ އަރ ޕެއިންގް ފޯ އިޓް. އަހަރުމެންނަކަށް ދާނު ސަލާމަތެއް ނުކުރެވުނު. މެޝިންތަކުގެ އެހީގަ ނޭވާ ހިނގާތީ ބާއްވާފަ އޮތަސް ހީ އިޒް ނޯ މޯރ. އިޓް ވުޑް ޓޭކް އަ މިރެކަލް ފޯ ހިމް ޓު ލިވް. އެކަމަކު މަންމައަށް މިކަން އެކްސެޕްޓް ކުރެވިގެން ލައިފް ސަޕޯޓް ކަނޑާލަން އެއްބަސްވަންދެން ފުލުހުންގެ ހަރަދުގަ ދާނު މިތާ ބާއްވަދޭނެ" އިވާންގެ އަޑުގައިވާ ހިތާމަ ސިއްރެއްނުވެ އެވެ.
"އިވާން.. ޕްލީޒް. މައި އަށް މަޢާފުކުރޭ. އައިމް ސޯ ސޯ ސޮރީ. އައި-" މައިރާގެ ވާހަކަ މެދުކަނޑައިލަން ޖެހުނީ އެވަގުތު އެ ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު އިތުރު މީހަކު އެތަނަށް ވަނުމުންނެވެ. ކަކުލާ ހަމައަށްހުރި ކުރުތާ ހެދުމަކާއި ދޫ ޖީންސެއްގައި ހުރި ޒުވާން އަންހެނާއަށް އޭނާ ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. އަދި އެ ނަޒަރު އިވާންއާ ބަދަލުކޮށްލި އެވެ.
"މަންމަ" މައިރާގެ މޫނުމަތީގައިވި ސުވާލަށް އިވާން ޖަވާބުދިނެވެ. އަދި ނިސްރީނަށް ބަލައިލަމުން "މަލަކްގެ އާއިލާ" އޭ ބުނެ މައިރާގެ ތައާރަފެއްވެސް ދިނެވެ.
"ހައި. ކޮން ނަމެއް ކިޔާ ކުއްޖެއްތަ މިއީ؟" މައިރާގެ ގާތަށް ހުއްޓިލަމުން ނިސްރީން ހިނިތުންވެލި އެވެ.
"މައިރާ" ނަން ބުނެލިއިރުވެސް މައިރާއަށް ހުރެވުނީ ހައިރާންކަމެއްގަ އެވެ. ކުރިމަތީގައި މި ހުރީ ހަމަ އިވާންވެ މަންމަ ހެއްޔެވެ؟ އިވާންގެ މަންމަ އެހާ ރީތިވެފައި ޒުވާންވާނެ ކަމަކަށް މައިރާ ހިއެއް ނުކުރެ އެވެ. ފެންނަ ފެނުމަށް ހީވަނީ އޭނާއާ ދާދި އެއް އުމުރެއްގެ އަންހެން ކުއްޖެއް ހެނެވެ.
"މަލަކް ރަނގަޅުތަ؟" ނިސްރީންގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން މައިރާ ބޯ ޖަހައިލި އެވެ.
އިވާން އެތަނުން ނުކުތީ އެ ދެމީހުން ވަކިންތިބެ ވާހަކަދައްކާނޭ ފުރުސަތު ދެމުންނެވެ. އެހެންނޫނަސް ހިނގައިދިޔަ ހުރިހާ ކަމަކަށްފަހު އޭނާ ހުރީ އެކަނިވެލަން ބޭނުންވެފަ އެވެ. ހަމަޖެހިލައިގެން މިނިވަންކަމާއެކު ކަންކަމާ ވިސްނައި ފިކުރުކޮށްލަން ބޭނުންވެފަ އެވެ. މައިރާއާ ގާތުގައި ހުންނައިރު އޭނާގެ މިނިވަން ހިޔާލަށް ހުރަސްއެޅެ އެވެ. އޭނާގެ ކޮންމެ ވިންދެއް އަދި ކޮންމެ ނޭވާއެއްގައި މިއަދުވެސް ވަނީ މައިރާ އެވެ. މައިރާއަށް މަޢާފުކޮށް މައިރާއާއެކު ލޯބިން އުޅެން އޭނާ އިންތިހާއަށް ބޭނުންވެ އެވެ. ނަމަވެސް މައިރާ އެވަނީ އޭނާގެ ހަޔާތަށް ޒަހަރުލައިފަ އެވެ. ދިރިއުޅުން އެކީ ހުއްޓުވާލައިފަ އެވެ. މީހުން އޭނާއަށް ކުރި އިހްތިރާމާއި ގަދަރު ގެއްލުވައިލައި އަބުރު ވެއްޔާ މޮޑެލައިފަ އެވެ. ވަޒީފާ ގެއްލުވާލައި އާރޯކުރަމުންދިޔަ މުސްތަގުބަލްގެ ހުރިހާ ކުރިއެއް މަރާލައިފަ އެވެ. އިތުބާރު ގެއްލުވާލައި ލޯތްބަށް ބޭވަފާތެރިވެފަ އެވެ. ވީއިރު މައިރާއަކަށް އޭނާގެ މަޢާފު ހައްގެއް ނޫނެވެ. މައިރާއާއެކު އުޅެން ކިތަންމެ މަސައްކަތް ކުރިޔަސް މައިރާ އޭނާއަށް އެ ދިން އަނިޔާ އޭނާގެ ހަނދާނުގައި އަބަދުމެ ހުންނާނެ އެވެ. އޭނާ ޖެހޭނީ މައިރާއާ ދުރަށް ދާށެވެ. އެކަން ކުރެވެން އޮތީ މައިރާ ނުފެންނަ ހިސާބެއްގައިހުރެ އޭނާގެ ހިތާއި ސިކުނޑި އެކަމަށް ތައްޔާރު ކުރުވައިގެނެވެ. އެހެނަސް މައިރާ އެ ފުރުސަތު އޭނާއަށް ދޭން ބޭނުން ނުވާ ކަހަލަ އެވެ. ލޮބީ އޭރިޔާގައި އެކަކަށް އިށީނެދެވޭގޮތަށްހުރި ސޯފާއެއްގައި އޭނާ އިށީނދެލިތާ އިރުކޮޅެއް ނުވަނީސް މައިރާ އެތަނަށް އަތުވެއްޖެ އެވެ. މައިރާއާ ދުރަށް މޫނު އަނބުރައިލުމުގެ ގޮތުން އިވާން އެތަނުގައިވާ ބިއްލޫރިގަނޑުން ބޭރަށް ނަޒަރު ހުއްޓައިލި އެވެ. އަދި ފުން ހިޔާލަކަށް ގެއްލިފައި އިން ފަދައިން ތުނބުޅީގައި އަތް ހިންގައިލި އެވެ.
"އިވާން.." މައިރާގެ އަޑު ނުކުންނަނީ ކިރިޔަ ކިރިޔާއެވެ. އޭނާ އިވާންގެ ފައި ކައިރިން ބިންމަތީގައި އިށީނދެލި އެވެ. "ސޮރީ އިވާން.. އިވާން ޕްލީޒް" މައިރާއަށް އަނެއްކާވެސް ރޮވެން ފެށުނެވެ. އިވާންގެ ކަކުލުގައި ބޯ އަޅާލައިގެން އިނދެ އިވާންއާ ދޭތެރޭ ކަންތައް ކުރެވުނު ގޮތާމެދު އިންތިހާއަށް ހިތާމަކޮށް ކަރުނަ އޮހޮރި އެވެ. އެ ކަރުނަތަކުން މިއަދު ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟
"އަހަރެން އެއްޗެއް އަހާލަންތަ؟ އެރޭ އަހަރުމެންގެ ދޭތެރޭގަ އެއްވެސް ކަމެއް.. ވަރ ވީ އިންޓިމޭޓް؟ އެއްވެސް ވަރަކަށް؟" އިވާންގެ ހިތަށް އުނދަގޫކުރަމުންދިޔަ ސުވާލު މައިރާއާ ކޮށްލި އެވެ.
"ޔެސް.. ވީ މޭޑް އައުޓް ފޯ އަ ވައިލް ބަޓް ދެޓް ވޯޒް އިޓް. އިވާންއަށް ނިދުނީމަ އަހަރެން އެތަނުން ނުކުތީ" ގިސްލުމުގެ ތެރެއިން އޭނާ ބުންޏެވެ.
"އެކަންތަކާ ވިސްނާވެސް އަހަރެންގެ ބޯ ގޭނުނު ވަރެއް މައިރާއަކަށް ނޭނގޭނެ. އޭރުވެސް އަހަރެންގެ ހިތް ބުނި ހަމަހޭގަ ނެތަސް އަހަރެންނަކަށް މައިރާ ނޫން ކުއްޖަކާ އެގޮތަށް ކައިރިއެއް ނުވެވޭނޭ. އެކަމަކު ކަންތައްތައް ހިނގައިދިޔަ ގޮތުން އެއީ މައިރާއަށް ނުވެދާނެކަމުގެ.. އަހަރެންނަށް ކުރެވުނު ތުހުމަތުތަކުގަ ހަގީގަތެއް އޮވެދާނެކަމުގެ.. ހާދަ ބޮޑު ބިރެއް އަހަރެންގެ ހިތުގަ އޮތޭ. އެ ގިލްޓްގަ ހަމަސް ފާއިތުވެގެން މި ދިޔައީ" އިވާންގެ އަޑުގައިވާ ހިތާމައާއި ޝަކުވާގެ އަސަރު މައިރާގެ ހިތުގެ އެންމެ ހިމަ ނާރާ ހަމައަށްވެސް ފޯރި އެވެ.
"އައިމް ސޮރީ.. ދެން އެބައޮތްތަ އިވާން އެ ރެއާ ގުޅިގެން އަހަން ބޭނުން އިތުރު ސުވާލެއް. އަހަރެން ހުރިހާ ސުވާލަކަށް ތެދު ތެދަށް ޖަވާބުދޭނަން. އިވާން ބޭނުން ސުވާލެއްކުރޭ.. ޕްލީޒް." މައިރާހުރީ އިވާން އެދޭ ކޮންމެ ކަމެއް ކޮށްދޭން ތައްޔާރަށް ކަހަލަ އެވެ.
"ހަމަ އެންމެ ސުވާލެއް. އެ ހުރިހާ ކަމެއް އެއީ ކާކުގެ ރޭވުމެއް؟ އެހާ އިހާނެތި ގޮތަކަށް.. އަހަރެންގެ މުޅި ދިރިއުޅުން ހަލާކުކޮށްލަން ހިޔާލުދިނީ ކާކު؟" އިވާން އަހައިލި އެވެ.
މައިރާއަށް ވިސްނައިލެވުނެވެ. ހުރިހާކަމެއް ނަދާލްގެ ބޮލަށް ޖަހާފައި އެ ކަންތަކުން ބަރީޢަވެގަތުމުގެ އިޚްތިޔާރު އޭނާއަށް އެބަ އޮތެވެ. އެހެނަސް އޭރުން އެ ހެދެނީ އިތުރު ދޮގެކެވެ. އެ އޮޅުވައިލެވެނީ އިތުރު އޮޅުވައިލުމެކެވެ. އެއީ ހަގީގަތަކީ، މަލަކްގެ މައްސަލައިގެ ތަހުގީގު ފުލުހުން ހުއްޓައިލިކަން އެންގުމުން ނަދާލް އެކަމުން ދެއަތް ފޮޅައިލުމަށްފަހު ވިޔަފާރީގެ ކަންކަމަށް ހުސްވެގަނެގެން ހުއްޓައި ބަދަލު ހިފުމުގެ ހިޔާލު ނަދާލްގެ ސިކުނޑިއަށް ވެއްދި މީހަކީ މައިރާ ކަމަށް ވާތީ އެވެ.
"އަހަރެން.. ހުރިހާ ކަމެއްވެސް ފެށީ އަހަރެން" މައިރާ އެއްބަސްވި އެވެ.
"އެންޑް ޓު ތިންކް ދެޓް އައި ވޯޒް ޓްރައިންގް ޓު ޕްރޮޓެކްޓް ޔޫ ވިތް އެވްރީތިންގް އައި ހޭވް.. ވިތައުޓް ތިންކިންގް ޔޫ ކުޑް ބީ ދަ ވެރީ ރީޒަން ފޯރ އިޓް!" އިވާން ހިތި ހިނިތުންވުމަކާއެކު ދެފަރާތަށް ބޯހޫރައިލި އެވެ.
"އިވާން.. އިވާން އައިމް ސޮރީއޭ. އިވާން ބޭނުން އެއްޗެއް އަހަރެންނާ ދިމާލަށް ކިޔާ. ސްކްރީމް އެޓް މީ! ޔެލް އެޓް މީ!" މައިރާ އާދޭސްކުރި އެވެ.
"އައި ރިއަލީ ހޭވް ނަތިންގް ޓު ސޭ މައި" އިވާން މާޔޫސީ ރާގެއްގައި ބުންޏެވެ. "އައި ޓުކް ދިސް ބުލެޓް އޮންލީ ޓު ފައިންޑް އައުޓް ޔޫ ޕުލްޑް ދަ ޓްރިގަރ. މައިރާދެކެ އަހަރެން ވީ ލޯބީގެ އަގަކީ މިއީ ކަމުގަ ވަންޏާ އަހަރެންނަށް ވަރަށް ރަނގަޅަށް އަގު އަދާކުރެވިއްޖެ. އިފް ޔޫ އަރ ދަ ރީޒަން ފޯ މައި ޑައުންފޯލް.. އައި ވިލް ގްލޭޑްލީ އެކްސެޕްޓް އިޓް! އެހެންވީމަ އަހަރެން ދެން މައިރާ ގާތު ދައްކާނެ ވާހަކައެއް.. އަހާނެ ސުވާލެއް.. ކުރާނެ ޝަކުވާއެއްވެސް ނެތް! އައި ޖަސްޓް.. އައި ޖަސްޓް ވޮންޑަރ ވަޓް ދަ ހެލް ވޯޒް ގޮއިންގް ތްރޫ ޔޯ ހެޑް ވެން އައި ސެޑް އައި ލަވްޑް ޔޫ" އިވާންގެ ވާހަކައަށް ރައްދު ދިނުމަށްޓަކައި މައިރާ އަނގަ ހުޅުވައިލި ނަމަވެސް އިވާން އަތް ހިއްލައިލަމުން އެކަމަށް ހުރަސްއެޅި އެވެ. "ޑޯންޓް އަންސަރ ދެޓް. މައިރާގެ ފަރާތުން އިތުރު ދޮގުތަކެއް އަހާކަށް އަހަރެން ބޭނުމެއްނޫން. އަހަރެން.. މީގެ ފަހުން އަހަރެމެން ދެމީހުންނަކީ ދެ ބީރައްޓެހިން. އިތުރަށް މައިރާގެ މޫނުވެސް ދެކޭކަށް އަހަރެން ބޭނުމެއްނޫން. ދެންވެސް އަހަރެންނަށް ކަމެއް ކޮށްދޭން ބޭނުމިއްޔާ.. މައިރާ މިތަނުން ދޭ!" އިވާންގެ ފަހުބަސް އިއްވައިލި އެވެ. މައިރާ އިރުކޮޅެއް ވަންދެން އެތަނުގައި މަޑުކޮށްލައިގެން އިނީ އިވާންގެ ހިޔާލު ބަދަލު ވެދާނޭކަމުގެ ހަނި އުއްމީދުގަ އެވެ. އެހެނަސް އެފަދަ އިޝާރާތެއް ނުލިބުމުން އޭނާ އިންތަނުން ތެދުވެލި އެވެ. އަދި ލަސްލަހުން މޫނާއި ދެލޯ ފުހެމުން އިވާންއަށް ފަސްދީ ހިނގައިގަތެވެ.
މައިރާ އަރައިގެންހުރި ފައިވާނުގެ ކަށި މާބްލް މަތީގައި ޖެހެމުންދިޔަ އަޑު ފަނޑުވާން ފެށިހިނދު އިވާންގެ ލޮލުގެ ހިމަކޮޅުން ކަރުނަތިއްކެއް ފައިބައިގެންދިޔަ އެވެ. ނުރޯން ކިތަންމެ ހިތްވަރުކޮށްގެން އިނެއްކަމަކު އޭނާގެ ހިތާއި ހަށިގަނޑުގައި އަޅަމުންދިޔައީ ކެތްވާވަރުގެ ވޭނެއް ނޫނެވެ. ސިކުނޑިއަށް ލުޔެއް ހޯދައިލުމަށްޓަކައި ކަރުނަތައް މިނިވަންކޮށްލަން އޭނާ ބޭނުންވި އެވެ. އަދި ހޮސްޕިޓަލުގެ އެ މާހައުލަކީ އެކަމަށް އެންމެ މުނާސަބު މާހައުލުކަމުގައި އޭނާއަށް ވިސްނުނެވެ. އެފަދަ ކަމަކާމެދު އޭނާއާ ސުވާލުކުރާނޭ މީހަކު އެތާކު ނުހުންނާނެތާ އެވެ؟
މައިރާގެ ފިޔަވަޅުތަކުގެ އަޑު އެކީ އޮބިގެން ދިޔުމާއެކު އިވާން ދެއަތުގެ ތެރޭގައި މޫނު ފޮރުވައިލަމުން ކަކުލުގައި އުޅަނބޮށި އަޅުވައިލި އެވެ. އިސާހިތަކު، ފަޅުކޮށް އޮތް ލޮބީގެ ތެރެއަށް ފާއްދައިލީ އޭނާގެ ގިސްލުމުގެ އަޑެވެ.
- ނުނިމޭ -
ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ