ސިވިލް ސާވަންޓުން ގިނައިރު ވަންދެން ކޮފީގައި ތިބޭތީ، އެކަމަށް ފިޔަވަޅު އަޅަން ބޭނުން: ސީއެސްސީ

ސިވިލް ސާވަންޓުން ގިނައިރު ވަންދެން ކޮފީގައި ތިބޭ މައްސަލައިގައި ފިިޔަވަޅު އަޅަން ބޭނުންވާ ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުޙައްމަދު މުޖުތާޒު ވިދާޅުވެއްޖެއެވެ. މުޖުތާޒު މިގޮތަށް ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ނާޒިމް ވަނީ ސިވިލް ސާވަންޓުން ޑިއުޓީ ގަޑީގައި ކޮފީތަކަށް އަރާފައި ގިނަ ވަގުތު ހޭދަކުރާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިއީ މުވައްޒަފުންގެ ސުލޫކީ މިންގަނޑާއި ޚިލާފު ކަމެއްތޯ ނާޒިމް ސުވާލު އުފެއްދެވިއެވެ. އަދި މިކަމުން ސިވިލް ސާވިސް ޚިދުމަތުގެ ފެންވަރަށް ކުރާނެ އަސަރާ ބެހޭގޮތުން ވެސް ސުވާލު ކުރައްވާފައިވެއެވެ. ނާޒިމަށް ޖަވާބުދެއްވަމުން މުޖުތާޒު ވިދާޅުވީ ސަރުކާރު ހިންގުމުގެ މައި ހުންގާނަކީ ސިވިލް ސާވަންޓުން ކަމަށެވެ. އެހެންކަމުން ސިވިލް ސާވަންޓުން ޑިއުޓީ ގަޑީގައި ގިނައިރު ކޮފީގައި ތިބުމަކީ އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. އެހެން ނަމަވެސް މިގޮތަށް އަމަލުކުރަނީ ހަމައެކަނި ސިވިލް ސާވަންޓުން އެކަނި ނޫންކަމަށް މުޖުތާޒުގެ ވާހަކައިގައި ފާހަގަކުރައްވާފައިވެއެވެ. މުޖުތާޒު ވިދާޅުވިގޮތުގައި ސިވިލް ސާވަންޓުންނެކޭ އެއްގޮތަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވެސް ޑިއުޓީ ގަޑީގައި ކޮފީގައި އުޅޭ މަންޒަރު އޭނާއަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ކަންކަން ކުރިން ސިވިލް ސާވަންޓުން ކިބައިން ފާހަގަނުވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ޒަމާނަށް އަންނަ ބަދަލާއެކު މިހާރުގެ މުވައްޒަފުންގެ ކިބައިން ނޭދެވޭ 'ކޮފީ ކަލްޗާ' އެއް ފެންނަ ކަން އޭނާ ފާހަގަކުރެއްވިއެވެ. ވެލާނާގެ ދޮރާށި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން މުޖުތާޒު ވިދާޅުވީ މިކަމަށް އޮތް ހައްލަކީ ރަނގަޅު މޮނީޓަރިން މެކޭނިޒަމެއް ގާއިމުވެފައި އޮތުން ކަމަށެވެ. އެކަމަށް ޓަކައި މިހާރު ވެސް ރަނގަޅު މަސައްކަތްތަކެއް ކޮމިޝަނުން ކުރަމުންދާ ކަމަށް އޭނާ މައުލޫމާތުދެއްވިއެވެ. "އެކަންތައްވެސް އަޅުގަނޑުމެންނަށް މޮނީޓާ ކުރެވޭނީ ރަނގަޅު މެކޭނިޒަމެއްގެ ތެރެއިން ހަމަ ގާއިމުކުރެވިގެންކަން އަޅުގަނޑަށް ބޮޑަށް ގަބޫލުކުރެވެނީ. މަޖިލީހުގެ ނައިބު ރައީސް ތި ކުރެއްވި ސުވާލަކީ ރަނގަޅު ސުވާލެއް. އެކަން މޮނީޓާކޮށް ބަލައި، އެކަންތަކުގެ ތެރޭގައި ހެެދެން އޮތް ފިޔަވަޅުތައް އަޅަން އަޅުގަނޑުމެން ބޭނުންވޭ،" މުޖުތާޒު ވިދާޅުވިއެވެ. މި ކޮމިޓީގައި ވާހަކަދެއްކެވި ކޮމިޝަންގެ މެންބަރު ޑރ. ދީބާ މޫސާ ވަނީ މިއީ މުވައްޒަފުންނަށް އެތިކްސް ޓްރެއިނިން ލިބެންޖެހޭ ކަމެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ސިވިލް ސާވަންޓުންގެ ބަޖެޓަށް ކޮންމެ އަހަރެއްގައި ވެސް ކަނޑައަޅާފައިވަނީ ތިން ލައްކަ ރުފިޔާ ކަމަށް ދީބާ ވިދާޅުވެފައިވެއެވެ. ދީބާ ވިދާޅުވީ މީގެ ތެރެއިން މުވައްޒަފުންގެ ޓްރެއިނިންއަށް ކަނޑައަޅާފައިވަނީ ވަރަށް މަދު އަދަދެއް ކަމަށެވެ. އޭގެ ސަބަބުން ސިވިލް ސާވަންޓުންނަށް އެތިކްސް ޓްރެއިނިން ބޭއްވުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށް ދީބާ ވިދާޅުވިއެވެ. ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަށް ދާދި ފަހުން އަމަލުކުރަން ފަށާފައިވެއެވެ. އެހެން ނަމަވެސް ސިވިލް ސާވަންޓުން އާންމުންނަށް ދޭ ޚިދުމަތުުގެ ފެންވަރު ދަށްވެފައި، ލަސްކަމަށް ބުނެ ވަރަށް ގިނަ އާންމުންގެ ފާޑުކިޔުންތައް ސިވިލް ސާވަންޓުންނަށް އަމާޒުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ