ގެދޮރުވެރިކަމަށް ފައިސާ ދެވޭނީ ޒިންމާދާރުކަމާ އެކު ފައިސާ އަނބުރާ ދެއްކުމުން: ޝަރީފް

ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމަށް ފައިސާ ދޫކުރުމުގެ އިންތިޒާމުތައް ކާމިޔާބުކަމާއި ދެމެހެއްޓެނިވިކަމާ އެކު ކުރިއަށްގެންދެވޭނީ އެ މަޝްރޫއުތަކުން ފައިސާ ލިބޭ މީހުން ޒިންމާދާރުކަމާ އެކު ފައިސާ އަނބުރާ ދެއްކުމުގެ މައްޗަށް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އަދި މޭނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޝަރީފް މިހެން ވިދާޅުވީ 'ހިޔާވެހި ފައިންނޭންސިން ސްކީމު'ގެ މަޝްރޫއުތައް އެޕްރޫވް ކުރުމުގެ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ.
ބުނީ ކީކޭ؟ - ޝަރީފް ވިދާޅުވީ 'ހިޔާވެހި ފައިންނޭންސިން ސްކީމަ'ކީ ހިލޭ އެހީގެ ސްކީމެއްގެ ބަދަލުގައި ފައިނޭންސިން ސްކީމެކެވެ. އެހެންކަމުން، ކޮންމެ މީހަކު ވެސް އެ މީހެއްގެ ލޯނު އަނބުރާ ދެއްކުމުގެ ޒިންމާ ގަވާއިދުން އަދި ވަގުތަށް އަދާކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
ޝަރީފް ވިދާޅުވީ ހިޔާވެހި ސްކީމާއި އެފަދަ އެހެން ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގެ ކާމިޔާބުކަމާއި ދެމެހެއްޓެނިވިކަން ބިނާވެގެންދާނީ ޒިންމާދާރުކަމާއެކީ އަނބުރާ ފައިސާ ދެއްކުމުގެ މައްޗަށް ކަމަށެވެ. މިފަދަ މުހިންމު ސްކީމްތަކުން ފައިސާ ލިބޭ ފަރާތްތަކުން އެ މީހުންގެ މާލީ ޒިންމާ އަދާނުކޮށްފި ނަމަ، މުޅި ސްކީމަށް ދަތިތަކާ ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ފައިސާ ދެއްކުމުގެ ޕާފޯމަންސް ދަށްވެއްޖެ ނަމަ، މުސްތަގުބަލުގައި މިފަދަ ސްކީމްތައް ކުޑަ ރޭޓްތަކުގައި ލުއި ޝަރުތުތަކާ އެކު ނުހިންގި ހިނގައިދާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"ބޭންކިންގެ ނިޒާމް ހިނގާގޮތުން ބޭންކުތަކުން ދޫކުރާ ފައިނޭންސިންގެ ރޭޓްތަކާއި ޝަރުތައް ކަނޑައެޅިގެންދަނީ ބޭންކަށް އޮންނަ ރިސްކްގެ ކުޑަބޮޑުމިނަށް ބަލާފައި،" އޭނާ ވިދާޅުވި އެވެ.
"މިފަދަ ރަނގަޅު މަޝްރޫއުތައް ދެމެހެއްޓުމުގައި ފައިނޭންސް ލިބޭ ފަރާތްތަކުގެ މުހިންމު ޒިންމާއެއް ވެސް އެބައޮތް. ކަސްޓަމަރުންނަށް ބޭންކުން ދޫކުރެވޭ ފައިނޭންސަށް ބަރާބަރަށް ފައިސާ ދެއްކުމުން، މިފަދަ އިތުރު މަޝްރޫއުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް އެހީތެރިވުމުގެ ފުރުސަތު ބޭންކަށް ފަހިވޭ."
އެނގުން މުހިންމު - ސަރުކާރުން ސަބްސިޑީ ދީގެން ހިންގާ ހިޔާވެހި ފައިނޭންސިން ސްކީމަކީ ގެދޮރު އިމާރާތް ކުރުމަށް ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓު ކަމަށްވާ %5ގެ ރޭޓުގައި ފައިނޭންސިން ދޫކުރުމަށް ފަރުމާކޮށްފައިވާ ސްކީމެކެވެ.
ތަފްސީލް - މި ސްކީމުގެ ދަށުން:
ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރަށް ދުވަހަށް ބަހާލެވޭ؛ 18 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމަނައިގެން
އިކުއިޓީގެ ގޮތުގައި ހަމަޖައްސަންޖެހޭ %20 ކަސްޓަމަރަށް ނުވަތަ ސަރުކާރު މެދުވެރިކޮށް ވެސް ހަމަޖެއްސޭނެ
އިމާރާތް ކުރާ ތަން ފިޔަވާ އިތުރު ރަހުނެއް ބޭނުމެއް ނުވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ