ލަންކާއަށް އެހީވުމަށް ދިވެހިން 11 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެއްކޮށްފި

ތޫފާން 'ދިތުވާ'ގެ ސަބަބުން ހާލުގައި ޖެހިފައިވާ ސްރީ ލަންކާގެ މީހުންނަށް އެހީވުމަށް، ދިވެހި މީޑިއާތަކުން ފެށި ޓެލެތޯން 11 މިލިއަނަށް ވުރެ ގިނަ ރުފިޔާއާ އެކު މިއަދު ނިންމާލައިފި އެވެ.
ވީ ކިހިނެއް؟ - ޕީއެސްއެމްއެމުން އިސް ނަގައިގެން އިއްޔެ ފެށި މި ޓެލެތޯނުގައި، އާއްމުންގެ ގިނަ ބަޔަކާއި އެކި ކުންފުނިތަކާއި އިދާރާތަކުން ގިނަ އަދަދެއްގެ ފައިސާ ހަދިޔާކޮށްފައިވެ އެވެ. އެގޮތުން:
ދިވެހި ފައިސާގެ ގޮތުގައި 10.8 މިލިޔަން ރުފިޔާ ލިބުނު
ޑޮލަރުގެ ގޮތުގައި 43،600 ލިބުނު
ތަފްސީލް - ޓެލެތޯނުގެ ދަށުން ފައިސާ އެއްކުރުމަށް މާލޭ ސަރަހައްދުގެ އެކި ތަންތަނުގައި ފަންޑުފޮށިތައް ވަނީ ބަހައްޓާފަ އެވެ. މި ފޮށިތައް އަދި ނުގުނަ އެވެ. އެހެންވެ، ޖުމްލަ ފައިސާގެ އަދަދު މިއަށް ވުރެ ބޮޑުވާނެ ކަމަށް ލަފާ ކުރެވެ އެވެ.
މި ޓެލެތޯނު އިއްޔެ ހެނދުނު ފެށީ ރޭ މެންދަމު ނިންމާލާ ގޮތަށް ނަމަވެސް، އެހީވުމުގެ ފުރުސަތު ގިނަ ބަޔަކަށް ދިނުމުގެ ގޮތުން މިއަދު މެންދުރު ފަހާ ހަމައަށް ދިގު ދަންމާލީ އެވެ.
އެނގުން މުހިންމު - ލަންކާއަށް އެރި ބާރުގަދަ ތޫފާނުގައި މިހާތަނަށް 334 މީހަކު މަރުވެ، 228 މީހަކު ގެއްލިފައިވާ ކަމަށް އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ)ން މިއަދު ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ