މަސްލަހަތު ގެއްލޭ ކަމެއް ނުކުރުމަށް ނަސޭހަތްތެރިވެ، ގައުމީ މަޖިލީހުގެ ޖަލްސާއެއް އަލުން ބާއްވަން ޝާހިދު ލަފާ ދެއްވައިފި މަސްލަހަތު ގެއްލޭ ކަމެއް ނުކުރުމަށް ނަސޭހަތްތެރިވެ، ގައުމީ މަޖިލީހުގެ ޖަލްސާއެއް އަލުން ބާއްވަން ޝާހިދު ލަފާ ދެއްވައިފި

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވުމަށް ބޭއްވި ޖަލްސާ ހޫނުވެ ބައްދަލުވުން ހުއްޓާލަން ޖެހުމުން، ގައުމީ މަޖިލީހުގެ އިތުރު ޖަލްސާއެއް ބާއްވަން ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ލަފާ ދީފި އެވެ.
އެންމެ ފަހުން ހުކުރު ދުވަހު ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާ ހޫނުވީ އަބްދުﷲ ވަހީދު (ދިއްދޫ ވައްޑެ) ޗެއާޕާސަންގެ މަގާމަށް ހޮވުނުކަން ރިޔާސަތުން އިއުލާނު ކުރުމަށްފަހު، އެ ނިންމުން ފަހުން ބަދަލު ކުރުމުންނެވެ.
"ގައުމީ މަޖިލީހުގެ ޖަލްސާ ކުރިއަށްގެންދިޔުމުގެ ކަންކަން އިންތިޒާމް ކުރުމަށްފަހު އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އަޅުގަނޑު މަޝްވަރާ އަރުވަން،" ޗެއާޕާސަންގެ ނައިބަށް ފޮނުއްވި ސިޓީއެއްގައި ޝާހިދު ވިދާޅުވެފައިވެ އެވެ.
"މި ދަނޑިވަޅަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވަރަށް ކައިރިވެފައިވާ ދަނޑިވަޅެއްކަމުން، ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލޭ ފަދަ ގޮތަކަށް އަމަލު ނުކުރެއްވުމަށާއި އެފަދަ ފުރުސަތެއް އެއްވެސް ފަރާތަކަށް ނުދެއްވުމަށް ވެސް އަޅުގަނޑު އިހުލާސްތެރިކަމާއެކު އެދެން."
ހުކުރު ދުވަހު ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި އަބްދުﷲ ވަހީދަށް ލިބުނީ 47 ވޯޓެވެ. ރިޔާސަތު ހިމަނައިގެން ގައުމީ މަޖިލީހުގައި ބައިވެރިވީ 96 މެންބަރުންނެވެ. އެހެންކަމުން މަގާމަށް ހޮވުމަށް އެންމެ މަދުވެގެން 48 ވޯޓު ބޭނުންވާނެ އެވެ. އެ ދުވަހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (މަދަނަ އިބުރޭ) އެވެ.
ގައުމީ މަޖިލީހުގެ މަސްލަހަތު ގެއްލުނީ އިބްރާހިމް ވަހީދު ކަންތައް ކުރެއްވި ގޮތުގެ ސަބަބުން ކަމަށް ވެސް ޝާހިދުގެ ސިޓީގައި ފާހަގަ ކުރެއްވި އެވެ.
"ރިޔާސަތުން ދެފަހަރު ދެ ގޮތަކަށް އަމަލު ކުރެއްވުމުގެ ސަބަބުން އެރޭގެ ޖަލްސާގެ ނިޒާމު ގެއްލި ހަމަނުޖެހުމަކަށް ދިޔަކަން ފާހަގަ ކުރެވޭ،" ޝާހިދު ވިދާޅުވެފައިވެ އެވެ.
އެ ޖަލްސާއަށް ފަހު އޭނާ ވަގުތީ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެފައިވާ ކަމަށް އަބްދުﷲ ވަހީދު އިއުލާނު ކުރެއްވި އެވެ. ނަމަވެސް ޕާޓީގެ ރައީސް ޝާހިދަށް ފަހުން ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ޖަލްސާގައި ކަންތައް ހިނގައިދިޔަ ގޮތުން މަސްލަހަތަށްޓަކައި އޭނާ މަގާމުން އިސްތިއުފާ ދީފައިވާ ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވަމުން ގެންދެވި ކުރީގެ އިގްތިސާދީ މިނިސްޓަރު ފައްޔާޒް އިސްމާއިލް އެ މަގާމުން މިދިޔަ އާދީއްތަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. ފައްޔާޒް މަގާމުން އިސްތިއުފާ ދެއްވީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ