ލަންކާއަށް އެހީވުމަށް ވިލާ ގްރޫޕުން 100،000 ޑޮލަރު ހަދިޔާކޮށްފި

ތޫފާން 'ދިތުވާ'ގެ ސަބަބުން ހާލުގައި ޖެހިފައިވާ ސްރީ ލަންކާގެ ރައްޔިތުންނަށް އެހީވުމަށާއި އެ ގައުމު އަލުން އާރާސްތުކުރުމަށް އެހީވުމަށް ވިލާ ގްރޫޕުގެ ފަރާތުން 100،000 ޑޮލަރު ހަދިޔާ ކޮށްފި އެވެ.
ވީ ކިހިނެއް؟ - ވިލާ ޝިޕިން އެންޑް ޓްރޭޑިން ކުންފުނީގެ ފަރާތުން މި އެހީ ހަވާލުކޮށްދެއްވީ ސީއީއޯ އިބްރާހިމް ސިޔާދު ގާސިމް އެވެ. ލަންކާގެ ހައި ކޮމިޝަންގެ ފަރާތުން އެހީއާ ހަވާލުވެވަޑައިގަތީ ހައި ކޮމިޝަނަރު މުހައްމަދު ރިޒްވީ ހަސަން އެވެ،
ތަފްސީލް - އަވައްޓެރި ލަންކާއަށް ކުރިމަތިވެފައިވާ ކާރިސާ އިން އަރައިގަތުމަށް އެހީތެރިވުމަށް ރާއްޖޭގެ އެކި ވިޔަފާރިވެރިންނާއި ވިޔަފާރިތަކުން އަދި ކުންފުނިތަކުން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
މީގެ އިތުރުން، ޕީއެސްއެމް އިން އިސްނަގައިގެން، ދިވެހި މީޑިއާތަކުން ކުރިއަށް ގެންދިޔަ ޓެލެތޯނުން ވެސް 11 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ.
އިއްޔެ ފެށި މި ޓެލެތޯނުގައި، އާއްމުންގެ ގިނަ ބަޔަކާއި އެކި ކުންފުނިތަކާއި އިދާރާތަކުން ގިނަ އަދަދެއްގެ ފައިސާ ހަދިޔާކޮށްފައިވެ އެވެ. އެގޮތުން:
ދިވެހި ފައިސާގެ ގޮތުގައި 10.8 މިލިޔަން ރުފިޔާ ލިބުނު
ޑޮލަރުގެ ގޮތުގައި 43،600 ލިބުނު
ޓެލެތޯނުގެ ދަށުން ފައިސާ އެއްކުރުމަށް މާލޭ ސަރަހައްދުގެ އެކި ތަންތަނުގައި ފަންޑުފޮށިތައް ވަނީ ބަހައްޓާފަ އެވެ. މި ފޮށިތައް އަދި ނުގުނަ އެވެ. އެހެންވެ، ޖުމްލަ ފައިސާގެ އަދަދު މިއަށް ވުރެ ބޮޑުވާނެ ކަމަށް ލަފާ ކުރެވެ އެވެ.
އެނގުން މުހިންމު - ލަންކާއަށް އެރި ބާރުގަދަ ތޫފާނުގައި މިހާތަނަށް 334 މީހަކު މަރުވެ، 228 މީހަކު ގެއްލިފައިވާ ކަމަށް އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ)ން މިއަދު ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ