ކައުންސިލަރުންގެ އަދަދު މަދު ކުރާ އިސްލާހު ތަސްދީގުކޮށްފި

ކައުންސިލަރުންގެ އަދަދު މަދު ކުރުމަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައި މިދިޔަ ހަފްތާގައި ފާސް ކުރި އިސްލާހު ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - މީގެ ދެ ހަފްތާ ކުރިން، ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެވެ. އަދި ކޮމިޓީ މަރުހަލާގައި ބައެއް ބަދަލުތައް ގެނެސް، މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި 54 މެންބަރުންގެ ވޯޓާ އެކު އެ ބިލު ފާސް ކުރި އެވެ.
ތަފްސީލު - ރައީސް އޮފީހުން ބުނި ގޮތުގައި، އެ ބިލު މިއަދުގެ ވަގުތެއްގައި ރައީސް މުއިއްޒު ވަނީ ތަސްދީގު ކުރައްވާފަ އެވެ. 
ބިލު ތަސްދީގު ކުރެއްވުމާ އެކު ބިލުން އަންނަ އިސްލާހުތައް ލާމަރުކަޒީ ގާނޫނުގައި މިހާރު ހިމެނުނީ އެވެ. އަދި މިއަދުން ފެށިގެން އެ ބަދަލުތަކަށް އަމަލު ކުރަން ފެށުނީ އެވެ.
މި އިސްލާހުން ކައުންސިލަރުންގެ އަދަދާ ގުޅޭ ގޮތުން އަންނާނެ ބަދަލުތައް:
2،000 އިން ކުޑަ އާބާދީތަކުގެ ރަށްތަކުގައި ދެން އިންތިހާބު ކުރާނީ ފަސް ކައުންސިލަރުންގެ ބަދަލުގައި ތިން ކައުންސިލަރުން
2،000 އިން މަތީގެ އާބާދީތަކުގެ ރަށްތަކުގައި ދެން އިންތިހާބު ކުރާނީ ހަތް ކައުންސިލަރުންގެ ބަދަލުގައި ފަސް ކައުންސިލަރުން
މާލެ ސިޓީ ކައުންސިލަށް ދެން އިންތިހާބު ކުރާނީ، މަޖިލީހުގައި މާލޭ ދާއިރާތަކުގެ މެންބަރުން ތިބޭ ނިސްބަތަށް؛ މިހާރު އޮތް 20 ވަނަ މަޖިލީގައި ތިބެނީ މާލޭގެ 16 މެންބަރުން
ފުވައްމުލައް ސިޓީ ކައުންސިލަށް ދެން އިންތިހާބު ކުރާނީ ހަތް ކައުންސިލަރުންގެ ބަދަލުގައި ނުވަ ކައުންސިލަރުން
މި ބިލު އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅިއިރު، އައްޑޫ ކައުންސިލަރުންގެ އަދަދު މަދުވެ އެވެ. އެހެންެވެ ކޮމިޓީ މަރުހަލާގައި އައްޑޫ ކައުންސިލަރުންގެ އަދަދު މަދު ނުވާނެ ގޮތަށް އިސްލާހުކޮށްފައިވެ އެވެ. ކޮމިޓީން ނިންމާފައިވާ ގޮތުން އައްޑޫ ސިޓީ ކައުންސިލަށް އިންތިހާބު ކުރާނީ މޭޔަރާ އެކު 11 ކައުންސިލަރުންނެވެ.
ގުޅޫން ހުރި - ކައުންސިލަރުން އިންތިހާބުވިއިރު ހުރިި ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އަމިއްލައަށް އެ ޕާޓީން ވަކިވެއްޖެ ނަމަ މަގާމު ގެއްލޭ ގޮތަށް މިދިޔަ 19 ވަނަ މަޖިލީހުގައި ފާސްކޮށް އަމަލު ކުރަން ފަށާފައިވާ އެންޓި-ޑިފެކްޝަން ގާނޫނުގައި އޮތީ ހިމަނާފައިވެ އެވެ. ކޮމިޓީން ބިލަށް ގެނައި ބަދަލުތަކުގެ ތެރޭގައި އެގޮތަށް ޕާޓީ ބަދަލުކޮށްފި ނަމަ، ނުވަތަ ޕާޓީން އަމިއްލައަށް ވަކިވެއްޖެ ނަމަ އޭނާގެ މަގާމު ގެއްލޭ ގޮތަށް ހިމަނާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ