ފެނަކަ ބްރާންޗުތަކުގައި ކެމެރާ ހަރުކުރުމުގެ ނަމުގައި ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުވާ ދެމީހަކަށް ދައުވާކޮށްފި
ފެނަކައިގެ ބްރާންޗްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރުމުގައި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށް، ކޮރަޕްޝަންގެ އަމަލުތައް ހިންގިކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ކުރީގެ ޑެޕިއުޓީ ޑިރެކްޓަރު މަރިޔަމް ދީނާ ޞާލިޙަށާއި އައިޓީ ޑިޕާޓްމަންޓްގެ ކުރީގެ ހެޑު އިސްމާޢީލް ޝަމްޢޫންގެ މައްޗަށް ދައުވާކުރަން މިއަދު ފޮނުވައިފިއެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، މި ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ފޮނުވީ ދީނާއާއި ޝަމްޢޫން ޖޫން 25، 2018ގައި ފެނަކައިގެ ހުރިހާ ބްރާންޗްތަކުގައި ސެކިއުރިޓީ ކެމެރާ ސިސްޓަމަކާއި، ހެޑް އޮފީހުގައި ކޮމާންޑު ސެންޓަރަކާއި، ވީޑިއޯ ކޮންފަރެންސިން ސިސްޓަމް ގާއިމުގެ މަސައްކަތް ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކުންފުންޏަކާ ހަވާލުކުރުމުގައި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. މީގެ އިތުރުން ކެއިރެޓްސޫން ފެނަކައަށް ލިބެންޖެހޭ މުދާ ހަމައަށް ނުލިބެނީސް އެ މުދަލަށްވާ ފައިސާ ފެނަކައަށް ލިބިދިނުމުގައި ދެ މީހުންގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމަށްވެސް ދައުލަތުން އުފުލި ދައުވާގައިވެއެވެ. މި ދައުވާތަކުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލުގައި ބަންދުކުރުމެވެ. ފާހަގަކުރެވޭ ގޮތުގައި މިދިޔަ ސަރުކާރުގައި ފެނަކައިން އެކި ކުންފުނިތަކަށް ދަރާފައިވާ އަދަދުތަކަށް ފައިސާ ދައްކާ ޚަލާސްކުރުމުގެ މަސައްކަތް އަދިވެސް ނުނިމެއެވެ. ފައިސާ ނުދެއްކުމުގެ މައްސަލަތަކުގައި ކޮރަޕްޝަންގެ މައްސަލަތައް ބޮޑުވެފައިވާ ފެނަކައާ ދެކޮޅަށް މިހާރުވެސް ކުންފުނިތަކުން ކޯޓަށް މައްސަލަ ހުށަހަޅަމުންދެއެވެ. ފެނަކައާ ގުޅޭ ގޮތުން އޮޑިޓް އޮފީހުން މިދިޔަ ސެޕްޓެމްބަރު މަހުގެ 25ވަނަ ދުވަހުގެރޭ ވަނީ ޚާއްސަ އޮޑިޓް ރިޕޯޓެއް އާންމުކޮށްފައެވެ. އެ އޮޑިޓުން ކުންފުނި ބޮއްސުންލާފައި އޮތް މިންވަރު ހާމަވާއިރު، ކޮރަޕްޝަންގެ ތުހުމަތުވާ ގިނަ ކަންތައްތަކެއް ވަނީ ފެންމަތިވެފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ފެނަކައަކީ އަބަދު ވެސް ސިޔާސީ ބޭނުމަށް ބޭނުންކުރާކަމުގެ ތުހުމަތު އެންމެ ބޮޑަށް އަމާޒުވާ ކުންފުންޏެވެ. ކޮރަޕްޝަންގެ ދައުވާއެއްގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދަށް ކްރިމިނަލް ކޯޓުން ހަތަރު އަހަރުގެ ޖަލު ހުކުމެއް ވެސް މި ފަހުން ވަނީ އިއްވާފައެވެ. އޭނާއާ ގުޅޭ އިތުރު މައްސަލަތަކެއް ވެސް އަންނަނީ ބަލަމުންނެވެ. އެކަމަކު، ތުހުމަތުތަކަށް އޭނާ އިންކާރުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ