ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އަހުމަދު ނާޒިމް ވަކި ކުރުމަށް ބޭނުންވާ ސޮއި ކުރުމަށްފަހު އޭނާ ނިސްބަވްވެވަޑައިގަންނަވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވައްދައިފި އެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކި ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ފުލުހުން ވަނީ އޭނާއާ ގުޅޭ އިންޓެލިޖެންސް ރިޕޯޓެއް އެކުލަވާލައިފަ އެވެ. އަދި ޕީއެންސީގެ މަޖިލިސް މެންބަރުން މުއާމަލާތް ކުރަން ހަދާފައި އޮންނަ ވަޓްސްއެޕް ގްރޫޕުން އޭނާ އިއްޔެ ވަނީ ބޭރުކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މުހިންމު ދެ ކޮމިޓީއަކުން ވެސް ނާޒިމް ވަނީ ބޭރުކޮށްފަ އެވެ. އެއީ ގައުމީ ސަލާމަތާ ގުޅޭ ކަންކަން ބަލާ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ އެވެ.
ނާޒިމްގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަކީ ކޮބައިކަމެއް އަދި މި ނޫހަކަށް ނޭނގެ އެވެ. އެކަމަކު، މަސްދަރުތަކުން ބުނީ ނާޒިމްގެ މައްޗަށް ފުލުހުން ކުރަނީ ވަރަށް ސީރިއަސް ޖިނާއީ ތުހުމަތުތަކެއް ކަމަށެވެ.
މަޖިލީހުގެ ނައިބު ރައީސް ނާޒިމްއަކީ ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ސިޔާސީ ބޭފުޅާ އެވެ. މީގެ ކުރިން 2009 އިން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ވެސް މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ނާޒިމް ހުންނެވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއެކު ވެސް ނާޒިމް ވަރަށް ގާތުން މަސައްކަތް ކުރެއްވި އެވެ. ޔާމީންގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީ ޕީޕަލްސް އެލަޔަންސްގެ އިސް ރޯލުތަކެއް ވެސް ނާޒިމް އަދާ ކުރެއްވި އެވެ.
ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން ޖެހުނު ސިޔާސީ މައްސަލައެއްގައި 2015 ވަނަ އަހަރު މަކަރާއި ހީލަތުގެ ކުށް ސާބިތުކޮށް އޭނާ 25 އަހަރަށް ޖަލަށްލި އެވެ. ހަމަ އެ އަހަރު، ބޭސްފަރުވާ ކުރުމުގެ ހުއްދައެއްގެ ދަށުން ސިންގަޕޫރަށް ފުރާވަޑައިގަތުމަށްފަހު އިނގިރޭސިވިލާތުގެ ސިޔާސީ ހިމާޔަތް އޭނާ ހޯއްދެވި އެވެ.
ނާޒިމް އެނބުރި ދިވެހިރާއްޖެއަށް ވަޑައިގަތީ އޭނާގެ މައްޗަށް ކޮށްފައި އޮތް ހުކުމް 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން ބާތިލް ކުރުމުންނެވެ.
ނާޒިމް ވަކި ކުރުމުގެ ގަރާރަށް ވެރިކަން ހިންގާ ޕާޓީ އިން ސޮއި ހަމަ ކުރުމަށްފަހު މަޖިލީހަށް ވައްދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ