ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 297 މީހުން ޝަހީދު، އަދަދު 18،000 އަށް

ޒަޔަނިސްޓު އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ޣައްޒާއަށް ބޮންއަޅައި، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 297 މީހުން ޝަހީދު ކޮށްލައިފިއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލް ޤުދްރާ ވިދާޅުވީ، އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ޣައްޒާއަށް ބޮންއަޅައި އަދި އެއްގަމު މަގުން ހިންގަމުންގެންދާ އޮޕަރޭޝަންގައި، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 297 މީހުން ޝހީދު ކޮށްލުމުގެ އިތުރުން، އެ މުއްދަތުގެ ތެރޭގައި އިތުރު 550 މީހުން ޒަޚަމް ކޮށްލާފައިވާ ކަމަށެވެ.
މިއާއެކު، އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޒަޔަނިސްޓު ޓެރަރިސްޓުން ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ އަދަދު މިހާރުވަނީ 18،000 އަށް އަރާފައެވެ. އަދި ޒަޚަމްވި މީހުންގެ އަދަދުވަނީ 49،500 އަށް އަރާފައެވެ.
އިސްރާއީލުން ހިންގާ ޓެރަރިޒަމާއި، އުދުވާނާހެދި ޣައްޒާގެ އުތުރާއި، މެދުތެރެއިން އެތައްހާސް ބަޔަކުވަނީ، ގެދޮރު ދޫކޮށް، ރެފިއުޖީންގެ ގޮތުގައި ޣައްޒާގެ ދެކުނަށް ހިޖުރަކޮށްފައެވެ.
އެހެން ނަމަވެސް، ޣައްޒާގެ ދެކުނުގެ ރަށްތަކަށްވެސް ޓެރަރިސްޓުން ކެނޑިނޭޅި ބޮންއަޅަމުން ގެންދިއުމާއި، އުޅޭނެ ތަނެއް ނެތުމާއި، ކާނާއާއި ބޯފެން ފޮދެއްވެސް ލިބޭނޭގޮތެއްނެތި، އިންސާނީ އެހީ ލިބޭނޭފަދަވެސް ނެތި ކުޑަކުދިންނާއި އާންމުން މަރުވަމުންދާ ކަމުގެ ރިޕޯޓްތައް އދއިންވެސް އާންމުކޮށްފައި ވެއެވެ.
ޣައްޒާގެ ދެކުނަށް ދިއުމަށް ޓެރަރިސްޓުން އެންގުމުން، ދެކުނަށް ދިޔަ މަގުމަތީގައި އެތައްސަތޭކަ ބަޔަކަށް ހަމަލާދީ ޝަހީދުކޮށްލާފައި ވާއިރު، ޚާން ޔޫނިސްއަށް ދިޔަމީހުން ސަލާމަތް ހޯދައިގެން ތިބި ތަންތަނަށްވެސް ބޮންއަޅައިވެސް އެތައްބަޔަކު ޝަހީދު ކޮށްލާފައި ވެއެވެ.
ޚާން ޔޫނިއަސްއަށް އިސްރާއީލުން މިހާރުވެސް ގެންދަނީ ކެނޑިނޭޅި ބޮންއަޅަމުންނެވެ. އަދި ގެންދަނީ ޚާން ޔޫނިސްއިންވެސް ނުކުމެގެން ދިއުމަށް އަމުރު ކުރަމުންނެވެ.
ފަލަސްތީނު ރެފިއުޖީންނާބެހޭ އދގެ އޭޖެންސީން ބުނެފައިވަނީ، ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރަން ޝަރުތުތައް ކުރިމަތިކޮށް، އިސްރާއީލުން އެހީ ހުއްޓުވާފައިވާ ކަމަށެވެ.
އދގެ އޭޖެންސީގެ ވެރިޔާ ފިލިޕޭ ލަޒަރީނީ ވިދާޅުވީ، އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ހަތިޔާރަކަށް ކާބޯތަކެއްޗާއި، ބޯފެނާއި އަދި ތެޔޮ ހަދަމުންގެންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ