ސަރުކާރުގެ ޓެކްސީ ލައިން މެދުވެރިކޮށް މިހާރު އެވްރެޖްކޮށް 8.4 މިނެޓް ތެރޭ ޓެކްސީ ލިބޭ ކަމަށާއި އެ ހިދުމަތުގެ މޯބައިލް އެޕްލިކޭޝަން އަންނަ ހަފުތާގެ ތެރޭގައި ލިބުމުން އިތުރަށް ފަސޭހަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޓެކްސީ ލައިނާ ގުޅޭގޮތުން ގިނަ ކަންބޮޑުވުންތަކެއް ހުރި ކަމަށް ބުނެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ ޓެކްސީ ލައިން އެޕްލިކޭޝަން މިހާރު އެޕަލް ސްޓޯރުން އެޕްރޫވްކޮށްފައިވާ ކަމަށެވެ.
ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެޕަލް ފޯނު އަދި އެންޑްރޮއިޑް ގެންގުޅޭ ފަރާތްތަކަށް ވެސް އެޕް ސްޓޯރުން އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޓީސީސީގެ ތަފާސްހިސާބާ ހަވާލާދީ މިނިސްޓަރު ވިދާޅުވީ ޓެކްސީއަކަށް އެދި ގުޅާ ހިސާބުން ފެށިގެން ކާރު ލިބުމާ ހަމައަށް އެވްރެޖްކޮށް ހޭދަވަނީ 8.4 މިނެޓު ކަމަށެވެ. ކޮންމެ ދަތުރެއްގެ ދިގުމިން އެވްރެޖްކޮށް 12.2 މިނެޓުގައި އުޅޭއިރު، ހިދުމަތަށް އޮތް ޑިމާންޑް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ މަހު 13 އިން 18 އަށް އެކަނިވެސް 11,128 ދަތުރު ކޮށްފައިވާ ކަމަށާއި ވެބް އެޕްލިކޭޝަން ލޯންޗުކުރި ފަހުން މިދިޔަ މަހު 18 އިން މި މަހު 1 އާ ހަމައަށް 7,251 ދަތުރު ނަގާފައިވާ ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
"އެޕްލިކޭޝަނެއް މިހާރު އެޕްރޫވް ކޮށްފައި ވަނީ. އިރާދަކުރެއްވިއްޔާ މި ވީކް ތެރޭގައި ނުވަތަ މި އަންނަ ހަފްތާ ތެރޭގައި އެޕްސްޓޯރުން އެޕްލިކޭޝަން އެޕްރޫވް ވެގެން ޑައުންލޯޑް ކުރެވޭ ހިސާބަށް ދާނެ،" ސައީދު ވިދާޅުވި އެވެ.
"އެމްޓީސީސީން ބުނާ ގޮތުގައި މި ހަފްތާ ނުވަތަ އަންނަ ހަފްތާގައި އެޕްލިކޭޝަން މެދުވެރިކޮށް ފޯނުން ބުކިން ހެދޭނެ."
އެކަން ކުރަން ނިންމާފައި ވަނީ އެންމެ ފަސޭހަ ވާނެ ގޮތެއް ބަލައިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން މަސައްކަތްކުރަނީ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ ސަރުކާރު ނޫނަސް، ކޮންމެ ބަޔަކު ފެށިއަސް ރަނގަޅު ކުރަން ޖެހޭ ކަންކަން ހުންނާނެ ކަމަށެވެ.
"އެކަންތައްތައް ރަނގަޅުކުރުމުގެ މަސައްކަތްތައް މިހާރު އެ ކުރަމުންދަނީ ވުޒާރާ އާއި އެމްޓީސީސީން ގުޅިގެން. އެޕްލިކޭޝަންގެ ޒަރިއްޔާއިން ހިދުމަތް ދޭން ފެށުމުން މައްސަލަތައް މަދުވެ، ޓްރަބަލް ފްރީ ހިދުމަތެއް ލިބިގެންދާނެ،" ސައީދު ވިދާޅުވި އެވެ.
ޓެކްސީ ލައިނުން 8 މިނެޓް ތެރޭ ޓެކްސީ ލިބޭ، އަންނަ ހަފްތާގައި އެޕް ލިބޭނެ: ސައީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ