އެމްޑީޕީގެ ޗެއާސަޕާން އިންތިހާބަށް އެ ޕާޓީން ނެރުނު ޓައިމްލައިން ބާތިލު ކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ޓީމުން ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި އެވެ.
ވީ ކިހިނެއް؟ - ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ނެރުނު ޓައިމްލައިންއެއް ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު އަބްދުﷲ ޝާއިރެވެ.
ބުނީ ކީކޭ؟ - އެކަމާ ގުޅޭގޮތުން ނަޝީދުގެ ކެމްޕޭން ޓީމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އަބްދުﷲ ޝާއިރު އެ މައްސަލަ ހުށަހެޅުއްވީ އަމިއްލަ ހައިސިއްޔަތަކުން ކަމަށެވެ.
"އެމްޑީޕީގެ މައްޗަށް ދައުވާކޮށް މިއަދު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭންގެ ފަރާތުން ހުށަހެޅި މައްސަލައެް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކައެކެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
"މި ބާވަތުގެ ދޮގު ވާހަކަ ފެތުރުމަކީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކަށް އޮންނަ އިތުބާރު ގެއްލޭނެ ކަމެކެވެ. އަދި ޕާޓީގެ އެތެރޭގެ މަސްލަހަތަށް ހިޔަނި އެޅޭނެ ކަމެކެވެ."
ތަފްސީލު - ޝާއިރު ހުށަހެޅުއްވި މައްސަލަ ބިނާވެގެގެން ވަނީ، އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މައިގަނޑު ދެ ކަމެއްގެ މައްޗަށެވެ. އެއީ:
އެމްޑީޕީގެ އަސާސީ ގަވާއިދުގެ 46 ވަނަ މާއްދާއާ ހިލާފަށް، އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސްގެ އެއްވެސް އިރުޝާދެއް ނުވަތަ އެންގުމެއް ނެތި އިންތިހާބާ ބެހޭ ކޮމިޓީއިން އަމިއްލަ ގޮތްތަކެއް ނިންމައި، އިންތިހާބު އިންތިޒާމު ކުރަމުންދިއުން
ޕާޓީގެ ލީޑަޝިޕާއި އިންތިހާބާ ބެހޭ ކޮމިޓީއިން އެމްޑީޕީގެ އަސާސީ ގަވާއިދަށް ފުރިހަމައަށް އަމަލުކުރުމަށް އަމުރުކޮށްދިނުމަށް
"މި ކެމްޕޭންގެ ފަރާތުން އެދެނީ ވީހާ ވެސް އަވަހަށް ވޯޓުލުމުގެ ފުރުސަތު އެމްޑީޕީގެ އާންމު މެމްބަރުންނަށް ލިބުމެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
"ޕާޓީގެ މަގާމުތަކާއި ނިންމުންތަކުގެ އިތުބާރާއި ޔަގީންކަން އަދި ސައްހަކަން ލިބިދެވޭނީ އިންތިހާބުތަކުން ކަމުގައި ދެކެމެވެ."
ނަޝީދުގެ ކެމްޕޭންގެ ފަރާތުން ހިންގާ ހަރަކާތްތަކާއި ނިންމާ ނިންމުންތައް އަދި އަޅާ ފިޔަވަޅުތައް ގަވާއިދުން އާންމު ކުރަމުން އަންނާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ގުޅުންހުރި - ޗެއާޕާސަން އިންތިހާބުގެ ޓައިމްލައިން ބާތިލުކުރަން ކޯޓަށް ދިއުމަކީ އެމްޑީޕީގެ އަސާސީ ސިފަތަކާ ވަރަށް އިދިކީލި ބީރައްޓެހި އަމަލެއްކަމަށް ބުނެ، އެ އިންތިހާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވަނީ ފާޑުވިދާޅުވެފަ އެވެ.
ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި ކަމަށް ބުނެ ފަތުރަނީ ދޮގެއް: ނަޝީދުގެ ކެމްޕޭން ޓީމު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ