ދިވެހިން ހިމެނޭ ގޮތަށް އިންޑިއާއަށް ދަތުރުކުރާ ހުރިހާ ފަސިންޖަރުން، ފުރުމުގެ ކުރިން ސެލްފް ޑެކްލަރޭޝަން ފޯމު ހުށަހަޅަންޖެހޭ ގޮތަށް އިންޑިއާގެ ޑައިރެކްޓަރ ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ހަމަޖައްސައިފިއެވެ.
މި ފިޔަވަޅު އަޅާފައިވަނީ ގައިންގަޔަށް އަރާ ބައްޔެއް ކަމަށްވާ އެބޯލާ އަކީ ބައިނަލްއަޤްވާމީ ފެންވަރެއްގައި އާންމު ސިއްޙަތަށް އޮތް ކުއްލި ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައެޅުމާ ގުޅިގެންނެވެ. މީގެ މައިގަނޑު ބޭނުމަކީ ބަލިޖެހިފައިވާ މީހުން ދުރާލައި ދެނެގަނެ، އެއާޕޯޓުތަކުގައި ބަލިތައް މޮނިޓާކުރުމުގެ ނިޒާމު އިތުރަށް ވަރުގަދަކުރުންކަމުގައި ޑީޖީސީއޭއިން ބުނެއެވެ.
މިކަމާއި ގުޅިގެން ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަންއިން ނެރެފައިވާ ބަޔާނެއްގައިވަނީ އިންޑިއާ ސަރުކާރުގެ މި އެންގުމާ އެއްގޮތަށް ދަތުރުވެރިން އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ. މިގޮތުން ދަތުރުކުރުމުގެ ކުރިން ކިއުއާރް ކޯޑު މެދުވެރިކޮށް ފޯމު ފުރިހަމަކުރުމަށް މޯލްޑިވިއަންއިން ވަނީ ދަތުރުވެރިންނަށް އިލްތިމާސްކޮށްފައެވެ. އަދި އިންޑިއާއަށް ދިއުމަށްފަހު، އެ ޤައުމުގެ ހެލްތް އެންޑް އިމިގްރޭޝަން ކައުންޓަރަށް އެ ފޯމު ހުށަހަޅަންޖެހޭނެކަމަށް ބުނެފައިވެއެވެ.
އިންޑިއާގައި އެބޯލާ ފެތުރުން ހުއްޓުވުމަށްޓަކައި އިންޑިއާގެ އެއާޕޯޓުތަކުގައި މިހާރު ވަނީ ސްކްރީން ކުރުމާއި ސަވައިލަންސް ވަރުގަދަކޮށްފައެވެ. ދާދި ފަހުން ބެންގަލޫރުން އެބޯލާއަށް ޝައްކު ކުރެވުނު މީހަކު ފެނުނު ނަމަވެސް، އޭނާގެ ޓެސްޓުތައް ވަނީ ނެގެޓިވްވެފައެވެ. އެބޯލާ ފެތުރުން ހުއްޓުވުމަށްޓަކައި އިންޑިއާއިން މިހާރު ވަނީ އެއާޕޯޓުތަކާއި އެ ގައުމަށް އެތެރެވެވޭ އެހެން ސަރަހައްދުތަކުގައި ސްކްރީން ކުރުމާއި ސަވައިލަންސް ވަރުގަދަކޮށްފައެވެ.
އިންޑިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށާއި ޗުއްޓީއަށް ގޮސްއުޅޭ ގައުމަކަށް ވުމުން، މި އުސޫލުތަކަށް ސަމާލުވުން މުހިންމެވެ.
އެބޯލާ އަކީ ވައިރަހަކުން ޖެހޭ ނުރައްކާތެރި ބައްޔެކެވެ. މީގެ އަލާމާތްތަކުގެ ތެރޭގައި ހުންގަދަވުމާއި، ވަރުބަލިވުމާއި، މަސްތަކާއި ހުޅުތަކުގައި ރިހުން ހިމެނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ)ގައި ހަލުވިކަމާއެކު އެބޯލާ ވައިރަސް ފެތުރެމުންދާތީ، ދުނިޔޭގެ ގިނަ ގައުމުތަކުން ދަތުރުފަތުރުގެ ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅަންފަށާފައެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުން މިފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައިވަނީ، މީގެ ކުރިން އެބޯލާ ފެތުރުނު ހާދިސާތަކުން ލިބުނު ފިލާވަޅުތަކަށް ބަލައި، ބަލި ކޮންޓްރޯލް ކުރުމުގެ ބޭނުމުގައެވެ. އެބޯލާގެ އާ ވައްތަރާއި ދެކޮޅަށް އުފައްދާ ވެކްސިނެއް ތައްޔާރު ކުރަން ނުވަ މަސް ދުވަސް ނަގާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފައިވާކަން ފާހަގަކުރެވެއެވެ.
އިންޑިއާއަށް ދިއުމުގެ ކުރިން ދިވެހިން ވެސް ސެލްފް ޑެކްލަރޭޝަން ފޯމު ހުށަހަޅަންޖެހޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ