މަރާމާތަށްފަހު ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު އާންމުންނަށް ހުޅުވާލައިފި

މަރާމާތަށްފަހު ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު އާންމުންނަށް ހުޅުވާލައިފިއެވެ.
މަރާމަތުގެ މަސައްކަތް ކުރުމަށް ރަސްފަންނު ވަގުތީ ގޮތުން ބަންދުކޮށްފައިވަނީ މިދިޔަ އެޕްރީލްމަހުގެ ތެރޭގައެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ރަސްފަންނު ސަރަޙައްދަށް ބަދަލުތައް ގެނެސް އެތަން ތަރައްޤީކުރުން، އެމްޓީސީސީއާއި އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްފައެވެ. އޭގެތެރޭގައި ގޮނޑުދޮށް ގިރުމުގެ މައްސަލަ ހައްލުކުރުމާއި، ބޭރު ތޮއްޓަށް ބައެއް ބަދަލުތައް ގެނެސް މޫދަށް އެރޭ ސަރަހައްދުގައި ފެން ދައުރުވުން ރަނގަޅުކުރުމާއި ރަސްފަންނު ސަރަޙައްދުގައި ފެން ހިންދާ ރަނގަޅު ނިޒާމެއްގެ ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން އެމްޓީސީސީން މީގެ ކުރިން ވަނީ ފެންހިންދާ ނިޒާމުގެ މަސައްކަތް ނިންމާފައެވެ.
ރަސްފަންނު ތަރަައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން އެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ބައެއް އާންމު ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ވަނީ ހަވާލުކޮށްފައެވެ. މީގެ ތެރޭގައި ރަސްފަންނު ބޭނުންކުރާ ފަރާތްތައް ބޭނުންކުރުމަށް ފާޚާނަބަރިއަކާއި، ފެން މާގަނޑު ބެހެއްޓުން އަދި ލޮކަރފަދަ ވަސީލަތްތައް ޤާއިމްކުރުންވެސް ހިމެނެއެވެ.
ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު މަރާމާތުކުރުމުގެ ގޮތުން ކޮށްފައިވާ މަސައްކަތްތައް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ ބައްލަވާލައްވާފައެވެ.
‏އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދުގެ އުތުރުން ޑްރެއިނޭޖް ރަނގަޅުކުރުމުގެ ގޮތުން ފެންހިންދާ ނިޒާމެއް ޤާއިމްކުރުމާއި، މޫދަށް އެރޭ ސަރަޙައްދުގައި މިހާރު ޖަހާފައިވާ ހިލަ ތޮށި ނަގައި، ފެން ދައުރުކުރުމަށް ކަލްވާޓްސްތަކެއް ހިމަނައިގެން އަލުން ހިލަ ތޮށި ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ، މަރާމާތަށްފަހު ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު އާންމުންނަށް މިހާރު ބޭނުން ކުރެވޭނެކަމަށެވެ.
ރަސްފަންނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައުސިން މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު އެމިނިސްޓްރީގެ ބެލުމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ޤާއުއިމްކުރުމަށް 2016 ވަނަ އަހަރު ތަރައްޤީކޮށް ހުޅުވާފައިވާ ތަނެކެވެ.
އެތަނުގައި ޢާއިލާއާއެކު ހިތްހަމަޖައްސާލަން ތިބެވޭނެ ޖޯލިފަތިތަކާއި ހޮޅުއަށިތަކުގެ އިތުރުން މަސް ބާނަންދާ މީހުންނަށް ޚާއްސަ ހަޓަކާއި ބާބަކިއު ހަދަން ތިބެވޭނެ އިންތިޒާމުތައްވަނީ ގާއިމްކޮށްފައެވެ. މީގެ އިތުރުން އެތަނަށް ދާ ފަރާތްތަކަށް ޚާއްސަކޮށްގެން ޕާކިންގ ޒޯނެއްވެސް ވަނީ ހަދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ