މާތްﷲއަށް ހެޔޮ ގޮތުގައި ތަގުވާވެރިވެ، ނިޔަތުގެ ނުބައިކަމުންނާއި ސިޔާސީ އަދި އެހެނިހެން ވެސް ޖާހިލީ ކަންކަމުން ހައްޖުގެ މަތިވެރި އަޅުކަން އެއްކިބާކޮށް އެ އަޅުކަން ހަމައެކަނި މާތްﷲއަށް ހާލިސްކުރަން އިސްލާމީ އުންމަތަށް މިއަަހަރުގެ ހައްޖު ހުތުބާގައި މިއަދު ގޮވާލައިފި އެވެ.
އެނގުން މުހިންމު - މިއަހަރުގެ ހައްޖު ހުތުބާ ދެއްވީ މަސްޖިދުއްނަބަވީގެ އިމާމު ޑރ. އަލީ ބިން އަބްދުއްރަހުމާން އަލް-ހުޒައިފީ އެވެ. ހަމްދު ސަލާވަތަށް ފަހު ހުތުބާ ފެއްޓެވުމަށް ފަހު، ހެޔޮ ނިޔަތަކާ އެކު މާތްﷲއަށް ތަގުވާވެރިވުމަށް އިސްލާމީ އުންމަތަށް ގޮވާލެއްވި އެވެ.
ތަފްސީލް - ހުތުބާގައި ފުރަތަމަ ހަނދާންކޮށްދިނީ ގިޔާމަތް ދުވަހުގެ ބިރުވެރިކަމެވެ. އެ ދުވަހު ބިންހެލުމަކީ ބޮޑުވެގެންވާ ބިންހެލުމެއް ކަމާއި އެ ދުވަހުގެ ބިރުވެރިކަމުގެ ސަބަބުން މާބަނޑު މީހުންގެ ބަނޑުގައިވާ ދަރި ވައްޓާލާފައި ދުވާނެ ކަމާއި މީސްތަކުން މަސްތުވެގެންވާ ބަޔަކުހެން، އާވާރާވެގެން ބިރުން ކޮޅުކޮޅަށް ދުވާނެކަން ހަނދާންކޮށްދިނެވެ.
އެހެންކަމުން، މާތްﷲއަށް ތަގުވާވެރިވެ ބިރުވެތިވުމަށް ނަސޭހަތްތެރިވި އެވެ. މާތްﷲއަށް ތަގުވާވެރިވުމުގައި ހިމެނޭ އެއް ކަމަކީ ގިޔާމަތް ދުވަހަށް ތައްޔާރުވާ ތައްޔާރުވުން ކަމަށާއި އެކަމަށްޓަކައި ފާފަތަކުން އެއްކިބާވެ، ހެޔޮ އަމަލުކުރުމާ އެކު އަޅުކަން މާތްﷲއަށް ހާލިސްކުރަން ނަސޭހަތްތެރިވި އެވެ.
ހުތުބާގައި ދެން ނަސޭހަތްތެރިވީ، ނަފްސުގެ ނުބައި ކަންތައްތަކުން ރައްކާތެރިވުމަށެވެ. މާތްﷲ ހިޔާނަތްތެރިން ދެކެ ލޯބިވެވޮޑިނުގަންނަވާ ކަމާއި މާތްﷲ މުއުމިނުން ދިފާއުކުރައްވާނެކަން ފާހަގަކުރި އެވެ. އަދި އެކަލާނގެއަށް ނަސްރުދޭ މީހުންނަށް ނަސްރުދެއްވާނެކަން ވެސް ފާހަގަކުރި އެވެ.
މަސްޖިދުލްހަރަމުގެ މަތިވެރިކަމާއި މާތްކަން ހުތުބާގައި ފާހަގަކުރެއްވި އެވެ. އެގޮތުން، މީހަކު ނުބައި ކަމަކަށް ހިތުލައިގެން އެ ބިމަށް ހިނގައްޖެ ނަމަ، އޭގެ ނުރައްކާތެރިކަން ފާހަގަކޮށް، އެކަމަށް އުގޫބާތް ދެއްވާނެކަން ވެސް ހުތުބާގައި ފާހަގަކުރި އެވެ.
ހުރުމަތްތެރިކުރައްވާފައިވާ ގެފުޅާ އެކު އެ ބިމުގެ ވަށައިގެންވާ މުގައްދަސް ތަންތަނަކީ މާތްﷲ އެއްކައުވަންތަކޮށް، ޝިރުކުގެ އެންމެހާ ކަންކަމުން ތޯހިރުކުރެވެންޖެހޭނެ ތަންތަން ކަމަށް ހުތުބާގައިވެ އެވެ. ދެން އެއަށް ފަހު ހުތުބާގައި ބުނީ، ހައްޖު އޮންނަންޖެހޭނީ މާތްﷲއަށް ހާލިސްކުރުމުގެ މައްޗަށް އެކަނި ކަމަށެވެ. އެކަމުގެ ތެރޭގައި ސިޔާސީ ގޮވުންތަކާއި އެ ނޫން ވެސް ޖާހިލީ ޒަމާނުގެ އެކިއެކި ކަންކަން ހިމެނިގެން ނުވާނެކަމާއި އެކަންކަމުން ހައްޖު އެއްކިބާވާންޖެހޭނެ ކަމަށް ހުތުބާގައި ބުންޏެވެ.
ހައްޖަށް އެކިއެކި ކަންކޮޅުތަކުން އެތައް ބަޔަކު ޖަމާވެފައިވާއިރު ކޮންމެ މީހެއްގެ އަހުލާގާއި އަމަލުތައް ރަނގަޅަށް ބަހައްޓައި މަސްލަހަތު ގެއްލިގެން ހިނގައިދާނެ ކަންކަމުން ދުރުހެލިވުމަށް ވެސް ހުތުބާގައި އިލްތިމާސްކުރި އެވެ. ހައްޖުގެ އަޅުކަން އަދާކުރުމުގައި ރަސޫލާ ކަންކުރެއްވި ގޮތަށް ވެސް ހުތުބާގައި އަލިއަޅުވާލި އެވެ.
މީގެ އިތުރުން، އެއް ބަޔަކު އަނެއް ބަޔަކަށް އިހުސާންތެރިވެ، ބަހުގެ ގޮތުން ތެދުވެރިވުމަށް މި ހުތުބާގައި ގޮވާލި އެވެ. ހުތުބާ ނިންމާލަމުން ކުރި ދުއާގައި:
އެންމެހާ ހައްޖުވެރިންގެ ހައްޖު ގަބޫލުކުރެއްވުމަށް އަދި ދުއާތަކަށް އިޖާބަދެއްވުމަށް އެދި ދުއާކުރި
މުސްލިމު އުންމަތް އެކުވެރިކޮށް، ސުލްހަވެރިކޮށް، މުސްލިމުންގެ ކަންކަން މަސަލަސްކޮށް، މުޅި އުންމަތް ހައްގުގެ މައްޗަށް ޖަމާކުރުމަށް އެދުނު
ދީނީ ގޮތުންނާއި ދުނިޔެވީ ގޮތުން ވެސް އެންމެން ރައްކާތެރިކޮށް، އިސްލާހުކޮށްދިނުމަށް އެދުނު
ގައުމުތަކުގެ ވެރިންނަށް ތެދުމަގުގައި ސާބިތުކަން ދެއްވުމަށް އެދުނު
އެނގުން މުހިންމު - ހުތުބާއަށް ފަހު، މެންދުރު އަދި އަސުރު ނަމާދު ގަސުރުކޮށް ޖަމައުކޮށް ކުރާނެ އެވެ. އެއަށް ފަހު އިރުއޮއްސެންދެން ހައްޖުވެރިން އަރަފާތުގައި ދެމިތިބޭނީ ދުއާކުރުމާއި ޒިކުރު ކުރުން ފަދަ އަޅުކަންތަކުގަ އެވެ. އިރުއޮއްސުމަށް ފަހު، މުޒުދަލިފާއަށް ދިއުމަށް ހައްޖުވެރިން އަރަފާތު ބިމުން ނުކުންނަން ފަށާނެ އެވެ.
ހައްޖު ހުތުބާ: ނިޔަތުގެ ނުބައިކަމުންނާއި ޖާހިލީ ކަންކަމުން ހައްޖު އެއްކިބާކުރަން ގޮވާލި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ