އީމާންތެރިކަމާއި އެއްބައިވަންތަކަމަށް ޙައްޖު ޚުޠުބާގައި ބާރުއަޅުއްވައިފި!
ޙައްޖުގެ އެންމެ މުހިންމު ރުކުންކަމުގައިވާ ޢަރަފާތުގައި ތިބުމުގެ މަތިވެރި މަނާސިކު ފުރިހަމަކުރަމުންދާ ވަގުތު، އީމާންތެރިކަމާއި އެއްބައިވަންތަކަމާއި އަދި އޯގާތެރިކަމުގެ މައްޗަށް ބާރުއަޅުއްވައި، ނަމިރާ މިސްކިތުގައި މިއަދު ދެއްވި ޚުޠުބާ, ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިޔަން ބަޔަކު އަޑުއަހައިފިއެވެ. މިއަދުގެ ޚުޠުބާ ދެއްވީ ފަޟީލަތުއްޝައިޚް ޑރ. ޢަލީ ބިން ޢަބްދުއްރަޙްމާން އަލް ޙުޛައިފީއެވެ. މަސްޖިދުއްނަބަވީގެ އިމާމް އަދި ޚަޠީބުގެ މަޤާމު ފުރުއްވާ ޝައިޚް އަލް ޙުޛައިފީގެ މިއަދުގެ ޚުޠުބާ ބިނާކުރެއްވީ އީމާންތެރިކަމާއި ތަޤުވާވެރިކަމާއި ﷲ އަށް ކިޔަމަންތެރިވުމުގެ މައްޗަށެވެ. އެގޮތުން އަމިއްލަ ދިރިއުޅުމުގައްޔާއި އިޖުތިމާޢީ ދިރިއުޅުމުގައި އިސްލާމީ ތަޢުލީމުތަކުގައި ސާބިތުވެ ހިފެހެއްޓުމަށް ޝައިޚް ބާރުއެޅުއްވިއެވެ. މީގެ އިތުރުން، މުސްލިމުންގެ މެދުގައި އޮންނާންޖެހޭ އެއްބައިވަންތަކަމާއި ޒިންމާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، މުޖުތަމަޢެއްގެ ތެރޭގައި ޢަދުލުވެރިކަމާއި އޯގާތެރިކަމާއި ރީތި އަޚްލާގު ޤާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި އެހެން މީހުންގެ އަބުރާއި ޙައްޤުތަކަށް އިޙްތިރާމްކޮށް ރައްކާތެރިކުރުމަށް ވެސް ޚުޠުބާގައި ގޮވައިލެއްވިއެވެ. މުސްލިމުން ބައިބައިނުވުމަށާއި، ނުބައި ކަންތައްތަކުން ދުރުހެލިވުމަށް ގޮވާލައްވައި، އުޚުއްވަތްތެރިކަން ވަރުގަދަކުރުމަށް ޚުޠުބާގައި ބާރުއަޅުއްވާފައިވެއެވެ. އަދި ހަޤީޤީ ކާމިޔާބީއަކީ އިޚްލާޞްތެރިކަމާއި ﷲގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވުންކަން ޙައްޖާޖީންނަށް ހަނދާންކޮށްދެއްވިއެވެ. ޢަރަފާތް ދުވަހަކީ މީގެ ސާދަސަތޭކަ އަހަރު ކުރީން ކީރިތި ރަސޫލާ ކުރެއްވި ވަދާޢުގެ ޙައްޖު ހަނދާންކޮށްދޭ ދުވަހެކެވެ. ޚުޠުބާއަށްފަހު، ޙައްޖާޖީން ވަނީ މެންދުރު ނަމާދާއި ޢަޞްރު ނަމާދު ޖަމްޢުކޮށް ގަޞްރުކޮށް ކޮށްފައެވެ. އަދި އެއަށްފަހު، އިރުއޮއްސުމާ ހަމައަށް ޢަރަފާތު ބިމުގައި އަޅުކަމާއި ދުޢާކުރުމުގައި ދެމިތިބޭނެއެވެ. ޚުޠުބާ ދެމުން ދިޔައިރު، ގިނަ އަދަދެއްގެ ޙައްޖާޖީން އަތްއުފުލައި ދުޢާކޮށް ފާފަފުއްސެވުމަށް އެދޭ މަންޒަރު ފެންނަމުންދިޔައެވެ. މިއަދުގެ އިރުއޮއްސުމާއެކު ޙައްޖާޖީން ޙައްޖުގެ ބާކީ ހުރި އަޅުކަންތައް ފުރިހަމަކުރުމަށް މުޛްދަލިފާއަށް ދިޔުމަށް ވަނީ ހަމަޖެހިފައެވެ. ސަޢުދީގެ ކަމާބެހޭ ފަރާތްތަކުން ކުރިން ހާމަކޮށްފައިވާ ގޮތުގައި، މި އަހަރުގެ ޚުޠުބާ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދުނިޔޭގެ އެކި ބަސްބަހުން ތަރުޖަމާކޮށް ވަގުތުން ދުރަށް ފޮނުވާނެއެވެ. މީގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިއަން މުސްލިމުންނަށް ޚުޠުބާ ވަގުތުން އަޑުއެހުމުގެ ފުރުޞަތު ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ